ކިޔެވުން ފެށުމުގެ ކުރިން ސްކޫލްތަކުގެ މުވައްޒަފުން ވެކްސިން ޖެހުމަށް އަންގައިފި

ދިރާސީ އާ އަހަރުގެ ކިޔެވުން ފެށުމުގެ ކުރިން ސްކޫލުތަކުގެ މުވައްޒަފުން ކޯވިޑުން ދިފާއުވުމަށް ވެކްސިން ޖެހުމަށް އެޑިއުކޭޝަން މިނިސްޓްރީން ސްކޫލުތަކަށް އަންގައިފި އެވެ. އެޑިއުކޭޝަން މިނިސްޓްރީން ސްކޫލުތަ...

27 Jul 2021 | 05:20

ދިރާސީ އާ އަހަރުގެ ކިޔެވުން ފެށުމުގެ ކުރިން ސްކޫލުތަކުގެ މުވައްޒަފުން ކޯވިޑުން ދިފާއުވުމަށް ވެކްސިން ޖެހުމަށް އެޑިއުކޭޝަން މިނިސްޓްރީން ސްކޫލުތަކަށް އަންގައިފި އެވެ.

އެޑިއުކޭޝަން މިނިސްޓްރީން ސްކޫލުތަކުގެ ވެރިންނަށް ފޮނުވި ސިޓީއެއްގައި ބުނީ، ދިރާސީ އާ އަހަރުގެ ކިޔެވުން ފަށާއިރު އާންމު ހާލަތުގައި ސްކޫލުތަކުގެ ކިޔެވުން ކުރިއަށް ގެންދިއުމުގެ ބޭނުމަށް، ކޮވިޑުން ދިފާއުވުމަށް ރާއްޖޭގައި ދެމުން އަންނަ ވެކްސިންގެ ޑޯޒްތައް ސްކޫލުތަކުގެ ހުރިހާ މުވައްޒަފުން ފުރިހަމަކުރަން ޖެހޭ ގޮތަށް ނިންމާފައިވާ ކަމަށެވެ.

ވެކްސިންގެ އެއް ޑޯޒް ޖަހައި، ދެވަނަ ޑޯޒް ފުރިހަމަ ކޮށްފައިނުވާ މުވައްޒަފުން އެކަން ފުރިހަމަކުރުމުގެ ފަސޭހަ އިންތިޒާމުތަކެއް ހަމަޖެއްސުމަށް ކަމާ ބެހޭ ފަރާތްތަކާ އެކު އަންނަނީ މަޝްވަރާ ކުރަމުން ކަމަށާއި، އެއްވެސް ސަބަބަކާ ހުރެ ފުރަތަމަ ޑޯޒް ނުޖަހައި ތިބި މުވައްޒަފުންނަށް ވެސް ވެކްސިން ޖެހުމަށް ފަސޭހަ ގޮތެއް ހޯދައިދޭނެ ކަމަށް އެ މިނިސްޓްރީން ވަނީ ބުނެފައެވެ.

މިނިސްޓްރީން ބުނީ، މާލެއެކޭ އެއްގޮތަށް ރަށްރަށުގެ ސްކޫލުތަކުގައި މަސައްކަތްކުރާ މުވައްޒަފުންނަށް ފަސޭހަ އިންތިޒާމެއްގެ ދަށުން ވެކްސިން ޖެހޭނެ ކަމަށެވެ.

ރާއްޖޭގައި ކޮވިޑް ވެކްސިން ޖަހާ އުމުރުގެ 90 ޕަސެންޓް މީހުންނަށް އަންނަ މަހުގެ ނިޔަލަށް ވެކްސިން ޖަހައި ނިންމޭނެ ކަމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވަނީ ވިދާޅުވެފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް