އެމްޑީޕީގެ ޗެއާޕާސަންގެ މަގާމާއި ޕާޓީގެ ރައީސްގެ މަގާމަކީ އެއް މަގާމެއްގެ ގޮތުގައި ހަމަޖައްސަން އެ ޕާޓީގެ އަސާސީ ގަވާއިދަށް އިސްލާހު ހުށަހަޅަން ނިންމައިފިއެވެ.
މިކަންހާމަކުރައްވާފައި ވަނީ ސަންގުޓީވީގެ "ހަބަރަށްފަހު" ޕްރޮގްރާމުގައި އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒް އިސްމާއިލް ވާހަކަ ދައްކަވަމުންނެވެ.
އެގޮތަށް އިސްލާހު ގެންނަން ހުށަހަޅާފައިވާކަން ހާމަކުރައްވާ ފައްޔާޒު ވިދާޅުވީ އެއީ އެމްޑީޕީގެ ކުރިމަގަށް ވަރަށް މުހިންމު ބަދަލަކަށް ވާނެ ކަމަށް ގަބޫލުކުރައްވާ ކަމަށެވެ.
ފައްޔާޒު ވިދާޅުވީ ޕާޓީގެ ޗެއާޕާސަންއަކާއި ޕާޓީގެ ރައީސެއް ހުރުމުގެ ބޭނުމެއްނެތް ކަމަށާއި އެ ތަނުން ކޮންމެވެސް އެއް މަަގާމެއް އޮތުމުން ނިމުނީ ކަމަށެވެ.
"ޕާޓީގެ ލީޑަރަށް ހުންނަވާ ބޭފުޅަކީ ފެކްޝަން ފަދަ ކަންކަމާއި ހުރިހާ މައްސަލަތަކުން ސަލާމަތްވެފައި ހުރި ބޭފުޅަކަށް ވާން ޖެހޭ، އޭރުން ޕާޓީގެ ކަންކަން ކުރިއަށް ގެންދިއުމުގައި ފަސޭހަތަކެއް ގެނެވޭނެ" ފައްޔާޒް ވިދާޅުވިއެވެ.
މިގޮތުން ފައްޔާޒް ވިދާޅުވީ ޕާޓީ ހިންގައި ވަރުގަދަކުރުމަށްފަހު އޭނާގެ ގާބިލުކަން ޕާޓީގެ މެންބަރުންނަށް ހާމަކޮށްދިނުމުން އަންނަ ރިޔާސީ އިންތިހާބަކަށް އޭނާއަށް ޖާގަ ލިބޭނެ ކަމަށެވެ.
މީގެ އިތުރުން ފައްޔާޒް ވަނީ އިތުރު އިސްލާހެއް ޕާޓީގެ ގަވައިދަށް ހުށަހަޅަން ނިންމާފައިވާކަން ހާމަކުރައްވާފައެވެ. ފައްޔާޒް ވިދާޅުވީ އެމްޑީޕީގެ ވެރިކަމެއް ގާއިމުވެއްޖެނަމަ، އެމްޑީޕީގެ ޗެއާޕާސަން ނުވަތަ ރައީސަށް އެއްވެސް ވަޒީފާއަކަށް ނުދެވޭނެ ގޮތަށް އިސްލާހު ހުށަހަޅަން ނިންމާފައިވާ ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް