ދުނިޔެ ފަސާދަކުރަން އުޅޭ މީހުންނަށް ގަދަފަދަ ޢަޛާބުދެއްވައި ނެތިކުރައްވާނެ: ޚުޠުބާ

ދުނިޔެ ފަސާދަކުރަން އުޅޭ މީހުންނަށް، ގަދަފަދަ ޢަޛާބުދެއްވައި، ނެތިކުރައްވާނެ ކަމަށް މިއަދުގެ ހުކުރު ޚުޠުބާގައި ބުނެފިއެވެ. މިއަދުގެ ހުތުބާގެ މައުލޫއަކީ ”ޢާޝޫރާ ދުވަހުގެ މާތްކަން" މި މައުލޫއެވެ. މި މައ...

27 Jun 2025 | 09:02

ދުނިޔެ ފަސާދަކުރަން އުޅޭ މީހުންނަށް، ގަދަފަދަ ޢަޛާބުދެއްވައި، ނެތިކުރައްވާނެ ކަމަށް މިއަދުގެ ހުކުރު ޚުޠުބާގައި ބުނެފިއެވެ.

މިއަދުގެ ހުތުބާގެ މައުލޫއަކީ ”ޢާޝޫރާ ދުވަހުގެ މާތްކަން" މި މައުލޫއެވެ. މި މައުލޫއަށް ވަރަށް ފުޅާ ދާއިރާއެއްގައި މިއަދުގެ ހުތުބާގައި އަލި އަޅުވާލާފައިވެއެވެ.

ހުތުބާގައި ބުނީ މުޙައްރަމް މަހުގެ ދިހަވަނަ ދުވަހަކީ، ނުވަތަ ޢާޝޫރާ ދުވަހަކީ، ހެޔޮކަމާއި، ޒިކުރާތަކާއި، ފިލާވަޅުތަކުން ފުރިގެންވާ ދުވަހެއް ކަމަށާއި ޢާޝޫރާ ދުވަހަކީ، ފިރުޢައުނުގެ ކިބައިން، مُوْسَىގެފާނު ސަލާމަތްކުރައްވައި، ފިރުޢައުނާއި، އޭނާގެ ލަޝްކަރު، މާތް ﷲ ޣަރަޤުކުރެއްވި ދުވަސްކަމަށެވެ.

"ބަނީ އިސްރާއީލު ބާގައި މީހުން ސިއްރިއްޔާތުގައި މިޞްރުން ނުކުތުމުން، ފިރުޢައުނު އޭނާގެ ލަޝްކަރީން އެއްކޮށް، مُوْسَىގެފާނާއި އެކަލޭގެފާނުގެ ޤައުމު މުޅީން ނައްތައިލުމަށް ނިކުތް ކަމަށާއި مُوْسَىގެފާނުގެ ޤައުމުގެ މީހުންނަށް ފިރުޢައުނުގެ ބިޔަ ލަޝްކަރު ފެނުމުން އެބައިމީހުން مُوْسَىގެފާނަށް ދެންނެވިއެވެ. "ހަމަކަށަވަރުން، އެއުރެން ތިމަންމެން އަތުލައިގަންނާނެތެވެ." އެހިނދު ވަރަށް އިތުބާރާއި ޔަޤީންކަމާ އެކު، مُوْسَىގެފާނު ވިދާޅުވިއެވެ. "ހަމަހިލާ އެހެންނަކުން ނުވާނެއެވެ. ހަމަކަށަވަރުން، ތިމަންގެ ވެރި ރަސްކަލާނގެ ތިމަންނާއާއެކު (نَصْرُދެއްވުމުގައި) ވޮޑިގެންވެއެވެ. އެކަލާނގެ ތިމަންނާއަށް މަގުދައްކަވާނެތެވެ." ހުތުބާގައި ބުނެފައި ވެއެވެ.

ހުތުބާގައި ބުނީ މި ފަދަ ޙާދިސާތަކުގައި، ގިނަގުނަ ޢިބުރަތްތަކާއި ދަރުސްތައްވާކަމަށެވެ.

މީގެ އެންމެ މުހިންމު ފިލާވަޅަކީ، اللهُ سُبْحَانَهُ وَتَعَالَى އެކަލާނގެ ނަބިއްޔުންނާއި އެކަލާނގެއަށް އީމާންވާ މީސްތަކުން، ބޮޑެތި މުޞީބާތްތަކުން ސަލާމަތް ކުރައްވާ ގޮތް އެނގި، އީމާންކަން ހަރުދަނާ ކުރުމަށް މަސައްކަތްކުރުމުގެ ފިލާވަޅު ކަމަށް ހުތުބާގައި ހަނދާންކޮށްދީފައި ވެއެވެ.

"ފިރުޢައުނު ޣަރަޤުކުރެއްވި ޙާދިސާއިން އެނގެނީ، މާތް اللهއަށް ކާފިރުވެ، ދުނިޔެ ފަސާދަކުރަން އުޅޭ މީހުންނަށް، ގަދަފަދަ ޢަޛާބުން ޢަޛާބުދެއްވައި، ނެތިކުރައްވާނޭ ކަން" ހުތުބާގައި ބުނެފައި ވެއެވެ.

ހަމައެހެންމެ އަހަރެމެން ފަސާދަޔާ ދެކޮޅަށް ތެދުވާން ޖެހޭނޭކަމަށާއި މާތް ﷲއަށް އީމާންވާ މީހުންނަށް ދުނިޔޭގައި ވެސް ޢިއްޒަތާއި، ޝަރަފާއި، ޤަދަރު ދެއްވާނޭ ކަމަށް ހުތުބާގައި ބުނެފައި ވެއެވެ.

ހުތުބާގައި ބުނީ ޢާޝޫރާ ދުވަހު ރޯދަހިފުން ފިޔަވައި، އެ ދުވަހާއި އެރޭ "ޢާޝޫރާ ދުޢާ"ގެ ނަމުގައި ވަކި ދުޢާއެއް ކުރުމާއި، އެ ރެއާއި އެ ދުވަހު ވަކި އަޅުކަންތަކެއް ކުރާކަށް ދީނުގައި ޝަރުޢުކުރައްވާފައެއްނެތް ކަމަށެވެ.

މީގެ އިތުރުން ޚުތުބާގައި ބުނީ މުޙައްރަމް މަހަކީ، މާތް ﷲ ޙުރްމަތްތެރި ކުރައްވައިފައިވާ މަހެއް ކަމަށާއި ރަމަޟާން މަހަށް ފަހު ރޯދަހިފުން އެންމެ އިތުރުވެގެންވާ މަހަކީ މުޙައްރަމް މަސް ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް