އިދިކޮޅުން ތިބީ ނަޝީދު މަގާމުން ދުރު ކުރަން ފުރުސަތަކަށް ބަލަ ބަލަ

އިދިކޮޅު ޕީޕީއެމް/ ޕީއެންސީ އޮތީ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މަގާމުން ދުރުކުރަން ފުރުސަތަކަށް ބަލަ ބަލަ ކަމަށް ބުނެފި އެވެ. ކޯލިޝަނުން މިހެން ބުނީ ސިޔާސީ ބައެއް ބޭފުޅުންގެ ބަރަހަނ...

27 Jun 2022 | 10:03

އިދިކޮޅު ޕީޕީއެމް/ ޕީއެންސީ އޮތީ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މަގާމުން ދުރުކުރަން ފުރުސަތަކަށް ބަލަ ބަލަ ކަމަށް ބުނެފި އެވެ.

ކޯލިޝަނުން މިހެން ބުނީ ސިޔާސީ ބައެއް ބޭފުޅުންގެ ބަރަހަނާ ފޮޓޯތަކާއި ވީޑިއޯތައް ސޯޝަލް މީޑިއާގައި ދައުރުވާތީ އެ މައްސަލަ ބެލުމަށް ސަރުކާރަށް ގޮވާލައި ނައިފަރު ދާއިރާގެ މެންބަރު އަހްމަދު ޝިޔާމް މަޖިލީހުގެ މިއަދުގެ ޖަލްސާއަށް ހުށަހެޅުއްވި ކުއްލި މައްސަލަ މަޖިލީހުގެ ރައީސް ނަޝީދު އެޖެންޑާ ނުކުރެއްވުމުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެެއްގައި އެވެ.

މަޖިލީހުގެ އިދާރާގެ ބޭރުގައި ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން މަޖިލީހުގެ މައިނޯރިޓީ ލީޑަރު އަދި އޭދަފުށީ ދާއިރާގެ މެމްބަރު އަހުމަދު ސަލީމް ވިދާޅުވީ އެމްޑީޕީ ބައިބައިވެ ދެ ފެކްޝަނެއް އުފެދިފައިވީ ނަމަވެސް އިސްލާމް ދީނާ ހިލާފު އަދި މުންކަރާތް ހިމެނޭ މައްސަލަތަކުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ރައީސް ނަޝީދުގެ ފެކްޝަން އެކައްޗެއް ކިޔާ އެއްގަލަކަށް އަރާ ކަމަށެވެ.

އޭނާ ވިދާޅުވީ ޕާޓީ ދެބައިވެ ނަޝީދު މަގާމުން ދުރު ކުރަން ރައީސް ސޯލިހު ފެކްޝަނުން މަސައްކަތް ކޮށްފި ނަމަ އެކަމަށް އިދިކޮޅުން އެއްބާރުލުން ދޭނެ ކަމަށެވެ. އެކަމަކު އެމްޑީޕީއަށް ކުރިއަށް އޮތް ދުވަސްތަކުގައި ވެދާނެ ގޮތެއް އަދި އެނގިވަޑައިނުގަންނަވާ ކަމުގައިވެސް ވިދާޅުވި އެވެ.

ސަލީމް ވިދާޅުވީ އެ ޕާޓީ އޮތީ އެފަދަ ފުރުސަތަކަށް ބަލަބަލަ ކަމަށާއި ފުރުސަތެއް ލިބިއްޖެ ނަމަ މިނެޓެއްވެސް މަޑު ނުކުރާނެ ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް