ފާޙިޝް ޢަމަލުތަކަށް އަރައިގަތުން އިތުރުވެ، ފޮޓޯ އާއި ވީޑިއޯ ދައުރުވަވާތީ ކަންބޮޑުވޭ: އެމްއާރުއެމް

ދިވެހި މުޖުތަމަޢުގައި ފާޙިޝް ޢަމަލުތަކަށް އަރައިގަތުން އިތުރުވެ، އެފަދަ ޢަމަލުތައް ހިންގާތަން ފެންނަ ފޮޓޯ އާއި ވީޑިއޯ ސޯޝަލް މީޑިއާގައި ދައުރުވަމުންދާތީ އެމް.އާރް.އެމް އިން ކަންބޮޑުވުން ފާޅުކޮށްފި އެވ...

27 Jun 2022 | 17:32

ދިވެހި މުޖުތަމަޢުގައި ފާޙިޝް ޢަމަލުތަކަށް އަރައިގަތުން އިތުރުވެ، އެފަދަ ޢަމަލުތައް ހިންގާތަން ފެންނަ ފޮޓޯ އާއި ވީޑިއޯ ސޯޝަލް މީޑިއާގައި ދައުރުވަމުންދާތީ އެމް.އާރް.އެމް އިން ކަންބޮޑުވުން ފާޅުކޮށްފި އެވެ.

އެމްއާރުއެމްއިން މިއަދު ނެރުނު ބަޔާނެއްގައި ބުނީ ފަހަކަށް އައިސް ދިވެހި މުޖުތަމަޢުގައި އެކިއެކި ފާޙިޝް ޢަމަލުތަކަށް އަރައިގަތުން އިތުރުވެ، އެފަދަ، ޢަމަލުތައް ހިންގާތަން ފެންނަ ފޮޓޯ އާއި ވީޑިއޯ ސޯޝަލް މީޑިއާގައި ދައުރުވަމުން ދިއުމަކީ ކަންބޮޑުވާ ކަމެއް ކަމަށެވެ.

އެފަދަ ޢަމަލުތައް ހިންގާ މީހުންގެ މައްސަލަ، ވަކި މީހަކަށް ނުބަލައި، ތަފާތުކުރުމެއް ނެތި، ހަމަހަމަ އުޞޫލެއްގެ ދަށުން ކަމާއިބެހޭ ފަރާތްތަކުން ޚާއްސަ އިސްކަމެއް ދީގެން އަވަހަށް ބަލައި ޤާނޫނީ ފިޔަވަޅު އެޅުމަށް އެމްއާރުއެމްއިން ގޮވާލާފައިވެ އެވެ. އަދި އެފަދަ ޢަމަލުތައް ހިންގާ މީހުން ނިސްބަތްވާ މުއައްސަސާތަކުން އެމީހުންނާއިމެދު އެކަށޭނަ ފިޔަވަޅު އެޅުމަށްވެސް ގޮވާލާފައިވެ އެވެ.

ޤައުމު އިސްލާޙުކުރަން ބޭނުންވާ ދިވެހީންގެ ގިނަ ބަޔަކު އެދޭ ފަދައިން، މިހާރު ދައުރުވަމުންދާ ވީޑިއޯތަކާއި ފޮޓޯތަކުން ފެންނަ މީހުންގެ ތެރެއިން ދައުލަތުގެ އެކިއެކި މަޤާމުތައް އަދާކުރާ މީހުން އެ މަޤާމުތަކުން އިސްތިޢުފާ ދިނުމަށްވެސް ގޮވާލި އެވެ. އެ ޕާޓީން ބުނީ އެފަދަ ފަރާތްތައް ދައުލަތުގެ މަޤާމުތަކާއި ޒިންމާތަކުން އެކަހެރި ވުމަކީ ދައުލަތުގެ ބާރުތަކާއި، މުއައްސަސާތަކާއި، ސިޔާސީ ނިޒާމާއި، ސިޔާސީ ޕާޓީތަކާއިމެދު ގެއްލިފައިވާ ރައްޔިތުންގެ އިތުބާރު އަލުން އިއާދަކުރުމަށް ކުރުން ކޮންމެހެން މުހިއްމު ކަމެއް ކަމަށެވެ.

މިފަދަ ޢަމަލެއްގައި މޯލްޑިވްސް ރިފޯމް މޫވްމަންޓްގެ މެންބަރަކު ބައިވެރިވެއްޖެ ނަމަ، ޚާއްސަ އިސްކަމެއް ދީގެން ޕާޓީގެ އޮނިގަނޑުތެރެއިން މައްސަލަ ބަލައި، ޕާޓީގެ އަސާސްތައް ދެމެހެއްޓުމަށާއި، ޕާޓީއަށް އޮތް ރައްޔިތުންގެ އިތުބާރު ދެމެހެއްޓުމަށް އަޅަންޖެހުނު ކޮންމެ ފިޔަވަޅެއް އަޅާނެ ކަމުގެ ޔަޤީންކަން ދީފައިވެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް