ހދ. ކުޅުދުއްފުށީ ސިޓީގައި ކޯވިޑް-19 އަށް ޕޮސިޓިވްވި މީހުންގެ އަދަދު 20ށް އަރައިފި އެވެ.
ކުޅުދުއްފުށި މޮނިޓަރިންގެ ހާލަތަށް ގެނައި މިދިޔަ ހޮނިހިރު ދުވަހު އެވެ. މޮނިޓަރިންގެ ހާލަތަށް ގެނައީ އެ ދުވަހު ފްލޫ ކްލިނިކަށް ޑޮކްޓަރަށް ދެއްކި އުމުރުން13 އަހަރުގެ ކުއްޖަކު ކޯވިޑަށް ޕޮސިޓިވްވުމުންނެވެ.
ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުން ބުނީ މިދިޔަ ތިން ދުވަސް ތެރޭގައި އެ ސިޓީން ޕޮސިޓިވްވީ 20 މީހުންގެ ތެރެއިން ހަތް މީހުންނަކީ މިއަދު ޕޮސިޓިވްވި މީހުންނެވެ. މިއަދު ބަލި ޖެހިފައިވަނީ ފްލޫ ކްލިނަށް ޑޮކްޓަރަށް ދެއްކި ދެ މީހަކާއި ކުރިން ޕޮސިޓިވްވެފައި ތިބި މީހުންނާއި ޑައިރެކްޓު ކޮންޓެކްޓު ވެގެން ޓެސްޓު ކުރި ފަސް މީހެކެވެ.
އެ ހޮސްޕިޓަލުން ބުނީ މިއަދު ކުޅުދުއްފުށިން ރެންޑަމް ސާމްޕަލްގެ ގޮތުގައި 44 ސާމްޕަލެއް ނަގާފައިވާ ކަމަށެވެ. އަދި ފްލޫ ކްލިނިކަށް ބަލިވެގެން ޑޮކްޓަރަށް ދެއްކި ހަ މީހަކުވެސް ކޯވިޑަށް ޓެސްޓުކޮށްފައިވާ ކަމަށެވެ.
އެ ހޮސްޕިޓަލުން ލަފާ ކުރާގޮތުގައި ރަށުތެރޭގައި ބަލި ފެތުރެމުން ދިއުމުގެ ފުރުސަތު އެބައޮތެވެ. އެހެންވެ ހުރިހާ ފަރާތްތަކުން އެޗްޕީއޭގެ ގައިޑްލައިނަށް އިހުތިރާމް ކުރުމަށް އިލްތިމާސްކޮށްފައިވެ އެވެ.
ކުޅުއްދުއްފުއްޓަކީ އެންމެ އުތުރުގެ ތިން އަތޮޅުން ގިނަބަޔަކު ސިއްހީ ފަރުވާ އާއި އެނޫން ބޭނުންތަކުގައި ދަތުރު ކުރާ ތަނަކަށް ވާތީ ކޯވިޑްގެ އެންމެ ކޭސްއެއް ފެނުނަސް އެ ސިޓީ މޮނިޓަރިންގެ ހާލަތަށް ގެނެ އެވެ. މިއަހަރު ތެރޭގައިވެސް މިހާރު ކުޅުދުއްފުށި ސިޓީ ހަ ފަހަރު މޮނިޓަރިންއަށްލައިފި އެވެ.
ކުޅުދުއްފުށީގެ އިތުރުން މިވަގުތު މޮނިޓަރިންގެ ހާލަތުގައި އޮތީ 12 ރަށެ ކެވެ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް