އީރާނުގެ ސަރުކާރުން ވަނީ އެމެރިކާއާއެކު ކުރިއަށް އޮތްތަނުގައި ނިއުކްލިއަރ މަޝްވަރާތައް ފެށުމަށް އިންކާރުކޮށްފައެވެ. މީގެ އިތުރުން، އެޤައުމުގެ ޕާލަމެންޓުން ފާސްކުރި އައު ޤާނޫނަކާ ގުޅިގެން އިންޓަނޭޝަނަލް އެޓޮމިކް އެނަރޖީ އޭޖެންސީ (އައިއޭއީއޭ) އާއެކު އޮތް އެއްބާރުލުން ހަނިކުރާނެކަން ކަށަވަރުކޮށްދީފައިވެއެވެ.
އީރާނުގެ ފޮރިން މިނިސްޓަރ އައްބާސް އަރަޤްޗީ ވަނީ އެޤައުމުގެ ނިއުކްލިއަރ ޕްރޮގްރާމާ ގުޅޭގޮތުން އަލުން މަޝްވަރާތައް ފެށިދާނެކަމަށް ދެކެވެމުންދިޔަ ވާހަކަތައް ނަފީކުރައްވާފައެވެ. އެމަނިކުފާނު ސަރުކާރުގެ ޓީވީއަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވި ގޮތުގައި، މިފަދަ މަޝްވަރާތަކެއް ފެށުމަށް އެއްވެސް އެއްބަސްވުމެއް، އިންތިޒާމެއް ނުވަތަ މުޢާމަލާތެއް ހިނގާފައެއްނުވެއެވެ. އަދި އެއްވެސް ޕްލޭނެއްވެސް އެކުލަވާލާފައެއް ނުވެއެވެ.
މި ބަޔާން ނެރުއްވާފައިވަނީ އީރާން-އިސްރާއީލް ހަނގުރާމައާއި ގުޅިގެން އަލުން ޑިޕްލޮމަސީއަށް ބައިނަލްއަޤްވާމީ ފަރާތްތަކުން ގޮވާލަމުންދާ ދަނޑިވަޅެއްގައެވެ. ނަމަވެސް، އަރަޤްޗީ ވަނީ މިވަގުތު ވޮޝިންގްޓަނާއެކު މަޝްވަރާތައް ކުރުމަށް އެއްވެސް ފުރުޞަތެއް އޮތްކަމަކަށް ޓެހެރާނުން ނުދެކޭކޭކަން ސާފުކޮށް ހާމަކުރައްވާފައެވެ.
ހަމައެހެންމެ، އީރާނުގެ ޕާލަމެންޓުން ވަނީ އައިއޭއީއޭއާއެކު އޮތް އެއްބާރުލުމުގެ ބައެއް ކަންކަން ހުއްޓާލުމަށް ބިލެއް ފާސްކޮށްފައެވެ. މި ބިލު ވަނީ ގާޑިއަން ކައުންސިލުން ފާސްކޮށްފައިވާތީ، މިހާރު އެއީ ޤާނޫނީ ގޮތުން ތަންފީޒުކުރަންޖެހޭ އެއްޗެކެވެ. މިކަމާ ގުޅޭގޮތުން އަރަޤްޗީ ވިދާޅުވެފައިވަނީ މި ބިލަކީ ތަންފީޒުކުރުން ލާޒިމު އެއްޗެއްކަމަށާއި، މިހިނދުން ފެށިގެން އައިއޭއީއޭއާއެކު އޮތް ގުޅުމާއި އެއްބާރުލުންދިނުމަށް އައު ސިފައެއް އަންނާނެކަމަށެވެ.
މި ފިޔަވަޅަކީ އީރާނުގެ ނިއުކްލިއަރ މޮނިޓަރިންގ ސިޔާސަތަށް ފާހަގަކޮށްލެވޭ ބަދަލެއް ގެނުވާ ކަމެކެވެ. މީގެ ސަބަބުން ހުޅަނގުގެ ޤައުމުތަކާއެކު އޮތް ގުޅުން އިތުރަށް ގޯސްވެ، އަދި އީރާނުގެ ނިއުކްލިއަރ ހަރަކާތްތައް ބައިނަލްއަޤްވާމީ ގޮތުން މޮނިޓަރކުރުމުގެ މަސައްކަތަށް ގޮންޖެހުންތަކެއް ކުރިމަތިވެދާނެކަމަށް ބެލެވެއެވެ.
މިކަމާއި ގުޅޭގޮތުން އައިއޭއީއޭގެ އިސްވެރިން މިހާތަނަށް ރަސްމީ ރަސްމީ ބަޔާނެއް ނެރުއްވާފައެއް ނުވެއެވެ. ނަމަވެސް، މާހިރުން އިންޒާރުދީފައިވަނީ ނިއުކްލިއަރ ޕްރޮގްރާމްގެ ހާމަކަން ކުޑަވުމުގެ ސަބަބުން އަލުން ގުޅުންތައް ގޯސްވެ، އީރާނުގެ ނިއުކްލިއަރ ޕްރޮގްރާމާއިމެދު ޔަޤީންކަން ކުޑަވެ، ކަންބޮޑުވުންތައް އިތުރުވެދާނެ ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް