ބޯހިމެނުމުގެ މަސައްކަތްތައް ޑިޖިޓަލްކޮށް ކުރިޔަށް ގެންދަން އެހީތެރިވެދިނުމަށް ޔޫއެންޑީޕީން ޓެބްލެޓް ހަދިޔާ ކޮށްފި

ބޯހިމެނުމުގެ މަސައްކަތްތައް ޑިޖިޓަލްކޮށް ކުރިޔަށް ގެންދަން އެހީތެރިވެދިނުމަށް ޔޫއެންޑީޕީން ޓެބްލެޓް ހަދިޔާ ކޮށްފިއެވެ. މި ޓެބްލެޓްތައް ހަދިޔާ ކޮށްފައިވަނީ ނޭޝަނަލް ބިއުރޯ އޮފް ސްޓެޓިކްސްއާއި ޔޫއެންޑީޕ...

27 Jul 2022 | 14:35

ބޯހިމެނުމުގެ މަސައްކަތްތައް ޑިޖިޓަލްކޮށް ކުރިޔަށް ގެންދަން އެހީތެރިވެދިނުމަށް ޔޫއެންޑީޕީން ޓެބްލެޓް ހަދިޔާ ކޮށްފިއެވެ.

މި ޓެބްލެޓްތައް ހަދިޔާ ކޮށްފައިވަނީ ނޭޝަނަލް ބިއުރޯ އޮފް ސްޓެޓިކްސްއާއި ޔޫއެންޑީޕީ ގުޅިގެން ކުރިޔަށް ގެންދިޔަ "އިންފޯމަލް ސެކްޓަރ ސާވޭ 2021″ ރިޕޯޓު ނެރުމުގެ ގޮތުން މިއަދު ބޭއްވި ރަސްމިއްޔާތުގައެވެ.

މިއަހަރު ބޭއްވުމަށް ހަމަޖެހިފައިވާ ބޯހިމެނުމުގެ މަސައްކަތަށް ޔޫއެންޑީޕީން ހަދިޔާކުރި 20 ޓެބްލެޓް ހަވާލު ކުރައްވާފައިވަނީ ރާއްޖޭގައި ހުންނަވާ ރެސިޑެންޓް ކޯޑިނޭޓަރ އެންރީކޯ ގަވޭލިއާއެވެ. މި ތަކެއްޗާއި ހަވާލުވެ ވަޑައިގަތީ ބިއުރޯ އޮފް ސްޓެޓިސްޓިކްސްގެ ޗީފް ސްޓެޓީޝަން އައިޝަތު ހުސެއިންއެވެ.

މިއަހަރުގެ ސެޕްޓެމްބަރުމަހުގެ 13 އިން 14 އަށް އަދި 17 އިން 25 އަށް ކުރިއަށް ގެންދިޔުމަށް ނިންމާފައިވާ ރާއްޖޭގެ އާބާދީއާއި ދިރިއުޅޭ ތަންތަނުގެ ބޯހިމެނުމާއި އިޤްތިޞާދީ މަސައްކަތްތަކުގެ ބޯހިމެނުމުގެ މަސައްކަތައް ބޭނުންވާ މީހުން ހޯދުމުގެ މަސައްކަތް މޯލްޑިވްސް ބިއުރޯ އޮފް ސްޓެޓިކްސް މިހާރުވަނީ ފަށާފައެވެ.

މި މަސައްކަތައް 4400 މީހުން ބޭނުންވާ ކަމަށާއި އެއީ މާލޭ ސަރަހައްދަށް ބޭނުންވާ 2409 މީހުންނާއި އަތޮޅުތަކުގައި މަސައްކަތް ކުރާނެ 1991 މީހުން ކަމަށް އެ އިދާރާއިން ބުނެއެވެ.

ބޯހިމެނުމުގައި ޓްރޭނަރުންނާއި އެނިއުމަރޭޓަރުންގެ ގޮތުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލީ މިދިޔަ މެއި މަހުގެ ނިޔަލަށެވެ. މި މަސައްކަތައް ނުކުންނަ މީހުންނާއި ބޭނުންވާ ތަމްރީނުތަކާއި މަސައްކަތް ކުރާ ކޮންމެ ދުވަހަކަށް އެލަވަންސެއް ދޭނެއެވެ. އެގޮތުން މަސައްކަތު ނުކުންނަ ކޮންމެ ދުވަހަކަށް 500 ރުފިޔާގެ އެލަވަންސެއް ދޭއިރު، މަސައްކަތައް ނެރުމުގެ ކުރިން ހިންގާ ތަމްރީނުތަކަށް ނުކުންނަ ކޮންމެ ދުވަހަކަށް 100 ރުފިޔާގެ އެލަވަންސެއް ލިބޭނެއެވެ.

މިއަހަރުގެ ބޯހިމެނުމަށް ތައްޔާރުކޮށްފައިވާ ޓައިމްލައިންގައިވާ ގޮތުން މި މަސައްކަތައް ބޭނުންވާ މީހުން ތަމްރީނުކުރުމުގެ މަސައްކަތް އަންނަ އޮގަސްޓްމަހު ފެށުމަށް ވަނީ ނިންމާފައެވެ.

އެގޮތުން ފުރަތަމަ ތަމްރީނުތައް އަތޮޅުތަކުގައި މަސައްކަތްކުރާ ފަރާތްތަކަށް އޮގަސްޓްމަހު އޮންނައިރު، މާލޭގައި މަސައްކަތް ކުރާ މީހުންގެ ތަމްރީނުތައް އޮންނާނީ އޮގަސްޓްމަހާއި ސެޕްޓެމްބަރު މަހުގެތެރޭގައެވެ.

ރާއްޖޭގެ އާބާދީއާއި ބޯހިމެނުމުގެ ބައެއް މަޢުލޫމާތުތައް އޮކްޓޯބަރު 6 ވަނަ ދުވަހު ޢާއްމުކުރާނެއެވެ. އަދި މުޅި ސަރވޭގެ މަޢުލޫމާތު ހާމަކުރާނީ ޤައުމީ ތަފާސްހިސާބުތަކުގެ ދުވަސްކަމަށްވާ އޮކްޓޯބަރު 20 ގައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް