ޔޯގާ ހަރާމްކަމަށް ދީނީ 104 އިލްމުވެރިޔަކު އިއްތިފާގުވެވަޑައިގެންފި

ޔޯގާއަކީ ހަރާމްކަމެއްކަމުގައި ރާއްޖޭގެ ދީނީ 104 އިލްމުވެރިޔަކު އިއްތިފާގުވެވަޑައިގެން އެކަން ހާމަކުރައްވައިފިއެވެ. ދީނީ އިލްމުވެރިން އެކަން އިއުލާނުކުރެއްވީ އިލްމުވެރިންގެ ގުޅުމުން ކޮށްފައިވާ ދިރާސާއަ...

27 Jul 2022 | 06:19

ޔޯގާއަކީ ހަރާމްކަމެއްކަމުގައި ރާއްޖޭގެ ދީނީ 104 އިލްމުވެރިޔަކު އިއްތިފާގުވެވަޑައިގެން އެކަން ހާމަކުރައްވައިފިއެވެ.

ދީނީ އިލްމުވެރިން އެކަން އިއުލާނުކުރެއްވީ އިލްމުވެރިންގެ ގުޅުމުން ކޮށްފައިވާ ދިރާސާއަކަށްފަހު އާއްމުކުރި ނޫސްބަޔާނެއްގައެވެ.

އެ ދިރާސާއަކީ އިލްމުވެރިންގެ ގުޅުމުގެ ފަރާތުން 15 މެއި 2022 އިން 18 ޖުލައި 2022 އާއި ދެމެދު ޔޯގާގެ ހުކުމާއި ގުޅޭގޮތުން ކުރެވުނު ދިރާސާއެކެެވެ.

ދިރާސާގެ ހުލާސާގައި ބުނެފައިވާގޮތުގައި ޔޯގާއަކީ ހަމައެކި ކަސްރަތެއްގެ ގޮތުގައި ދުނިޔޭގެ ކަންކޮޅުތަކުގައި ފެތުރުމުގެ ބޭނުމަކީ، އެހެން އަގީދާތަކުގެ މީސްތަކުންނަށް އޮޅުވާލައިގެން އެބައިމީހުން ލައްވައި ހިންދޫ ދީނުގެ އަޅުކަންތައް ކުރުވުމެވެ. އަދި އެ ދީންތަކުގެ ކަންކަމަށް ލޯބި ޖައްސައި އެދީންތަކަށް ތަބާވާ ބައެއް ކަމުގައި މީސްތަކުން ހެދުމެވެ.

"ކަސްރަތެއްގެ ގޮތުގައި ޔޯގާ އާއްމުކުރުމަށް ބުދު ދީނާއި ހިންދޫ ދީނުގެ އަހުލުވެރިން މަސައްކަތް ކުރަނީ އެއީ ދީނީ ކަމެއްގެ ގޮތުގައި ދައްކައިގެން އެކަން ގެނައުމަކީ އުނދަގޫކަމެއް ކަމަށްވާތީއެވެ." އެ ނޫސްބަޔާނުގައި ބުނެފައިވެއެވެ.

އިލްމުވެރިން ވިދާޅުވެފައިވަނީ ޔޯގާއަކީ ބުދު ދީނާއި ހިންދޫ ދީނުގެ އަޅުކަންތަކުގެ ތެރެއިން އަޅުކަމެއް ކަމަށާއި އަދި އޭގައި ޝިރުކު ކުރުން އެކުލެވިގެންވާކަމަށެވެ.

"ވީމާ ޔޯގާއަކީ އޭގެ ޒާތުގައި ހިންދޫންގެ އަޅުކަމަކަށްވާތީ، ޔޯގާގެ ނަން ދީގެ ނުވަތަ ޔޯގާގެ ނިޔަތުގައި ޔޯގާގެ ބައިތައް މުޅިން ފުރިހަމަނުވާގޮތަށްވެސް ކަންތައްތަކެއް ކުރުން ޝަރުއީގޮތުން ހުއްދައެއް ނުވާނެ" އިލްމުވެރިން ވިދާޅުވެފައިވެއެވެ.

އެ ނޫސްބަޔާނުގައި އިތުރަށް ބުނެފައިވަނީ ކަސްރަތެއްގެ ނަމުގައިވެސް ނުވަތަ އެ ނޫން ނަމެއްގައިވެސް ޔޯގާ ހެދުމާއި ޔޯގާ ހަރަކާތްތަކުގައި ބައިވެރިވުމަކީ މުސްލިމުންގެ މައްޗަށް ހަރާމް ކަމެއް ކަަަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް