ދައުލަތުގެ އާމްދަނީ އިތުރުވާނެ ގޮތްތައް ދެނެގަނެ، ސަބްސިޑީ ދިނުމުގެ އުސޫލުތައް ރިފޯމްކުރަން ޖެހޭ ކަމަށް އައިއެމްއެފް އިން ބުނެފިއެވެ.
އެ އިދާރާ އިން ބުނީ ދަރަނި މެނޭޖްކޮށް، މިހާރަށް ވުރެ ހަރުދަނާ އުސޫލަކުން ޚަރަދުތައް ހަމަޖެއްސުމަށް މިއީ އުސޫލުތައް ރިފޯމް ކުރަންވީ ވަގުތު ކަމަށެވެ.
ކޮވިޑާއި ގުޅިގެން ޚަރަދުތައް ހަމަޖައްސަން ގިނަ ލޯނުތަކެއް ނެގުމުގެ ސަބަބުން ދައުލަތުގެ ދަރަނި އިންތިހާ އަށް މައްޗަށް ގޮސްފައިވާކަން ފާހަގަކޮށް އައިއެމްއެފް އިން ބުނެފައިވަނީ ދަރަނި ދެއްކުމުގެ ރިސްކު ވަރަށް ބޮޑުވެފައިވާ ކަމަށެވެ. އަދި މި ހާލަތުން އަރައިގަތުމަށް ޚާއްސަ އުސޫލުތަކެއް އެކުލަވާލަން ޖެހޭ ކަމަށެވެ.
ރާއްޖޭގައި އެންމެ ބޭނުންވާ މީހުންނަށް ތެލުގެ ސަބްސިޑީ ދޭ ގޮތަށް ހަމަޖެއްސުމުގެ މަސައްކަތް ސަރުކާރުން މިހާރުވެސް ކުރަމުން އަންނައިރު، ތެލުގެ ސަބްސިޑީ އަށް މި އަހަރުގެ ބަޖެޓުގައި 341.5 މިލިއަން ރުފިޔާ ހިމަނާފައިވީނަމަވެސް މިދިޔަ ޖޫން މަހުގެ ނިޔަލަށް އެކަނިވެސް 910.3 މިލިއަން ރުފިޔާ ވަނީ ސަބްސީޑިއަށް ހޭދަކޮށްފައެވެ.
ތެލަށް ކުރާ ހޭދަ ހަތަރު ގުނަ އިތުރުވާނެ ކަމަށް ސަރުކާރުން ބުނެފައިވާއިރު، ތެލަށް ކުރާ ހޭދަ އަހަރު ނިމޭއިރު 1.3 ބިލިއަން ރުފިޔާ އަށް އަރާނެ ކަމަށް ވެސް ސަރުކާރުން ވަނީ ލަފާކޮށްފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް