މެނިންގޯކޮކަލް ކޭސްއާ ގުޅުން ހުރި 46 ކޮންޓެކްޓުން ވަނީ ފާހަގަކުރެވިފައިކަމަށާއި، ބަލި ފެތުރޭނެ ކަމަށް ނުބެލެވޭ ކަމަށް އެޗްޕީއޭ އިން ބުނެފިއެވެ.
އެޗްޕީއޭގެ ޑެޕިއުޓީ ޑިރެކްޓަރ ޖެނަރަލް އޮފް ޕަބްލިކް ހެލްތު އިބްރާޙީމް އަޝްރަފް ދައުލަތުގެ މީޑިޔާއަށް މައުލޫމާތު ދެއްވަމުން ރޭ ވިދާޅުވީ. މިހާތަނަށް ބެލި ބެލުމަށް ބަލި ފެތުރުމުގެ ފުރުސަތު އޮތް ކަމަށް ނުބެލެވޭ ކަމަށެވެ.
މީގެ އިތުރުން، މި ބައްޔަށް ބޭހާއި ވެކްސިން ދެނީ ކޮންޓެކްޓް ޓްރޭސިންގެ ތެރެއިން ފާހަގަވާ މީހުންނާއި އެ ކަމަށް ޑޮކްޓަރުން އިރުޝާދު ދޭ މީހުންނަށް އެކަނި ކަމަށް އަޝްރަފް ވަނީ ވިދާޅުވެފައެވެ.
އަދި ހެލްތް މިނިސްޓްރީންވެސް ވަނީ މިހާތަނަށް ބެލި ބެލުމަށް މި ބަލި ފެތުރެމުން އަންނަ ކަން ފާހަގަ ވެފައިނުވާ ކަމަށާއި އެހެންކަމުން އެ ބައްޔަށް އާއްމުކޮށް ވެކްސިން ޖަހަން ޖެހޭ ހާލަތެއް ނެތް ކަމަށް ބުނެފައެވެ.
މިނިސްޓްރީން ބުނީ ވެކްސިން ޖަހަން ޖެހުމަށް ލަފާ ދެނީ އެ ބަލި ފެތުރޭ ގައުމުތަކަށް ދާ މީހުންނަށް ކަމަށެވެ.
އަދި އެހެން ސިއްހީ ހާލަތްތައް މެދުވެރި ވެފައިވާ މީހުންނަށެވެ.
ދުނިޔޭގެ ސިއްޙަތު ޖަމިއްޔާގެ ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި ރާއްޖެއިން މި ބަލި ފާއިތުވެފައިވާ ހަ އަހަރު ތެރޭގައި ޖެހިފައިވަނީ ތިން މީހަކަށެވެ.
އޭގެން އެކަކީ ދާދި ފަހުން މި ބަލި ޖެހިގެން ނިޔާވެފައިވާ ފުޓްބޯޅަ ކުޅުން ތެރިޔާ ބަކާއެވެ. މިގޮތުން ރާއްޖޭން މި ބަލި ފެނުމާއި އެކީ ހެލްތް ޕްރޮޓެކްޝަން އެޖޭންސީން ވަނީ ކަމާ ބެހޭ މައުލޫމާތުތައް އެއްކޮށް، ކޮންޓެކްޓް ޓްރޭސިން ހަދައި، ކޮންޓެކްޓްވި މީހުންނަށް މި ބައްޔާ ބެހޭ ގޮތުން މައުލޫމާތު ދީ ރައްކާތެރި ކަމުގެ ފިޔަވަޅުތައް އަޅަން ފަށާފައެވެ. މިގޮތުން އެމީހުން ބަލިން ރައްކާތެރިކުރުމަށް ޕްރޮފައިލެކްޓިވް ބޭސް ވެސް ވަނީ އެމީހުންނަށް ދޭން ފަށާފައެވެ.
މެނިގޯކޮކަލް، މި ބައްޔަކީ ނިޝީރިއާ މެނިންޖިޓައިޑިސް ކިޔާ ޖަރާސީމަކުން ޖެހޭ ބައްޔެކެވެ. އެ ޖަރާސީމުން ދެ ވައްތަރެއްގެ ބައްޔެއް ޖެހެއެވެ. އެއީ ލޭގެ އިންފެކްޝަން (ސްޕްސިސް) އަދި ސިކުނޑި ވަށައިގެންވާ ފަށަލަ އިންފެކްޝަން (މެނިންޖައިޓިސް) އެވެ.
މި ބައްޔަކީ ފުރާނައަށް ނުރައްކާތެރި ބައްޔަކަށް ވީ ނަމަވެސް ވެކްސިން ޖަހައިގެން މި ބަލިން ރައްކާތެރިވެވޭނެ ކަމަށް އެޗްޕީއޭއިން ވަނީ ބުނެފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް