ވެނިސްގެ ކެނަލްތަކަށް އިތުރު ފޮނިކަމެއް ލިބިގެން ދިޔައީ އެމެޒޯންގެ ބާނީ ޖެފް ބޭޒޯސް އާއި ނޫސްވެރިޔާ ލޯރެން ސަންޗެޒް ގެ ތިން ދުވަހުގެ ޝާނުޝައުކަތުގެ ކައިވެނީގެ ހަފްލާތައް ބުރާސްފަތި ދުވަހު ފެށުމާ ގުޅިގެންނެވެ. މި ހަފްލާތަކަށް މަޝްހޫރު ޝަޚްޞިއްޔަތުތައް ޒިޔާރަތްކުރުމާއެކު، އިޓަލީގައި މިކަމާ ގުޅޭގޮތުން ދެކެވޭ ވާހަކަތައް އިތުރުވެގެން ދިޔައެވެ.
މި ހަފްލާތަކަށް ޒިޔާރަތްކުރި ނަން މަަޝްހޫރު މެހެމާނުންގެ ތެރޭގައި ބިލް ގޭޓްސް، އޯލެންޑޯ ބްލޫމް، އޯޕްރާ ވިންފްރޭ، ޖޯޑަންގެ ރާނީ ރާނިޔާ، ކްރިސް ޖެނަރ، އަދި ކާޑަޝިއަން އުޚުތުން ކިމް އާއި ކްލޯއީ ހިމެނެއެވެ. އަދި މީގެ އިތުރުން، އިވާންކާ ޓްރަމްޕް އާއި ޖަރެޑް ކުޝްނަރ ވެސް ވަނީ ހަފްލާތައް ފެށުމުގެ ކުރިން ސިޓީގެ މަންޒަރުތައް ބައްލަވައިލައްވަމުން ގެންދަވަނިކޮށް ފެނިފައެވެ.
އަންދާޒާކުރެވޭ ގޮތުގައި 50 މިލިއަން އެމެރިކާ ޑޮލަރުގެ އަގުހުރި މި "ޤަރުނުގެ ކައިވެނި" ބޭއްވެނީ ވަރަށް ހަރުދަނާ ސަލާމަތީ ފިޔަވަޅުތަކެއްގެ ދަށުންނެވެ. މީގެ ތެރޭގައި ވީއައިޕީ މެހެމާނުންގެ ޕްރައިވަސީ ހިފެހެއްޓުމަށްޓަކައި ޖަލްސާ ބާއްވާ ތަންތަނާ ކައިރި ސަރަޙައްދުތަކުގައި އެއްގަމާއި ކަނޑުމަތީގައި ދަތުރުފަތުރުކުރުން މަނާކުރުން ހިމެނެއެވެ.
މި ދެލޯބިވެރިންގެ ކައިވެނީގެ ގުޅުމުން ގުޅިލާމެހިވުމަށް ހަމަޖެހިފައިވަނީ ހުކުރު ދުވަހު ސެއިންޓް މާކްސް ސްކުއެއަރއާ ދިމާލުގައިވާ ޒީނަތްތެރި ސަން ޖޯޖިއޯ ރަށުގައެވެ. ނަމަވެސް މި ރަސްމިއްޔާތަކީ އިޓަލީގެ ޤާނޫނުގެ ދަށުން ޤާނޫނީ ހައިސިއްޔަތެއް ލިބިގެންވާ ކައިވެންޏެއް ނޫންކަމަށް މަޢުލޫމާތު ލިބެއެވެ. ބައެއް މަޞްދަރުތަކުން ފާހަގަކުރާ ގޮތުގައި މި ދެމަފިރިން ވަނީ ކުރީބައިގައި އެމެރިކާގައި ކައިވެނިކޮށްފައެވެ.
މި ޝާނުޝައުކަތުގެ ޖަލްސާތަކުގެ އެންމެ ފަހު ޕާޓީ ބޭއްވުމަށް ހަމަޖެހިފައިވަނީ ހޮނިހިރު ދުވަހު އާސެނާލޭގައެވެ. އާސެނާލޭއަކީ ކުރީގެ ކަނޑުމަތީ ބަނދަރެއް މިހާރު ފަންނުވެރިކަމުގެ މަރުކަޒަކަށް ބަދަލުކޮށްފައިވާ ތާރީޚީ ތަނެކެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް