ރާއްޖޭގެ މިނިވަން ދުވަހުގެ ހަރަކާތްތަކުގައި ބައިވެރިވެ ވަޑައިގެންނެވުމަށް ރާއްޖެ ވަޑައިގެން އުޅުއްވާ އިނގިރޭސިވިލާތުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ޖޭމްސް ޑޯރިސް ފުލުހުންގެ އިންޓެލިޖެންސްގެ އެންމެ އިސްވެރިޔާގެ މަގާމު ކުރިން އަދާކުރެއްވި މުހައްމަދު ހަމީދު (އެމްސީ ހަމީދު) އާއި މިއަދު ބައްދަކު ކުރައްވައިފި އެވެ.
އެމްސީ ހަމީދު ޖޭމްސް ޑޯރިސް އާއެކު ހޮޓެލް ޖެންގައި ބައްދަލުކޮށްފައިވާކަން ދުވަހަށް ވަނީ ކަށަވަރު ވެފައެވެ. އަދި ބައެއް އިދިކޮޅު ފަރާތްތަކުން ވެސް ޖޭމްސް ޑޯރިސް އާއި ބައްދަލުކުރެއްވި ކަމަށް މައުލޫމާތު ލިބިފައިވެއެވެ.
ޖޭމްސް ޑޯރިސް އާއި އެމްސީ ހަމީދު މިއަދު ހަވީރު 17:00 ހާއިރު ހޮޓެލް ޖެންގައި ބައްދަލު ކޮށްފައި ވާއިރު، ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމާ މިއަދު މެންދުރު 2:00 ގައި މާފަންނު ކުނޫޒުގައި ވަނީ ބައްދަލު ކުރައްވާފައެވެ.
ޖޭމްސް ޑޯރިސް އިދިކޮޅު ފަރާތްތަކާއި ބައްދަލުކުރެއްވި ކަމަށް އަޑުފެތުރުމާއި ގުޅިގެން ބައެއް ފަރާތްތަކުން ދަނީ ސޯޝަލް މީޑިއާގައި އެކަމާއި މެދު ސުވާލު އުފައްދަމުންނެވެ. އަދި ބައްދަލުވުން ބާއްވާކަން ކުރިން އެނގުމަކާއި ނުލާ ސިއްރުން މިފަދަ ބައްދަލުވުންތަކެއް ބާއްވަން ޖެހެނީ ކީއްވެތޯ ބައެއް ފަރާތްތަކުން ވަނީ ސުވާލު ކޮށްފައެވެ.
ޖޭމްސް ޑޯރިސް އެމްސީ ހަމީދު އާއި ބައްދަލުކުރެއްވި އިރު އޭނާ އަކީ ރައީސް ނަޝީދުގެ ވެރިކަމުގެ ފުލުހުންގެ އިންޓެލިޖެންސްގެ އިސްވެރިޔާގެ މަގާމު އަދާކުރެއްވި ބޭފުޅާއެވެ. އޭނާ ފުލުހުންގެ ވަޒީފާ އިން ވަކިކުރީ ރައީސް ވަޙީދުގެ ވެރިކަމުގައެވެ. އެމްސީ ހަމިދު ވަޒީފާއިން ވަކިކޮށްފައި ވަނީ ފުލުހުންގެ ސިއްރު މަޢުލޫމާތުތަކެއް އެހެން ފަރާތަކަށް ހިއްސާކުރި ކަމުގެ ތުޙުމަތުގައި ކަމަށް ދުވަހަށް ވަނީ މަޢުލޫމާތު ލިބިފައެވެ.
ޖޭމްސް ޑޯރިސް އިދިކޮޅު ފަރާތްތަކާއި ބައްދަލުކޮށްފައި ވާއިރު ކުރީގެ ރައީސް މުހައްމަދު ނަޝީދު 13 އަހަރަށް ޖަލަށް ލުމަށް ޙުކުމް ކުރެއްވި މައްސަލަ އާއި އިދިކޮޅަށް އެންމެ ބޮޑަށް ވާހަކަދައްކަމުންދާ އެއްގައުމަކީ އިނގިރޭސިވިލާތެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް