ރާއްޖެއިން މިއަހަރު ހައްޖަށް ދިޔަ ދިވެހި ހައްޖުވެރިންގެ އެންމެފަހު ގްރޫޕް މާލެ އަތުވެއްޖެއެވެ.
އެ ގްރޫޕު ރާއްޖެ އައިސްފައިވަނީ މިއަދު ހެނދުނު 10 ޖެހިއިރުއެވެ.
ހައްޖުވެރިންނާއި އާއިލާގެ މީހުންނަށް ޚާއްސަކޮށް ޚިދުމަތްދިނުމަށްޓަކައި އެމް.އޭ.ސީ.އެލުން ޙައްޖުވެރިންނަށް ޚާއްސަ ސަރަޙައްދެއް މިއަހަރު ހަމަޖައްސައިދީފައިވާއިރު، އެފަރާތްތަކަށް އެހީވުމަށް އިތުރު މުވައްޒަފުން ވެސް ވަނީ ހަރަކާތްތެރިވެފައެވެ.
މީގެ އިތުރުން އެމްޓީސީސީން ވަނީ ޙައްޖާޖީން ބަލާ އެއަރޕޯޓަށް ދާން ބޭނުންވި އާއިލާގެ ފަރާތްތަކަށް ކޮންމެ 15 މިނެޓަކުން ބަސް ދަތުރުތައް ވެސް ބާއްވާފައެވެ.
އެހެންނަމަވެސް ބަސްތަކުގައި ގިނަ އަދަދެއްގެ ލަގެޖް އުފުލާނެ ޖާގަ ނުހުންނާނެތީ ޙައްޖުވެރިންގެ ލަގެޖް ގެންދިޔުމުގެ އިންތިޒާމު އަމިއްލައަށް ހަމަޖެއްސުމަށް ކަމާއިބެހޭ އިދާރާތަކުން އިރުޝާދުދީފައިވެއެވެ.
ރާއްޖެއިން 453 ޙައްޖުވެރިން، ޙައްޖުގެ އަޅުކަން އަދާކުރުމަށް ސަޢުދީ ޢަރަބިއްޔާއަށް މިއަހަރު ދިޔައެވެ. އޭގެ ތެރެއިން ފުރަތަމަ ގްރޫޕު ރާއްޖެ މިމަހުގެ 20 ވަނަ ދުވަހު ރާއްޖެ އައިއިރު، އެ ދުވަހުގެ ފްލައިޓުން 157 ޙައްޖުވެރިން ވަނީ ރާއްޖެ އައިސްފައެވެ. އަދި މިމަހުގެ 23 ވަނަ ދުވަހުގެ ފްލައިޓުން ދެވަނަ ގްރޫޕުގައި ރާއްޖެ އައިއިރު، އެ ފްލައިޓުން 175 ޙައްޖާޖީން ވަނީ ރާއްޖެއައިސްފައެވެ. އެންމެފަހު ގްރޫޕުގައި މިއަދު ރާއްޖެ އައިސްފައިވަނީ 117 ޙައްޖުވެރިންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް