ހިޔާ ޓަވަރެއްގައި ކުޑަކުއްޖަކަށް އަނިޔާ ކުރާ މަންޒަރު ފެންނަ ވީޑިއޯއެއް ސޯޝަލް މީޑިއާގައި ދައުރުވަމުން އެބަ ދެއެވެ.
އެ ވީޑިއޯއިން ފެންނަނީ އޮރެންޖު ކުލައިގެ ޓީޝާޓެއް ލައިގެންހުރި މީހަކު، ހުދުކުލައިގެ އަތްދިގު ޓީޝާޓެއް ލައިގެން ހުރި ކުއްޖެއްގެ ކަރުގައި ހިފައިގެން ހުރެ "ބެހިއްޖެއްޔާ ކީއްހޭ ކުރާނީ" ތިން ފަހަރު އެހުމަށްފަހު އެ ކުއްޖާގެ ކަންކަށީގައި އަތުން ވަރަށް ބާރަށް އެއް ފަހަރު، ކަނދުރާ މަތީގައި ފައިން ވަރަށް ބާރަށް ދެފަހަރު ޖަހާ މަންޒަރާއި، އެތަނުން "15 މިނެޓުގެ ތެރޭގައި ނައްޓާލަން" ނައްޓާލަން ބުނެ ހިނގައިގަތުމުން ފަހަތުންގޮސް ޖަހާ އަޑު އިވޭ މަންޒަރެވެ.
ގަދަނޫކުލައިގެ އަތްދިގު ގަމީހެއް ލައިގެން ހުރި މީހަކު ދެ ޖީބަށް އަތް ޖަހައިގެން ހުރެ ބައްތިރީސް ދަތް އެކުގައި ދައްކައި ހެވިފައިހުރެ ކައިރިން ހުރަސްކުރާ މަންޒަރުވެސް އެ ވީޑިއޯއިން ފެނެއެވެ.
މިކަމާއި ގުޅޭގޮތުން މީޑިއާއަށް މަޢުލޫމާތުދެއްވަމުން ފުލުހުން ވިދާޅުވީ ހިޔާ ފްލެޓެއްގެ ކޮރިޑޯގައި މީހަކަށް އަނިޔާކުރާ ވީޑިއޯއެއް މިމަހުގެ 19 ވަނަ ދުވަހު ފުލުހުންގެ ސަމާލުކަމަށް އައިސްފައިވާކަމަށާއި މި މައްސަލަ ފުލުހުން ގެންދަނީ ތަހުގީގު ކުރަމުން ކަމަށެވެ.
ފުލުހުން އިތުރަށް ބުނެފައިވަނީ ވީޑިއޯގެ މައްސަލަ ތަހުގީގު ކުރުމަށް މިހާތަނަށް ފުލުހުން ކުރި މަސައްކަތުން އެއީ ކޮން ބައެއްކަން ދެނެގަނެވިފައިނުވާކަމަށާއި ވީޑިއޯއާ ގުޅޭ އެއްވެސް މައުލޫމާތެއް ލިބިފައިވާނަމަ ފުލުހުންނާ ހިއްސާކޮށްދެއްވުން އެދޭކަމަށެވެ.
ހާދިސާގެ ވީޑިއޯ ފުލުހުންނަށް ލިބުނުތާ ނުވަ ދުވަސްވީއިރު އަނިޔާ ލިބުނު ފަރާތްވެސް ދެނެގަނެވިފައިނުވާކަމަށް ފުލުހުން ބުނެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް