މާލެއިން ބޭރުގައި ފުރަތަމަ ފަހަރަށް ބާއްވާ "ދިވެހި ފަންނާނުގެ މިއުޒިކީ ޢީދު" ޝޯވ އައްޑު ސިޓީ ގައި މިރޭ އޮންނާނެއެވެ.
މި ޝޯވ ބޭއްވުމަށް ހަމަޖެހިފައިވަނީ އައްޑޫ ސިޓީ ހިތަދޫ ސްޓޭޖުގައެވެ. ޝޯވ ފަށާނީ 20:30 ގައެވެ.
ރާއްޖޭގެ މިނިވަން ދުވަހާ ގުޅިގެން ބާއްވަމުން އަންނަ މި ޝޯވ އައްޑޫ ސިޓީގައި ބޭއްވުމަށް ނެޝަނަލް ސެންޓަރ ފޮރ ދި އަރޓްސް (އެންސީއޭ) އިން ނިންމީ އަތޮޅުތަކުގައި ތިބި މިފަދަ ފަންނާނުންނަށް ވެސް ފުރުޞަތު ފަހިކޮށްދިނުމަށް ކަމަށް ވަނީ ބުނެފައެވެ.
މިރޭގެ ޝޯވ ބައްލަވާލެއްވުމަށް އާޓްސް، ކަލްޗަރ އެންޑް ހެރިޓޭޖް މިނިސްޓަރ ޔުމްނާ މައުމޫނާއި ޝޯވގައި ބައިވެރިވާ ފަންނާނުންނަށް ގަން އިންޓަރނޭޝަނަލް އެއަރޕޯޓުން ވަނީ ހޫނު މަރުޙަބާއެއް ކިޔާފައެވެ.
މިފަހަރުގެ ފަންނާނުންގެ މިއުޒިކީ ޢީދުގައި އައްޑޫގެ ދެ ބޭންޑަކާއި ޓްރެފިކް ޖޭމް، އިކުއިޓިކް ވައިބް އަދި ބައެއް އަމިއްލަ ލަވަކިޔުންތެރިން ވެސް ބައިވެރިވާގޮތަށް ވަނީ ހަމަޖެހިފައެވެ. އަދި ނެށުމުގެ ފަންނުވެރިކަމުގައި މަސައްކަތް ކުރާ ބައެއް ފަންނާނުން ބައިވެރިވާނެއެވެ.
ނެޝަނަލް ސެންޓަރ ފޮރ ދި އަރޓްސްއާއި އައްޑޫ ސިޓީ ކައުންސިލް ގުޅިގެން ބާއްވާ މި ޝޯވ ގެ މެއިން ސްޕޮންސަރުންނަކީ އެމް.ޓީ.ސީ.ސީ، އެސް.ޓީ.އޯ، ފެނަކަ ކޯރޕަރޭޝަން އަދި އުރީދޫ މޯލްޑިވްސްއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް