ޖާސޫސް ކުރުމުގެ ތުޙުމަތުކޮށް ކުރީގެ ފިލްމީތަރި މަރްޙޫމާ ފައުޒިއްޔާ ހަސަން އާއި މަރިޔަމް ރަޝީދާ އާއި އިންޑިއަން ސްޕޭސް ރިސާޗް އޮގަނައިޒޭޝަން (އިސްރޯ)ގެ ސައިންސްވެރިއާ ނަމްބީ ނަޔަރަން ފްރޭމްކުރިކަމުގެ ތުޙުމަތުގައި ފަސް މީހެއްގެ މައްޗަށް ދަޢުވާ އުފުލައިފިއެވެ.
1994ގައި އިންޑިއާގެ ކެރެލާ ސްޓޭޓްގައި ހައްޔަރުކޮށް، ފައުޒިއްޔާމެން ޖަލަށްލީ އިސްރޯގެ ސިއްރުތަކެއް ދިވެހި ސަރުކާރު މެދުވެރިވެ ޕާކިސްތާނަށް ފޯރުކޮށްދޭން އުޅުނުކަމުގެ ތުޙުމަތުގައެވެ.
ފައުޒިއްޔާމެން މިނިވަންވީ ޖަލުގައި ދެ އަހަރު ހޭދަކުރިފަހުން، އިންޑިއާގެ ސެންޓްރަލް ބިއުރޯ އޮފް އިންވެސްޓިގޭޝަން (ސީބީއައި) އިން ކުރި ތަޙްޤީޤަކުންނެވެ. އެ ތަޙްޤީޤުން އެނގުނީ އެއީ ކެރަލާގެ ފުލުހުން އަމިއްލައަށް އުފައްދައިގެން އުޅުނު މައްސަލައެއްކަމެވެ.
އެއަށްފަހު އެ މައްސަލައިގާ ކެރެލާ ފުލުހުންގެ ބައިވެރިވުން އޮތް މިންވަރު ބެލުމަށް އިންޑިއާގެ ސުޕްރީމް ކޯޓުން ސީބީއައިއަށް އެންގިއެވެ.
އިންޑިއާގެ ނޫސްތަކުގެ އިއްޔެގެ އަދަދުގައި ރިޕޯޓުކޮށްފައިވާގޮތުގައި ސީބީއައިއިން އެކަން ބެލުމަށްފަހު ފަސް މީހެއްގެ މައްޗަށް ދައުވާ ކުރުމަށް ޗާޖް ޝީޓް މިހާރު ވަނީ އެކުލަވާލާފައެވެ. އެހެންނަމަވެސް އެއީ ކޮން ފަސް މީހުންނެއްކަން ހާމަކޮށްފައެއް ނުވެއެވެ.
ކުރީގެ ފިލްމީތަރި ފައުޒިއްޔާ ނިޔާވީ 30 އޯގަސްޓް 2022 ވަނަ އަހަރުގައެވެ.
އޭގެ ކުރިން 2021 ވަނަ އަހަރުގެ އޭޕްރީލްގައި ފައުޒިއްޔާ އިންޑިއާގެ ދަ ހިންދޫއަށް ދީފައިވާ އިންޓަވިއުއެއްގައި ބުނެފައިވާގޮތުގައި އެކަމުގެ ބަދަލު ހޯދަން ކޯޓަށް ހުށަހެޅުމަށް ވަކީލުންނާއި ވާހަކަދައްކަމުންދާކަމުގައި ބުނެފައިވެއެވެ. އެހެންނަމަވެސް އެ މައްސަލަ ކޯޓަށް ހުށަހެޅިކަން އިންޓަނެޓުގެ އާކައިވުން އެނގޭކަށް ނެތެވެ.
ފައުޒިއްޔާ ބަދަލު ހޯދަން ކޯޓަށް ދާން ނިންމިކަން އޭރު ހާމަކުރިއިރު، އެ މީހުންނާ އެކު ދެން ހައްޔަރުކުރި އިންޑިއާގެ ސައިންޓިސްޓް، ނަބްމީއަށް ބަދަލުގެ ގޮތުގައި ފަސް މިލިއަނަށް ވުރެ ގިނަ އިންޑިއާ ރުޕީސް އިންޑިއާ ސަރުކާރުން ދީފައިވެއެވެ. އެ ފައިސާ ދިނީ އިންޑިއާގެ ސުޕްރީމް ކޯޓުން 2018 ވަނަ އަހަރު ކުރި ހުކުމަކާއި ގުޅިގެންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް