ހައްޔަރު ކުރި ހުރިހާ ނޫސްވެރިން ދޫކޮށްލައިފި

މިރޭ އިދިކޮޅު ފަރާތްތަކުން ކުރި މުޒާހަރާ ކަވަރު ކުރަމުން ދަނިކޮށް ހައްޔަރު ކުރި ހަތް ނޫސްވެރިން ދޫކޮށްލައިފި އެވެ. ހައްޔަރުކޮށްފައިވަނީ އެމްޑީޕީ ހަރުގެ ތެރޭގައި ހަރަކާތްތެރިވަމުން ދިޔަ ރާއްޖެ ޓީވީގެ ތ...

26 Jul 2017 | 20:32

މިރޭ އިދިކޮޅު ފަރާތްތަކުން ކުރި މުޒާހަރާ ކަވަރު ކުރަމުން ދަނިކޮށް ހައްޔަރު ކުރި ހަތް ނޫސްވެރިން ދޫކޮށްލައިފި އެވެ.

ހައްޔަރުކޮށްފައިވަނީ އެމްޑީޕީ ހަރުގެ ތެރޭގައި ހަރަކާތްތެރިވަމުން ދިޔަ ރާއްޖެ ޓީވީގެ ތިން ނޫސްވެރިންނާއި އެ ސަރަހައްދުގެ މަގުމަތީގައި ހަރަކާތްތެރިވަމުން ދިޔަ ސަންގު ޓީވީގެ ހަތަރު ނޫސްވެރިންތަކެކެވެ. ފުލުހުންގެ މީޑިއާ އޮފިސަރު ވިދާޅުވީ އެ ނޫސްވެރިން ހައްޔަރު ކުރީ ފުލުހުންގެ ދައުރު އަދާ ކުރުމަށް ހުރަސް އެޅިކަމުގެ ތުހުމަތުގައި ކަމަށެވެ.

ހައްޔަރު ކުރުމަށް ފަހު އެ ހަތް ނޫސްވެރިންވެސް ދޫކޮށްލާފައިވާއިރު ބައެއް ނޫސްވެރިންނަށް ވަނީ އަނިޔާ ލިބިފައެވެ. ރާއްޖެ ޓީވީން ބުނީ ހައްޔަރު ކުރި އެ ސްޓޭޝަންގެ ނޫސްވެރިއެއްގެ ގައިގަ ފުލުހުން ޖަހާފައިވާ ކަމަށެވެ. ސަންގު ޓީވީން ބުނީ ދާދިފަހުން އޮޕަރޭޝަނެއް ކުރި އެ ސްޓޭޝަންގެ ނޫސްވެރިއަކު އޭގެ ތެރޭގައި ހިމެނޭ ކަމަށާއި ފުލުހުން އަމަލު ކުރި ގޮތުން އޭނާއަށް ވަރަށް ބޮޑަށް އަނިޔާވެފައިވާ ކަމަށެވެ.

އެ މީހުން ދޫކޮށްލާފައިވަނީ ނޫސްވެރިންތަކެއް ހައްޔަރު ކުރުމާއި ގުޅިގެން މޯލްޑިވްސް މީޑިއާ ކައުންސިލްގެ ބައެއް މެންބަރުން ފުލުހުންނާއި ބައްދަލު ކުރި ފަހުންނެވެ. ދޫކޮށްލީ އެ ބައްދަލުވުމުގައި ކުރެވުނު މަޝްވަރާ އާއި ގުޅިގެން ކަމެއް ނޭނގެ އެވެ.

އެ ދެ ސްޓޭޝަނުން ބުނީ ނޫސްވެރިން ހައްޔަރު ކުރީ އިކުއިޕްމެންޓުތަކާއި އެކު ކަމަށެވެ. ނޫސްވެރިން ހައްޔަރު ކުރުމާ އެކު އެ ދެ ޓީވީ ޗެނަލްގެ ލައިވް ފީޑު ވަނީ މެދުކެނޑިފަ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް