ހަރުކަށިފިކުރު ނައްތާލަން އެހީވެދޭން ތައްޔާރު، ބޭނުންވަނީ އިސްތިރާތީޖީ ޕްލޭނެއް: ޑރ. ޝަހީމް

ރާއްޖެއިން ހަރުކަށި ފިކުރު ނައްތާލުމަށް އެއްވެސް އިދާރާއަކުން އެހީތެރިކަމަށް އެދެފި ނަމަ އެކަމަށް ތައްޔާރަށް ހުންނެވި ކަމަށް ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެ...

27 Jul 2021 | 09:15

ރާއްޖެއިން ހަރުކަށި ފިކުރު ނައްތާލުމަށް އެއްވެސް އިދާރާއަކުން އެހީތެރިކަމަށް އެދެފި ނަމަ އެކަމަށް ތައްޔާރަށް ހުންނެވި ކަމަށް ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެ އެވެ.

ޝަހީމް މިހެން ވިދާޅުވީ ކުރެއްވި ޓުވީޓެއްގައި އެވެ.

އޭނާ ވިދާޅުވީ ހަރުކަށި ފިކުރު ނައްތާލެވޭނީ ހަރުކަށި ފިކުރަކީ ކޮަބައިކަން ބުނެދީ އެފިކުރުގެ ނުބައި މަފްހޫމްތަކުގެ ޙަޤީޤަތް ރަނގަޅަށް ކިޔާދީގެން ކަމަށެވެ. ހަރުކަށި ފިކުރުން ޤައުމު ސަލާމަތްކުރުމަށްޓަކައި އިސްލާމީ ފަލްސަފާގެ އަލީގައި އިސްތިރާތީޖީ ޕްލޭނެއް އެކުލަވާލައި މަސައްކަތްކުރުމުން ވަރަށް މުހިންމު ކަމަށް ޑރ. ޝަހީމް ވިދާޅުވި އެވެ.

ހަރުކަށި ފިކުރަކީ ޤާނޫނީ ޢުޤޫބާތުން ނުވަތަ ވަޢުޡު އިރުޝާދުން އެކަނި ރަނގަޅު ކުރެވޭނެ ކަމެއްނޫންކަމަށް ޝަހީމްގެ ޓުވީޓުގައި ވިދާޅުވި އެވެ. އަދި ދިގުދެމިގެންވާ ޙައްލެއް ބޭނުން ނަމަ އެކަމަށް ސީދާ އަމާޒުކޮށްގެން ޢިލްމީ ގޮތުންނާއި ފިކުރީ ގޮތުން ގިނަ ގުނަ މަސައްކަތްތަކެއް ކުރަންޖެހޭ ކަމަށް ފާހަގަ ކުރެއްވި އެވެ.

ޝަހީމް ވިދާޅުވީ އެ މަސައްކަތުގައި މުއައްސަސާތަކުން ބޭނުންނަމަ އެހީތެރިވެދެއްވާނެ ކަމަށެވެ.

https://twitter.com/Mohamedshaheem1/status/1419877889676242944

ހަރުކަށި ފިކުރު ރާއްޖޭގައި އަށަގަނެފައިވާ ވާހަކަ ދެއްކުން އިތުރުވެފައިވަނީ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލަން ދިން ހަމަލާ އާއި ގުޅިގެންނެވެ. އެ މައްސަލައިގަ މިހާތަނަށް 10 މީހަކު ހައްޔަރުކޮށްފައިވާއިރު އެ އެންމެންނަކީ ހަރުކަށި ފިކުރަށް ތާއީދި ކުރާ މީހުންނެވެ.

އަދި އެމީހުން ނަޝީދު އަވަހާރަ ކޮށްލަން މަސައްކަތް ކުރީ ނަޝީދު އިސްލާމް ދީނުގެ ކަންކަމުގައި ގެންގުޅޭ ވިސްނުމަށް ތާއީދުނުކޮށް ދިވެހި ދައުލަތް ގަބޫލު ނުކުރާތީ ކަމަށް ފުލުހުންގެ ތަހުގީގަށް އެނގިފައިވާ ކަމަށް ބުނެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް