ޖަޕާނުގައި "ޓްވިޓަރ ކިލަރ" ގެ ނަމުން މަޝްހޫރުވެފައިވާ ތަކަހިރޯޯ ޝިރައިޝިގެ މައްޗަށް އިއްވާފައިވާ މަރުގެ ޙުކުމް ތަންފީޛުކޮށްފިއެވެ. މިއީ 2017 ވަނަ އަހަރު ސޯސަލް މީޑިއާ މެދުވެރިކޮށް ގުޅުން ބަދަހިކުރި 9 މީހުން އަނިޔާވެރިކަމާއެކު މަރާލި މައްސަލައެކެވެ.
ޝިރައިޝިގެ ޝިކާރައަކަށްވީ މީހުންގެ ތެރޭގައި ގިނައީ އަންހެނުންނާއި ޅަ އުމުރުގެ އަންހެން ކުދިންނެވެ. އެމީހުން ވަނީ އަމިއްލައަށް މަރުވާން ބޭނުންވާކަމަށް ޓްވިޓަރގައި ހާމަކޮށްފައެވެ. ޝިރައިޝި އެމީހުންނާ ގުޅުން ބަދަހިކުރީ އެހީތެރިވާން ނުވަތަ އެކުގައި މަރުވާނެ ތަނެއް ހޯދައިދޭން އުޅޭކަމަށް ދައްކައިގެންނެވެ. ނަމަވެސް، އޭނާ ވަނީ 8 އަންހެނުންނާއި އެއް ފިރިހެނަކަށް ޖިންސީ ގޯނާކޮށް މަރާލާފައެވެ. އަދި އެމީހުންގެ ހަށިގަނޑުތައް ކަފާލުމަށްފަހު ޓޯކިޔޯގައި ހުރި އޭނާގެ އެޕާޓްމަންޓްގައި ފިނިކުރާ ފޮށިތަކެއްގައި ރައްކާކޮށްފައެވެ.
ޝިރައިޝި ހައްޔަރުކުރެވުނީ ފުލުހުން އޭނާގެ ގެއިން ހަށިގަނޑުގެ ބައިތަކެއް ފެނުމާ ގުޅިގެންނެވެ. އޭނާ ވަނީ މި ކުށްތަކަށް އިޢުތިރާފުވެފައެވެ. އަދި 2020 ވަނަ އަހަރު އޭނާއަށް މަރުގެ ޙުކުމް އިއްވާފައެވެ. 2025 ވަނަ އަހަރުގެ ޖޫން މަހުގެ 27 ވަނަ ދުވަހު، ޖަޕާނުގެ ޢަދުލު އިންސާފުގެ ވުޒާރާއިން ވަނީ އޭނާގެ މަރުގެ ހުކުމް ތަންފީޛުކުރެވުނުކަން ކަށަވަރުކޮށްދީފައެވެ.
ޢަދުލު އިންސާފުގެ ވަޒީރު ކެއިސުކެ ސުޒުކީ ވިދާޅުވެފައިވަނީ މި މައްސަލައަކީ މުޖުތަމަޢުގައި ފުން އަސަރެއް ކުރުވި މައްސަލައެއް ކަމަށާއި، މަރުގެ ޙުކުމް ތަންފީޛުކުރުމަކީ އެކަށީގެންވާ ފިޔަވަޅެއް ކަމަށެވެ. އޭނާ އިތުރަށް ވިދާޅުވެފައިވަނީ މަރުގެ ޙުކުމް ނައްތާލުމަށް ގޮވާލުންތައް އިތުރުވަމުން އަންނަ ނަމަވެސް، ޖަޕާނުގެ ގިނަ ރައްޔިތުން އަދިވެސް މަރުގެ ޙުކުމަށް ތާއީދުކުރާ ކަމަށެވެ.
ޖަޕާނަކީ މަރުގެ ޙުކުމް އަދިވެސް ތަންފީޛުކުރާ ތަރައްޤީވެފައިވާ މަދު ޤައުމުތަކުގެ ތެރެއިން އެއް ޤައުމެވެ. މިހާރު ޖަޕާނުގައި މަރުގެ ޙުކުމް އިއްވާފައިވާ 105 މީހުން ތިބި އިރު، އޭގެ ގާތްގަނޑަކަށް ދެބައިކުޅަ އެއްބައި މީހުން އަލުން ޝަރީޢަތްކުރުމަށް އެދެމުންދެއެވެ.
މި މައްސަލައިން ޤައުމީ ފެންވަރުގައި ނަފްސާނީ ދުޅަހެޔޮކަމާއި، އަމިއްލައަށް މަރުވުން ހުއްޓުވުމާއި، އޮންލައިން ރައްކާތެރިކަމާއި، އަދި ޖަޕާނުން މަރުގެ ޙުކުމް ތަންފީޛުކުރާ ގޮތް ބަދަލުކުރަންޖެހޭތޯ ބަހުސްތަކެއް އުފެދިފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް