މިއަހަރުގެ ދެވަނަ ކުއަރޓަރގައި 219 މީހުންނަށް ގެވެށި އަނިޔާ ލިބިފައިވާކަމަށް ފެމިލީ ޕްރޮޓެކްޝަން އޮތޯރިޓީ (އެފް.ޕީ.އޭ) އިން ހާމަކޮށްފިއެވެ.
އެފް.ޕީ.އޭ ގެ 2022 ވަނަ އަހަރުގެ ދެވަނަ ކުއަރޓަރގެ ތަފާސްހިސާބުތައް ދައްކާގޮތުން މީގެ ތެރޭގައި 18 އަހަރުން މަތީގެ 112 އަންހެނުންނާއި 22 ފިރިހެނުން އަދި 18 އަހަރުން ދަށުގެ 55 އަންހެންކުދިން ހިމެނެއެވެ. އަދި 25 ފިރިހެން ކުދިން ވެސް ހިމެނެއެވެ.
މީގެ އިތުރުން ޖިންސުގެ މަޢުލޫމާތު ލިބިފައިނުވާ ފަސް ކުޑަކުދިން ވެސް ހިމެނޭ ކަމަށް އެ ރިޕޯޓުގައި ބުނެފައިވެއެވެ.
ގެވެށި އަނިޔާގެ ޢަމަލެއް ހިންގައިގެން ރިޕޯޓްކުރެވުނު މީހުންގެ ޢަދަދަކީ 187 ކަމަށާއި މީގެ ތެރޭގައި 155 ފިރިހެނުންނާއި 32 އަންހެނުން ހިމެނޭ ކަމަށް ވެސް ތަފާސް ހިސާބުން ދައްކައެވެ.
ދެވަނަ ކުއަރޓަރގައި އެ އޮތޯރިޓީއަށް ހުށަހެޅުނު ވަކިވަކި މައްސަލަތަކުގެ ތެރެއިން އެންމެ ގިނަ ޢަދަދަކަށް ހިނގާފައިވާކަމަށް ރިޕޯޓްކުރެވިފައިވާ ގެވެށި އަނިޔާގެ ޢަމަލުތަކަކީ ޖިސްމާނީ އަނިޔާގެ މައްސަލަތަކެވެ.
އެގޮތުން ޖިސްމާނީ އަނިޔާގެ 117 ހާދިސާއަކާއި ނަފްސާނީ އަނިޔާ އަދި ބަހުގެ ހަމަލާ ދިނުމުގެ 116 ހާދިސާއަކާއި ބިރުދެއްކުމުގެ 83 ހާދިސާއެއް ހުށަހަޅާފައިވާ ކަމަށް ދައްކައެވެ.
މި ތިން ބާވަތުގެ އަނިޔާއަކީ ފާއިތުވި ތިންއަހަރުގެ ތެރޭގައި ވެސް އެންމެ ގިނަ ޢަދަދަކަށް ހިންގާފައިވާކަމަށް ރިޕޯޓްކުރެވިފައިވާ ގެވެށި އަނިޔާގެ ޢަމަލުތަކެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް