އީރާނުގެ އެންމެ އިސްވެރިޔާ އާޔަތުއްލާ އަލީ ޚާމިނޭ، އިސްރާއީލާއި އީރާނާ ދެމެދު ފަހުން ހިނގި ހަނގުރާމައިގެ ތެރޭގައި އަމިއްލަ ސަލާމަތަށްޓަކައި ފިއްލަވަން ބިންގަރާހަކަށްވަދެ، ސިފައިންގެ އިސްވެރިންނާ ގުޅުން ކަނޑާލިކަމަށް އިސްރާއީލުގެ ދިފާއީ ވަޒީރު އިސްރާއީލް ކަޓްޒް ބުނެފިއެވެ.
އިސްރާއީލުގެ ޕަބްލިކް ބްރޯޑްކާސްޓަރަށް ދިން އިންޓަވިއުއެއްގައި، ކަޓްޒް ބުނެފައިވަނީ، ޚާމިނޭ އިސްރާއީލުގެ ހަމަލާއަކުން ރައްކާތެރިވުމަށް މި ފިޔަވަޅުތައް އަޅުއްވާފައިވަނީ އެފަދަ ނުރައްކަލެއް އަންދާޒާކުރެއްވުމާ ގުޅިގެންނެވެ. މިކަމުގެ ސަބަބުން އޭނާއަށް ހަމަލާދިނުމުގެ ފުރުޞަތު ގެއްލިގެން ދިޔަކަމަށް ކަޓްޒް ފާހަގަކުރިއެވެ.
ޖޫން 13ގައި ފެށުނު ހަނގުރާމައިގައި، އިސްރާއީލުން އީރާނުގެ އިސް ސިފައިންގެ ވެރިންނާއި ނިއުކްލިއަރ ސައިންޓިސްޓުންތަކެއް އަވަހާރަކޮށްލިއެވެ. އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނެތަންޔާހޫ އަދި އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވެސް ވަނީ ވެރިކަން ބަދަލުކުރުމުގެ މަސައްކަތުގެ ތެރެއިން ޚާމިނޭގެ ފުރާނައަށް ނުރައްކާވެދާނެކަމަށް އިޝާރާތްކުރައްވާފައެވެ.
މި ހަނގުރާމަ ނިމުމަކަށް އައީ އަންގާރަ ދުވަހު އެމެރިކާގެ މެދުވެރިކަމާއެކު ވެވުނު ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމަކާ އެކުގައެވެ. އޭގެ ފަހުން، ޚާމިނޭ ވަނީ އާންމުތަނަކަށް ފުރަތަމަ ފަހަރަށް ނުކުމެވަޑައިގެން، އަލުން ހަމަލާއެއް ދީފިނަމަ އީރާނުން ބަދަލުހިފާނެކަމުގެ އިންޒާރު ދެއްވާފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް