ކޮންމެ އަހަރަކު މިނިވަން ދުވަހުގެ މުނާސަބަތުގައި ބާއްވާ ރަސްމީ ކުޅިވަރު ހަރަކާތްތައް ގަލޮޅު ރަސްމީ ދަނޑުގައި ބާއްވައިފި އެވެ.
އާންމުންނަށް ވަނުމުގެ ފުރުސަތު ހުޅުވާނުލާ ކުރިޔަށް ގެންދިޔަ މި ހަފްލާގެ ޝަރަފުވެރި މެހުމާނަކީ ޕާކިސްތާނުގެ ބޮޑުވަޒީރު ނަވާޒް ޝަރީފެވެ. މި ހަފްލާގައި ރައީސް އަބްދުﷲ ޔާމީންގެ ދެކަނބަލުންނާއި ސަރުކާޜުގެ ވަޒީރުންނާއި ދައުލަތުގެ އިސްވެރިން ބައިވެރިވެޑައިގެންނެވި އެވެ.
ޝަރަފުވެރި މެހުމާން ނަވާޒް ޝަރީފުގެ ދެކަނބަލުންނަށް މަރުހަބާ ދެންނެވުމަށް ރާއްޖޭގެ މިއުޒިކީ ފަންނާނުންގެ ފަރާތުން ހާއްސަ ލަވައެއް ހުށަހަޅައި ދިނެވެ. އެމްއެންޑީއެފް އާއި ސްކޫލްތަކުގެ ބޭންޑާއި ކެޑޭޓުންގެ ހެވިކަމުގެ ލަޝްކަރުގެ ޝަރަފުގެ ހިނގާލުމުގެ އިތުރުން އައިޓަމް ހުށަހަޅައިދިނީ މާފަންނު މަދުރަސާ، ކަލާފާނު ސްކޫލް، އަމީނިއްޔާ ސްކޫލް، ހިރިޔާ ސްކޫލް، އަހްމަދިއްޔާ އިންޓަނޭޝަނަލް ސްކޫލް، ތާޖުއްދީން ސްކޫލް އަދި މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް އެވެ.
މިދިޔަ ދެ އަހަރާއި ހިލާފަށް މިއަހަރު މާ ޒަމާނީ އަދި ޓެކްނޮލޮޖީގެ ބައި ދޫކޮށްލުމަށް ފަހު ހުށަހެޅުންތައް ގެނެސްދީފައިވަނީ ދިވެހި ވަންތަކަން ދައްކައި ދިނުމަށެވެ. ހޯމް މިނިސްޓްރީން މައުލޫމާތު ދޭގޮތުގައި މިފަހަރު އައިޓަމްތައް ހުށަހަޅާ ދީފައިވާނީ އެ މިނިސްޓްރީން ކަނޑައެޅި ތީމްތަކަކަށެވެ.
މިނިވަން ދުވަހުގެ މުނާސަބަތުގައި މާދަމާ ހަވީރު މާލޭގެ މަގުތަކުގައި ކެޑޭޓުންގެ ރޫޓު މާޗު އޮންނާނެ އެވެ. އަދި އޭގެ އަނެއް ދުވަހު ހުޅުމާލޭގައި ސިފައިންގެ ރޫޓު މާޗު ވެސް އޮންނާނެ އެވެ.
އެހެން އަހަރުތަކާއި ހިލާފަށް މިއަހަރު މިނިވަންދުވަހުގެ މުނާސަބަތުގައި ބާއްވާ ފުޅަނދު ބުރެއް ނޯންނާނެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް