އިންޑިއާގެ ކުރީގެ ރައީސް އޭޖީޕީ އަބްދުލް ކަލާމް އަވަހާރަވެއްޖެ

އިންޑިއާގެ ކުރީގެ ރައީސް ޑރ. އޭޖީޕީ އަބްދުލް ކަލާމް މިރޭ އަވަހާރަވެއްޖެ އެވެ. އިންޑިއާގެ ނޫސްތަކުގައި ބުނެފައިވަނީ މިއަދުގެ ވަގުތެއްގައި އަބްދުލް ކަލާމް އިންޑިއާގެ ހޮސްޕިޓަލެއްގައި އެޑްމިޓް ކުރީ އިންޑ...

27 Jul 2015 | 18:24

އިންޑިއާގެ ކުރީގެ ރައީސް ޑރ. އޭޖީޕީ އަބްދުލް ކަލާމް މިރޭ އަވަހާރަވެއްޖެ އެވެ.

އިންޑިއާގެ ނޫސްތަކުގައި ބުނެފައިވަނީ މިއަދުގެ ވަގުތެއްގައި އަބްދުލް ކަލާމް އިންޑިއާގެ ހޮސްޕިޓަލެއްގައި އެޑްމިޓް ކުރީ އިންޑިއަން އިންސްޓިޓިއުޓް އޮފް މެނޭޖްމެންޓްގައި ރަސްމިއްޔާތެއްގައި ހުންނަވަނިކޮށް، އާލާސްކަންފުޅެއް ޖެހުމުން ކަމަށެވެ. ހޮސްޕިޓަލަށް ގެންދިޔައިރު އަބްދުލްކަލާމް އޮންނެވީ ވަރަށް ނާޒުކު ހާލަތެއްގައި ކަމަށްވެސް ނޫސްތަކުގައި ބުނެފައި ވެ އެވެ.

އަބްދުލް ކަލާމް އަވަހާރަވީ އިންޑިއާ ގަޑިން މިރޭ 7:00 ހާއިރު އެވެ. ހޮސްޕިޓަލަށް ގެންދިޔައީ 6:30 ހާއިރު އެވެ. ކަލާމް އަވަހާރަވީ އިރު އުމުރުފުޅަކީ 84 އަހަރެވެ.

ކަލާމްގެ ހަޔާތްޕުޅަށް ކަލާމް ދުނިޔޭގެ އަލިކަން ދެކެވަޑައިގެންނެވީ އިންޑިއާގެ ޓެމިލްނާޑޫގެ އަވަށެއް ކަމަށްވާ ރާމޭޝްވަރަމްގަ އެވެ. ކިޔަވައިވިދާޅުވީ ފިޒިކްސްއާއި އެރޯސްޕޭސް އިންޖިނިއަރިންގެ ދާއިރާއިންނެވެ. މަސައްކަތް ކުރެއްވީ ސައިންޓިސްޓެއް އަދި ސައިންސް އެޑްމިނިސްޓްރޭޓަރެއްގެ ގޮތުގައެވެ. އެންމެ ގިނަ ދުވަހު މަސައްކަތް ކުރެއްވީ އިންޑިއާގެ ޑިފެންސް ރިސާޖް އެންޑް ޑިވެލޮޕްމެންޓް އޯގަނައިޒޭޝަންގައެވެ.އޭނާ ކުރިއަށް ގެންދެވި މަޝްރޫއުތަކުގެ ތެރޭގައި އިންޑިއާގެ މަދަނީ ޖައްވީ ޕްރޮގްރާމްތަކާއި މިސައިލާއި މިސައިލް އުދުއްސާ އާލާތްތަކުގެ މަޝްރޫއުތައް ހިމެނެއެވެ. އެމަސައްކަތްތަކުގެ ސަބުން "މިސައިލް މޭން" ގެ ނަމުގައި އޭނާ އިންޑިއާގައި މަޝްހޫރުވިއެވެ.

އިންޑިއާއިން 1998 ވަނަ އަހަރު އުފެއްދި ، ނިއުކްލިއަ ވޯހެޑް އުފުލޭ ޕޮޚްރާން 2 ނަމަކަށް ކިޔާ މިސައިލް އީޖާދުކުރެއްވުމުގައި އޭނާ އިސް ދައުރެއް އަދާކުރެއްވިއެވެ.

2002 ވަނަ އަހަރު އިންޑިއާގެ ރައީސް ކަމަށް ކަލާމް އައްޔަން ކުރީ އޭރު އެ ގައުމުގެ ވެރިކަން ކުރަމުންދިޔަ ބީޖޭޕީއާއި އިދިކޮޅު ޕާޓީގެ ގޮތުގައި އޮތް އިންޑިއަން ނޭޝަނަލް ކޮންގްރެސްގެ ތާއީދާވެސް އެކުގަ އެވެ. ފަސް އަހަރުގެ ދައުރެއް ނިންމަވާލެއްވުމަށްފަހު ހަޔާތުގެ ބާކީ ދުވަސްތައް ހޭދަ ކުރައްވަމުން ގެންދެވީ ފޮތް ލިޔުއްވުމާއި ތަގްރީރު ކުރެއްވުން ފަދަ އިލްމީ މަސައްކަތްތަކެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް