ނައްތާލެވިފައިވާ ހިމަބިހި މާލެއިން ފެނިއްޖެއެވެ.
ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ބުނީ، ހިމަބިހި (މީސަލްސް) އަށް ޕޮޒިޓިވް ވެފައިވާ މީހަކު އަންގާރަ ދުވަހު މާލެއިން ފެނިފައިވާ ކަމަށެވެ. އަދި އެމީހާ އަކީ ވެކްސިންގެ ދެ ޑޯޒް ފުރިހަމަ ކޮށްފައިވާ މީހެއް ކަމަށެވެ.
އަދި މި ކޭސްއާ ގުޅިގެން ބެލި ބެލުމުން، އެމީހާއަށް ބަލި ޖެހިފައި ވަނީ ރާއްޖެއިން ބޭރުން (އިމްޕޯރޑެޓް ކޭސް) އެއް ކަމަށް އެޗްޕީއޭއިން ބުންޏެވެ.
"ބަލި ޖެހުނު ފަރާތުގެ ސިއްހީ ހާލަތު ހުރި ގޮތުން ދަނީ ހޮސްޕިޓަލުގައި އެޑްމިޓްކޮށްގެން ފަރުވާ ދެމުން" އެޗްޕީއޭއިން ބުންޏެވެ.
ހިމަބިހީގެ ދެ ޑޯޒް ވެކްސިން ފުރިހަމަ ކޮށްފައި ވާނަމަ ބަލި ޖެހުމުގެ ރިސްކު97 އިންސައްތަ ކުޑަކޮށްދެއެވެ. އެހެންކަމުން ވެކްސިން ޖެހުމުން ބަލި ޖެހުމުގެ ފުރުސަތު ވަރަށް ބޮޑަށް ކުޑަކޮށްދެއެވެ. ނަމަވެސް ހިމަބިއްސަކީ އެންމެ ހަލުވިކޮށް ފެތުރޭ އެއް ބަލި ކަމަށް ވުމާއެކު ބައެއް ފަރާތްތަކުން ބައްޔަށް ހުށަހެޅިއްޖެނަމަ، ބަލި ޖެހުމުގެ ފުރުސަތު އޮވެއެވެ.
ރާއްޖެއިން ނައްތާލެވިފައިވާ
އައްޑޫއިން ހިމަބިހީގެ ކޭސްއެއް މިދިޔަ އޭޕްރީލްމަހު އައްޑޫއިންވެސް ވަނީ ފެނިފައެވެ.
ހިމަބިއްސަކީ ދިވެހިރާއްޖޭގައި ނައްތާލެވިފައިވާ ބައްޔެއްކަމަށް ވުމާއެކު މި ބަލީގެ އެންމެ ކޭސްއެއް ފެނުނު ކަމުގައިވިޔަސް ބެލެވޭނީ އައުޓްބްރޭކެއްގެ ގޮތުގައި ކަމުގައި އެޗްޕީއޭއިން ބުނެއެވެ. އަދި މިފަދަ ހާލަތުގައި އަމަލުކުރަން ހަމަޖެހިފައިވާ އުސޫލުގެ މަތިން، ކޮންޓެކްޓުން ދެނެގަތުމާއި، ބަލި ޖެހެން މެދުވެރިވި ސަބަބު ދެނެގަތުމުގެ މަސައްކަތް ކުރަމުން ގެންދާނެއެވެ. އަދި ވަރަށް ވެކްސިން ދޭންޖެހޭ ފަރާތްތަކަށް ވެކްސިން ދިނުމުގެ މަސައްކަތްވެސް ފެށޭނެކަމުގައިވެސް އެޗްޕީއޭއިން ބުނެއެވެ.
ހިމަބިހީގެ މައިގަނޑު އަލާމާތްތަކަކީ ހުންއައުމާއި ހަމުގައި ރަތް ބިހިތަކެއް ނެގުމެވެ. މީގެ އިތުރުން ކެއްސުން، ނޭފަތުން އަރިދަފުސް ފޭބުން އަދި ލޯ ރަތްވުންފަދަ އަލާމާތްތައްވެސް ބައެއް މީހުންގެ ފަރާތުން ފެނުން އެކަށީގެންވެއެވެ. ވީމާ އެއްވެސް ފަރާތަކުން މިފަދަ އަލާމާތެއް ފެނިއްޖެނަމަ ލަސް ނުކުރައްވާ ސިއްހީ ހިދުމަތްތެރިއެއްގެ ލަފާ ހޯއްދެވުމަށް އެޗްޕީއޭއިން އިލްތިމާސް ކުރެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް