އަމީނީ މަގުގައި މިވަގުތު މަސައްކަތް ކުރިޔަށް ގެންދާ ދެ ސެގްމަންޓުގައި އޭބީސީ ފަށަލަ މިރޭ އަޅަން ފަށާނެ ކަމަށް އާރްޑީސީ އިން ބުނެފިއެވެ.
އޭގެއިތުރަށް، އަމީނީމަގު ސެގްމެންޓް 8 އަދި 9 ގެ މައިގަނޑު މަސައްކަތް ނިމުމާއެކު، ތާރު އެޅުމުގެ މަސައްކަތް ކުރުމަށް ތައްޔާރުވަމުންދާ ކަމަށްވެސް އާރްޑީސީ އިން ބުނެއެވެ.
މީގެކުރިން އާރްޑީސީން ބުނެފައި ވަނީ ޗުއްޓީއަށް ފަހު ސްކޫލު ހުޅުވެންވާއިރަށް އަމީނީ މަގުގައި މިވަގުތު ކުރިއަށް ގެންދާ މަސައްކަތް ނިންމާލެވޭނެ ކަމަށެވެ.
މި މަޝްރޫއުގެ ދަށުން 1.7 ކިލޯ މީޓަރުގެ މަގުގައި ތާރު އެޅުމަށް ވަނީ ހަމަޖެހިފައި ކަމަށް އާރްޑީސީ އިން ބުނެފައިވެއެވެ. އަދި އެ މަގުގައި ފެން ހިންދާ ނިޒާމު ގާއިމް ކުރުމަށާއި މަގުބައްތި ޖެހުމަށް ވެސް ވަނީ ހަމަޖެހިފައި ކަމަށް އާރްޑީސީ އިން ބުނެއެވެ. އަދި މި މަސައްކަތް އާރްޑީސީ އަށް ހަވާލު ކޮށްފައި ވަނީ 84.4 މިލިއަން ރުފިޔާ އަށް ކަމަށް އެ ކުންފުނިން ބުނެއެވެ.
މީގެ އިތުރަށް، މާލޭގެ މަގުތައް ތަރައްގީ ކުރަނީ އެ މަގުތަކަކީ އާއްމުންނަށް ހިތްފަސޭހަ ވާނެ ގޮތަކަށް ކަމަށް އާރްޑީސީ އިން ހާމަކޮށްފައިވެއެވެ. އެގޮތުން، އަމީނީ މަގުގައި ވެސް އެ ސިފަ ފެނިގެން ދާނެ ކަމަށް އެކުންފުނިން ބުނެފައިވެއެވެ.
މި މަޝްރޫއުގެ ސަބަބުން އެކިއެކި މަސައްކަތްތަކަށް މަގު ކޮންނަން ޖެހޭ މިންވަރު މަދުވެ، މަގުގައި ދުއްވާ އުޅަނދުތަކަށާއި ހިނގާ މީހުންނަށް އިތުރު ލުއިތަކެއް ލިބިގެން ދާނެ ކަމަށްވެސް އާރްޑީސީއިން ބުނެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް