ދަޢުލަތުގެ ޚަރަދުތައް ކުޑަކުރުމަށް މިނިވަން ދުވަހުގެ ފުޅަނދުބުރާއި ކުޅިވަރު ރިސެޕްޝަންތައް ނުބާއްވާނެކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް މިހެން ވިދާޅުވީ ދެންމެ އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ.
އެ ޕޯސްޓްގައި ރައީސް ވިދާޅުވީ ދަޢުލަތުގެ ޚަރަދުތައް ކުޑަކުރުމަށްޓަކައި ގިނަ ފިޔަވަޅުތަކެއް އެޅުމަށްވަނީ ނިންމާފައިވާކަމަށާއި އެގޮތުން، ސަރުކާރުގެ ރިކަރަންޓް ޚަރަދު ކުޑަކުރުމަށް އެކި ފިޔަވަޅުތައް އެޅުން ހިމެނޭ ކަމަށެވެ.
"މީގެ ތެރޭގައި، ސިޔާސީ މަޤާމުތަކުގެ އަދަދު މަދުކުރުމާއި، އެކި މުނާސަބަތުތަކުގައި ބާއްވާ ޙަފްލާތަކަށް ކުރާ ޚަރަދުތައް ކުޑަކުރުން ނުވަތަ ނުބޭއްވުން ހިމެނޭ" ރައީށް ވިދާޅުވެފައިވެއެވެ.
ރައީސް އިތުރަށް ވިދާޅުވީ މިގޮތުން ކުރިޔަށް އޮތް މިނިވަން ދުވަހަށް ފުޅަނދު ބުރާއި، ކުޅިވަރުތަކާއި ރިސެޕްޝަން ފަދަ ކަންކަން ނުބޭއްވުމަށާއި، ހަމައެކަނި މިނިވަން ދުވަސް ފާހަގަކުރުމަށް ޖަލްސާއެއް ބާއްވާ ޚަރަދުތައް އެތައް ގުނައަކުން ކުޑަކުރުމަށް ވާނީ ކަމާބެހޭ ފަރާތްތަކަށް އަންގާފައިވާކަމަށާއި މީގެ އިތުރަށްވެސް ގިނަ ފިޔަވަޅުތަކެއް ކުރިޔަށް އޮތް ދުވަސްތަކުގައި އެޅިގެންދާނެ ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް