ހިޔާ ފްލެޓްގައި ޖުމްހޫރީ ޕާޓީ (ޖޭޕީ)އިން ކުރިއަށް ގެންދާ ޑޯޓުޑޯ ކެމްޕޭންގައި، ހަލުވިކަމާއެކު މެމްބަރުން އެ ޕާޓީއަށް ސޮއިކުރަން ފަށައިފިއެވެ.
މިއަދުވެސް ހިޔާ ފްލެޓްތަކުގައި ދޮރުން ދޮރަށް ޖޭޕީއިން ކެމްޕޭން ކުރަމުން ދާއިރު، މިއަދު އެ ޕާޓީއާ ގުޅީފައި ވަނީ ކުޅުދުއްފުށި ސިޓީއަށް ނިސްބަތްވާ އައިޝަތު މޫސާގެ އިތުރުން ޒުވާނެކެވެ. އެ ޕާޓީން ދަނީ މިއަދު މެންދުރު ކުރި10:30ން ފެށިގެން ހިޔާ ފްލެޓްގައި ދޮރުން ދޮރަށް ކެމްޕޭން ކުރަމުންނެވެ.
އެ ޕާޓީން ދަނީ ސިލްސިލާ ގޮތެއްގައި ދެވަނަ ދިޔަވަހީގައި ދޮރުން ދޮރަށް ކެމްޕޭން ކުރަމުންނެވެ. އަދި ކޮންމެ ދުވަހަކަށްފަހު، އެ ދުވަހެއްގެ މަސައްކަތްތައް އަޕްޑޭޓް ކުރަމުން ދެއެވެ.
މިކަމާ ގުޅިގެން ޖޭޕީއިން "ދުވަސް" އަށް މައުލޫމާތު ދެއްވި ގޮތުގައި، ޕާޓީގެ އާއްމު މެމްބަރުން އިސްނަގައިގެން ދޮރުން ދޮރަށް މި ހިންގާ ކެމްޕޭންގެ އަސްލު މަގުސަދަކީ ޕާޓީގެ ކެނޑިޑޭޓް ގާސިމް އިބްރާހީމަށް ތާއީދު އިތުރު ކުރުމެވެ. އަދި އޭގެ ތެރެއިން ބައެއް ފަރާތްތަކުން ޕާޓީއަށް ސޮއި ކުރަމުންވެސް ގެންދެއެވެ.
ނަމަވެސް ގިނަ މެމަބަރުން އިތުރު ކުރުމަށް ވަކި ޓާގެޓް ނުކުރާކަމަށް އެ ޕާޓީން ބުނެއެވެ. އަދި ހުޅުމާލޭ ދެވަނަ ފިޔަވަހީގެ އިތުރުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހިންގާ ކެމްޕޭން ހަރަކާތްތަކުގެ ތެރެއިން މެމްބަރުން ޕާޓީއަށް ވަންނަމުން ދާތީ، މިހާތަނަށް ވަކިވަކި ތަންތަނުން ސޮއިކުރި މީހުންގެ ސީދާ އަދަދު މިވަގުތު ބުނަން އުނދަގޫ ކަމަށް އެ ޕާޓީން ބުނެއެވެ.
ޖޭޕީގެ ވެރިކަމެއްގައި ހިޔާ ފްލެޓްތަކުގެ ކުލި މާފުކޮށްދޭނެ ކަމަށް ޤާސިމް ވަނީ ވިދާޅުވެފައެވެ.
ޖުމްހޫރީ ޕާޓީގެ158 ވަނަ ކައުންސިލް ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ޤާސިމް ވިދާޅުވެފައި ވަނީ ބޯހިޔާވަހިކަން ފޯރުކޮށްދިނުމުގައި މި ސަރުކާރުން ތަފާތުކުރުން ގެންގުޅޭކަމަށް ވިދާޅުވެފައެވެ.
އެކަމާ ނުރުހުން ފާޅުކުރައްވައި ޤާސިމް ދެއްކެވި ވާހަކަފުޅުގައި ވިދާޅުވީ، އެމަނިކުފާނުގެ ވެރިކަމެއްގައި އެ ތަފާތުތައް ނައްތާލާނެ ކަމަށެވެ. އަދި ސިފައިންނާއި ފުލުހުންނަށް ދީފައިވާ ފްލެޓްތަކާއި ދެވަނަ ފިޔަވަހީގައި އިމާރާތް ކޮށްފައިވާ ފްލެޓްތަކުގެ ކުލި މާފުކޮށްދެއްވާނެ ކަމަށެވެ.
ޤާސިމް ވިދާޅުވެފައި ވަނީ، ބޯހިޔާވަހި ކަމަކީ އަސާސީ ހައްގެއް ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް