ސޮނީން ދައްކާ "ދަ ކަޕިލް ޝަރްމާ ޝޯ" ގައި މުހިންމު ރޯލަކުން ފެނިގެންދިޔަ އަދި ފަހުން ކަޕިލް އާއި މައްސަލަ ޖެހިގެން ޝޯއިން ވަކިވި ސުނިލް ގްރޯވަރު އެނބުރި އެ ޝޯއަށް އަންނާނީ ކުރިން އެޕިސޯޑެއް ކުޅެގެން ދިން އަގުގެ ދެގުނަ ބޮޑުކޮށް ދޭން އެއްބަސްބުމުން ކަމަށް އޭނާ ބުނެފި އެވެ.
އެ ޝޯއިން ވަކިވުމަށް ފަހު ސުނިލް ގެންދަނީ ތަފާތު ކޮމިޑީ ޝޯތަކުގައި ހާއްސަ މެހެމާނެއްގެ ގޮތުގައި ބައިވެރިވެ އާންމުންގެ ބޮޑު ތަރުހީބެއް ހޯދަމުންނެވެ. އެހެންވެ އޭނާ މިހާރު ކަޕިލްގެ ޝޯއަށް ދިޔަސް ދާން ބޭނުންވަނީ ގެސްޓެއްގެ ގޮތުަގައި ފެނިގެންދާ ބައިތަކެއް ކުޅެލަންށެވެ.
މީގެ ކުރިން ކަޕިލް ޝަރުމާ ޝޯގެ އެޕިސޯޑެއް ސުނިލް ކުޅެދީފައިވަނީ ހަތް ލައްކަ އާއި އަށް ލައްކަ ރުޕީސް އާއި ދެމެދުގެ އަގެއްގައި އެވެ. މިހާރު އޭނާ ޑިމާންޑު ކުރަމުންދަނީ 13 ނުވަތަ 14 ލައްކަ ރުޕީސްއަށް އެޕިސޯޑެއް ކުޅެދިނުމަށެވެ.
ސުނިލް އާއި ކަޕިލް އާއި ޖެހުނު މައްސަލަ ގަނޑެއްގައި އޭނާ ޝޯ ދޫކޮށްލީ މިދިޔަ މާޗްމަހު އެވެ.
އެ ދެމީހުންގެ ދެމެދުގައި މައްސަލަ ޖެހުނީ މާޗް މަހު އެ ޝޯގެ ޓީމް އޮސްޓްރޭލިއާއަށް ކުރި ދަތުރަކަށް ފަހު އެނބުރި އިންޑިއާއަށް ދިޔަ ފްލައިޓު ތެރޭގައި ކަޕިލް މަސްތުގެ ހާލަތުގައި ސުނިލް އާއި ޒުވާބުކޮށް ހަޑިހުތުރު އެއްޗެހި ކިޔާ ގަޔަށް ބޮލަށް އެރުމުންނެވެ. ފަހުން ކަޕިލް އެކަމަށް މައާފަށް އެދުނު ކަމަށްވެ އެވެ.
އޭގެ ފަހުން ކަޕިލް ޝަރުމާ ޝޯގެ މަގުބޫލުކަން ވަނީ ގެއްލިފަ އެވެ. އޭގެ އަސަރު ކަޕިލްގެ ސިއްހަތަށްވެސް ކުރަމުންދާއިރު މި މަހު ތެރޭގައިވެސް ވަނީ ކަޕިލްގެ ސިއްހީ ހާލަތު ހުރި ގޮތުން ދެ އެޕިސޯޑެއްގެ ޝޫޓިން ކެންސަލްކޮށްފަ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް