މިނިވަން ދުވަހުގެ މުނާސަބަތުގައި ހދ. ކުޅުދުއްފުށީގައި 'އަސްލު ހަވާ' އަރުވައިފިއެވެ.
މިދިޔަ ބޮޑު އީދު ފާހަގަ ކުރުމަށްވެސް ކުޅުދުއްފުށިން ހަ ވާ އަރުވާނެ ކަމަށް ބުންޏެވެ. އަދި ލިޔުމުގައިވާ ހުސްތަންކޮޅާ އެއްގޮތަށް އެރަށުން އެރުވީ ހަ ވަލެވެ. އެހެންކަމުން ހަވާ އަރުވާތަން ބަލަން ދިޔަ ކުޑަކުދިން މާޔޫސްވެ، ބޮޑެތި މީހުން ވަނީ އެކަމާ ވަރަށް ބޮޑަށް ނުރުހުން ފާޅުކޮށްފައެވެ.
އެކަމުގެ ދިފާއުގައި އޭރު އެރަށު ކައުންސިލުން ބުނީ، ހަރަކާތްތައް ރާވައި ނަން ދެނީ އެ ހަރަކާތެއް އިންތިޒާމު ކުރާ ފަރާތުން ކަމަށެވެ.
އެހެންކަމުން މިފަހަރު ހަވާ އަރުވާ ހަބަރާއެކު އެންމެންވެސް ބެލީ 'ހަވާ' ގައި ހުސްތަންކޮޅެއް އިންތޯއެވެ. އެއީ އަސްލުގައިވެސް ހަވާ އަރުވަނީތޯ ޔަގީން ކުރުމަށެވެ.
އެރަށުގައި ހަވާ އަރުވާފައި ވަނީ ރޭގެ ވަގުތެއްގައެވެ. އަދި ހަވާއާއެކު މިނިވަން އުފާ ސްޓޭޖް ޝޯއެއްވެސް ވަނީ ކުރިއަށް ގެންގޮސްފައެވެ. މި ޝޯ ހުށަހަޅައި ދީފައި ވަނީ ބިދަބިން ޑާންސް ގްރޫޕާއި މިސްޤާލް ބޮޑުބެރު ގުރޫޕުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް