ހަރުކަށި ފިކުރު ނައްތާލުމާއި ގުޅޭގޮތުން ޝަހީމްގެ ވިސްނުމަށް ނަޝީދު ތާއީދު ކުރައްވައިފި!

ރާއްޖެއިން ހަރުކަށި ފިކުރު ނައްތާލުމާއި ގުޅޭގޮތުން ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ މުހައްމަދު ޝަހީމް އަލީ ސައީދު އޭނާގެ ވެބްސައިޓުގައި ލިޔުއްވާފައިވާ ލިޔުމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު...

27 Jul 2021 | 17:18

ރާއްޖެއިން ހަރުކަށި ފިކުރު ނައްތާލުމާއި ގުޅޭގޮތުން ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ މުހައްމަދު ޝަހީމް އަލީ ސައީދު އޭނާގެ ވެބްސައިޓުގައި ލިޔުއްވާފައިވާ ލިޔުމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ތާއީދު ކުރައްވައިފި އެވެ.

ޝަހީމް ވިދާޅުވީ ރާއްޖެއިން ހަރުކަށި ފިކުރު ނައްތާލުމަށް އެއްވެސް އިދާރާއަކުން އެހީތެރިކަމަށް އެދެފި ނަމަ އެކަމަށް ތައްޔާރަށް ހުންނެވި ކަމަށެވެ.

އޭނާ ވިދާޅުވީ ހަރުކަށި ފިކުރު ނައްތާލެވޭނީ ހަރުކަށި ފިކުރަކީ ކޮަބައިކަން ބުނެދީ އެފިކުރުގެ ނުބައި މަފްހޫމްތަކުގެ ޙަޤީޤަތް ރަނގަޅަށް ކިޔާދީގެން ކަމަށެވެ. ހަރުކަށި ފިކުރުން ޤައުމު ސަލާމަތްކުރުމަށްޓަކައި އިސްލާމީ ފަލްސަފާގެ އަލީގައި އިސްތިރާތީޖީ ޕްލޭނެއް އެކުލަވާލައި މަސައްކަތްކުރުމުން ވަރަށް މުހިންމު ކަމަށް ޑރ. ޝަހީމް ވިދާޅުވި އެވެ.

ޑރ. ޝަހީމްގެ އެ ލިޔުން ނަޝީދު މިއަދު ވަނީ ޓުވިޓާގައި ޝެއާ ކުރައްވައިފަ އެވެ. ސޯޝަލް މީޑިއާގައި އެފަދަ ގޮތަކަށް ޝެއާކޮށްފި ނަމަ ބެލެވޭނީ އެކަމަކަށް ތާއީދު ކުރަނީ ކަމަށެވެ.

އެކަމަކު އިތުރު އެއްޗެއް އެ ލިޔުމާއި ގުޅޭގޮތުން ނަޝީދު ވިދާޅުވެފައެއް ނުވެ އެވެ.

https://twitter.com/MohamedNasheed/status/1419970891459436546

ހަރުކަށި ފިކުރަކީ ޤާނޫނީ ޢުޤޫބާތުން ނުވަތަ ވަޢުޡު އިރުޝާދުން އެކަނި ރަނގަޅު ކުރެވޭނެ ކަމެއްނޫންކަމަށް ޝަހީމްގެ ޓުވީޓުގައި ވިދާޅުވި އެވެ. އަދި ދިގުދެމިގެންވާ ޙައްލެއް ބޭނުން ނަމަ އެކަމަށް ސީދާ އަމާޒުކޮށްގެން ޢިލްމީ ގޮތުންނާއި ފިކުރީ ގޮތުން ގިނަ ގުނަ މަސައްކަތްތަކެއް ކުރަންޖެހޭ ކަމަށް ފާހަގަ ކުރެއްވި އެވެ.

ޝަހީމް ވިދާޅުވީ އެ މަސައްކަތުގައި މުއައްސަސާތަކުން ބޭނުންނަމަ އެހީތެރިވެދެއްވާނެ ކަމަށެވެ.

ހަރުކަށި ފިކުރު ރާއްޖޭގައި އަށަގަނެފައިވާ ވާހަކަ ދެއްކުން އިތުރުވެފައިވަނީ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލަން ދިން ހަމަލާ އާއި ގުޅިގެންނެވެ. އެ މައްސަލައިގަ މިހާތަނަށް 10 މީހަކު ހައްޔަރުކޮށްފައިވާއިރު އެ އެންމެންނަކީ ހަރުކަށި ފިކުރަށް ތާއީދި ކުރާ މީހުންނެވެ.

އަދި އެމީހުން ނަޝީދު އަވަހާރަ ކޮށްލަން މަސައްކަތް ކުރީ ނަޝީދު އިސްލާމް ދީނުގެ ކަންކަމުގައި ގެންގުޅޭ ވިސްނުމަށް ތާއީދުނުކޮށް ދިވެހި ދައުލަތް ގަބޫލު ނުކުރާތީ ކަމަށް ފުލުހުންގެ ތަހުގީގަށް އެނގިފައިވާ ކަމަށް ބުނެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް