މިއަހަރު ރާއްޖެއަށް ޒިޔާރަތްކުރި އެއް މިލިއަން ވަނަ ފަތުރުވެރިޔާ ބ ތައިލެންޑުގެ އަންހެނެއް ކަމަށްވާ ސުޓާޕާ އަމޯވިވަތު އަށް ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓުން ހޫނު މަރުޙަބާއެއް ކިޔައިފިއެވެ.
އެއް މިލިއަން ވަނަ ފަތުރުވެރިޔާގެ ޝަރަފު ހޯދި ތައިލޭންޑްގެ ސުޓާފާ އަމޯންވިވަތު ރާއްޖެ އައިސްފައިވަނީ އެއަރ އޭޝިއާގެ ފްލައިޓަކުންނެވެ. އޭނާ ރާއްޖެއައީ ރާއްޖޭގައި ޗުއްޓީ ހޭދަކޮށްލާށެވެ.މިއީ އޭނާ ރާއްޖެއަށް ޒިޔާރަތް ކުރާ ތިން ވަނަ ފަހަރެވެ.
މިކަމާ ގުޅިގެން ވެލާނާ އިންޓަނޭޝަނަލް އެއަރ ޕޯޓުގައި ބޭއްވި ހާއްސަ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ފަތުރުވެރިކަމާބެހޭ ވަޒީރު އިބްރާހީމް ފައިސަލް ވިދާޅުވީ އަހަރުގެ ކުރީކޮޅު އެއް މިލިއަން ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކުރުމަކީ ވަރަށް ބޮޑު ކާމިޔާބީއެއް ކަމަށެވެ.
މީގެ އިތުރުން ފައިސަލް ވިދާޅުވީ، މިހާ އަވަހަށް އެއް މިލިއަން ފަތުރުވެރިން ހާސިލްވީ ވަރަށް ބޮޑު ކާމިޔާބެއް ކަމަށެވެ. އަދި ސަރުކާރުގެ އަމާޒަކީ ދެ މިލިއަން ފަތުރުވެރިން ގެނައުން ކަމަށެވެ. ބާކީ 50 އިންސައްތަ ހާސިލްކުރުމަށް ސަރުކާރުން ދަނީ މަސައްކަތް ކުރަމުން ކަމަށާއި، ރާއްޖޭގެ އިސްތިހާރުތައް ކުރުމަށްވެސް ހާއްސަ އިސްކަމެއް ދޭ ކަމުގައި ފައިސަލް ވަނީ ވިދާޅުވެފައެވެ.
މި ރަސްމިއްޔާތުގައި މޯލްޑިވްސް މަރކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯރޕަރޭޝަން، އެމްއެމްޕީއާރުސީގެ މެނޭޖިންގ ޑިރެކްޓަރ އަދި ސީއީއޯ އިބްރާހިމް ޝިއުރީ ވިދާޅުވީ، މިދިޔަ އަހަރާއި ބަލާ އިރު މިއަހރު އެއް މިލިއަން ފަތުރުވެރިޔާ ރާއްޖެއައިސް މިވަނީ ތިން ހަފްތާއެއް ހާ ކުރިން ކަމަށެވެ. އަދި މީގެއިތުރުން ވިދާޅުވީ ރާއްޖެ އިސްތިހާރު ކުރުމުގައި ގިނަ ހަރަކާތްތަކެއް ކުރިއަށް ގެންގޮސްފައިވާއިރު، ކުރިއަށްވެސް ގިނަ ކަންތައްތަކެއް ރާވާފައިވާ ކަމަށެވެ.
އެއް މިލިއަން ފަތުރުވެރިޔާއަށް މަރުހަބާ ކިޔުމަށް ބޭއްވި ރަސްމިއްޔާތުގައި ވަނީ ސަރުކާރުގެ އެކި އެކި އިދާރާތަކުން ބައިވެރި ވެފައެވެ.
އަދި މި ރަސްމިއްޔާތުގައި އެ ފަތުރުވެރިޔާއަށް ވަނީ ސިޔާމް ވޯލްޑް ރިސޯޓުގައި ފަސް ދުވަހުގެ ޗުއްޓީއެއް ހޭދަކުރުމުގެ ފުރުސަތު ސަން ސިޔާމް ރިސޯޓެއްގެ ފަރާތުން ދީފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް