މި ސަރުކާރުގެ ފުރަތަމަ ބޯހިޔާވަހި ކަމުގެ މަޝްރޫއުގެ ދަށުން 3،000 ގޯއްޗާއި 4،000 ފްލެޓަށް އެދުމުގެ ފުރުސަތު ހުޅުވާލީ އިއްޔެ އެވެ.
3،000 ގޯތި ދޫކުރުމަށް ހަމަޖެހިފައިވަނީ ހުޅުމާލެ އާއި ގުޅީފަޅުންނެވެ 4،000 ފްލެޓު ދޫކުރުމަށް ހަމަޖެހިފައިވަނީ ހުޅުމާލޭ ދެވަނަ ފިޔަވަހީގެ ހިޔާ ފްލެޓުތަކާއި މާ ދުރުނޫން ހިސާބަކުންނެވެ.
އެ ފްލެޓުތައް އިމާރާތް ކުރަމުން ދަނީ އިންޑިއާ ކުންފުންޏަކާއި ހަވާލުކޮށްގެންނެވެ.
މާލެ ސަރަހައްދުން ދޫކުރާ ފްލެޓާއި ގޯއްޗަކީ ވަރަށް ޑިމާންޑު ބޮޑު އަދި ދޫކުރުމުގައި ބޮޑެތި މައްސަލަތަކާއި ކުރިމަތިލާން ޖެހޭ މަސައްކަތެކެވެ. މިފަހަރު ސަރުކާރުން ދޫކުރާ ގޯއްޗާއި ފްލެޓުތަކަށްވެސް ޕޮއިންޓު ދިނުމާއި އެކު ޝަރުތުތަކެއްވެސް ވަނީ ކަނޑައަޅާފަ އެވެ.
ފްލެޓް ދިނުމުގެ ޝަރުތުތައް:
• 18 އަހަރުވެފައިވާ ދިވެއްސަކަށްވުން.
• މާލޭގެ ރަށްވެއްސަކަށްވިތާ 15 އަހަރުވެފައިވާ މީހުންނާއި މާލޭގައި އުޅޭތާ 15 އަހަރުވެފައިވުން.
• ފްލެޓަށް އެދޭ މީހާ އާއި އޭނާގެ އަނބިމީހާ/ ފިރިމީހާ ވެސް ސަރުކާރުން މީގެ ކުރިން ހިންގާފައިވާ ބޯހިޔާވަހިކަމަކުން ފްލެޓެއް/ ގޯއްޗެއް އޮތް މީހަކަށް ނުވުން.
• ފޯމް ހުށަހަޅާ ފަރާތަަކީ ޕްރައިވެޓް ރިއަލްއެސްޓޭޓުން 600 އަކަފޫޓުގެ ބޯހިޔާވަހިކަމެއް ގަނެފައިވާ ނުވަތަ ގަންނަން އެއްބަސްވުމެއްގައި ސޮއިކޮށްފައިވާ މީހަކަށް ވެގެން ނުވާނެ.
• ފޯމް ހުށަހަޅާ ތާރީހާ ހަމައަށް ފްލެޓަށް އެދޭ ފަރާތް ވޭތުވެދިޔަ ތިން އަހަރު ދުވަހުގެ ތެރޭގައި 600 އަކަފޫޓު ނުވަަތަ އެއަށް ވުރެ ބޮޑު ބިމެއް މީހަކަށް ދީފައި ނުވަތަ ވިއްކާފައިވާ މީހަކަށް ނުވާނެ.
• މަހަކު ލިބޭ އާމްދަނީ 60،000 ރުފިޔާއަށް ވުރެ ބޮޑުވެގެން ނުވާނެ.
ފްލެޓް ޕޮއިންޓް ދޭ އުސޫލު:
• ފްލެޓަށް އެދޭ މީހާ އާއި އޭނާގެ އަނބިމީހާ/ ފިރިމީހާގެ ނަމުގައި މާލޭ ސަރަަހައްދުގައި 600 އަކަފޫޓުގެ ނެތް ނަމަ 25 މާކްސް
• ފްލެޓަށް އެދޭ މީހާގެ 18 އަހަރުން ދަށުގެ ދަރިންނާއި ޝަރުއީގޮތުން ބެލެނިވެރިކަމާ ހަވާލުވެގެން އުޅޭ ކުދިންގެ އަދަދަށް ޖުމްލަ 25 މާކްސް (1-2 ކުދިންނަށް 12 މާކްސް/ ތިން ކުދިން ހަތަރު ކުދިން ނަމަ، 17 މާކްސް/ ފަސް ކުދިންނާއި ހަ ކުދިންނާ ނަމަ 23 މާކްސް އަދި ހަތް ކުދިންނަށް ވުރެ އިތުރު ނަމަ 25 މާކްސް )
• ދިރިއުޅުމުގެ ހާލަތު - 25 މާކްސް (ދިރިއުޅެނީ ދެމަފިރިން އެކަނި ނަމަ - 5 މާކްސް/ ދެމަފިރިން ނޫން ދެ މީހުން އެއް ކޮޓަރީގައި ނިދާނަމަ 16 މާކްސް/ ދެމަފިރިންނާއި ފަސް އަހަރުން ކުދިން އެކުގައި ނިދާ ނަމަ، 21 މާކްސް/ ހަތަރު މީހުން އެއް ކޮޓަރީގައި ނިދާ ނަމަ 23 މާކްސް/ ފަސް މީހުންނަށް ވުރެ ގިނައިން އެއް ކޮޓަރީގައި ނިދާ ނަމަ، 25 މާކްސް)
• ދިރިއުޅޭ ތަނުގައި ނިދުމަށް ހާއްސަ ކޮޓަރިއެއް ނެތް ނަމަ 25 މާކްސް (ދިރިއުޅޭ ތަނުގައި ކައްކާ ކައިބޮއެ ހަދާ ފަރާތްތައް)
• ކެއުން ބުއިން ހިމެނޭ ގޮތަށް ބަދިގެ ހިމެނޭ ބައި 180 އަކަފޫޓަށް ބޮޑު ނަމަ، މާކްސްއެއް ނުލިބޭ.
• ބަދިގެ އޭރިއާ 90 އަކަފޫޓާއި 180 އަކަފޫޓާ ދެމެދު ނަމަ ހަތަރު މާކްސް.
• ބަދިގެ އޭރިއާ 90 އަކަފޫޓަށް ވުރެ ކުޑަ ނަމަ، އަށް މާކްސް.
• ކެއްކުމާއި ނިދުން ހަމަޖެހިފައި ވަނީ ކޮޓަރީގައި ނަމަ 12 މާކްސް.
• އެއް ފާހާނާއެއް ދެމަފިރިން އެކަނި ބޭނުންކުރާ ނަމަ މާކްސް ނުލިބޭ.
• ފަސް އަހަރުން ދަށުގެ ދަރިންނާއި ދެމަފިރިން އެކަނި އެއް ފާހާނާ ބޭނުންކުރާ ނަމަ، ހަތަރު މާކްސް/ ތިނެއް ނުވަތަ ހަތަރު މީހުން އެއް ފާހާނާ ބޭނުންކުރާ ނަމަ، ހަ މާކްސް/ ފަހެއް ނުވަތަ ހަ މީހުން ބޭނުންކުރާ ނަމަ އަށް މާކްސް އަދި އަށް މީހުންނަށް ވުރެ ގިނައިން ބޭނުންކުރާ ނަމަ 13 މާކްސް.
• ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތެއް ހުރި ނަމަ 10 މާކްސް. (އެންސްޕާ އިން ދީފައިވާ ކާޑުގެ ނަމްބަރު ހުށަހަޅަން ޖެހޭ)
ގޯތި ލިބޭ މީހުންގެ ޝަރުތުތައް:
• އުމުރުން 18 އަހަރުވެފައިވާ މާލޭ މީހަކަށް ވުން. (އެއްވެސް އިރެއްގައި މާލެ ނޫން އެހެން ތަނެއްގައި ރަޖިސްޓްރީ ނުވާ މީހުން.
• މާލޭ ސަރަހައްދުގައި އަމިއްލަ ނަމުގައި 600 އަކަފޫޓުގެ ނުވަތަ ބޮޑު ބިމެއް ރަޖިސްޓްރީކޮށްފައި ނެތް މީހުން.
• މާލޭ ސަރަހައްދުގައި އަމިއްލަ ނަމުގައި 600 އަކަފޫޓަށް ވުރެ ކުޑަ ބަންޑާރަ ބިމެއް އަމިއްލަ ނަމުގައި ރަޖިސްޓްރީވެފައިވާ ނަމަ އެތަން އުސޫލާ އެއްގޮތަށް ދޫކޮށްލަން އެއްބަސްވާ މީހަކަށްވުން.
• ސަރުކާރުން ހިންގާފައިވާ ބޯހިޔާވަހިކަމުގެ ސްކީމަކުން މިހާތަނަށް ބޯހިޔާވަހިކަން ލިބިފައިވާ މީހަކަށް ނުވުން.
• މާލޭ ސަރަހައްދުން ބަންޑާރަ ގޯއްޗެއް ބަހައިގެން ލިބިފައިވާ މީހެއް ނަމަ އުސޫލާ އެއްގޮތަށް ދޫކޮށްލަން އެއްބަސްވުން.
• މާލޭ ސަރަހައްދުގައި އަމިއްލަ ނަމުގައި އޮތް ބަންޑާރަ ގޯއްޗެއް އެހެން ފަރާތަކަށްދީ ނުވަތަ ދޫކޮށްލާފައިވާ ނުވަތަ ވިއްކާލާފައިވާ މީހަކަށް ނުވުން.
ގޯއްޗަށް އެދެވޭނެ ގޮތްތައް:
• އެކަކަށް ވުރެ ގިނަ މީހުން ގުޅިގެން އެޕްލިކޭޝަން ހުށަހެޅިދާނެ.
• ޖޮއިންޓް އެޕްލިކޭޝަން ހުށަހެޅޭނީ އެކަކަށް ވުރެ ގިނަ މީހުންގެ ނަމުގައި ރަޖިސްޓްރީވެފައިވާ ބެހެނިވެރިން.
• އާއިލާއެއް. [މަންމަ އާއި ބައްޕަ އަދި ދަރިން]
ފްލެޓާއި ގޯއްޗަށް އެދުމަށް ފޯމް ހުށަހަޅަން ޖެހެނީ "ގެދޮރުވެރިން" ޕޯޓަލް މެދުވެރިކޮށެވެ. މި ޕޯޓަލް މެދުވެރިކޮށް ފޯމް ހުށަހެޅޭނީ ކޮންމެސް އެއްބަޔަކަށެވެ. ފްލެޓަށް އެދޭ މީހުންނަށް ގޯއްޗަކަށް ކުރިމައްޗެއް ނުލެވޭނެ އެވެ.
މި މަޝްރޫއުގެ ދަށުން ގޯތި ލިބޭ ފަރާތްތަކަށް އަންނަ އަހަރު ކުރީކޮޅު ލިޔުން ހަވާލު ކުރާނެ އެވެ. އަދި ފްލެޓު ލިބޭ ފަރާތްތަކަށް އަންނަ އަހަރުގެ މެދު ތެރޭގައި ލިޔުން ހަވާލު ކުރާނެ އެވެ.
ގޯއްޗާއި ފްލެޓަށް އެދުމުގެ ފުރުސަތު ހުޅުވާލާފައިވަނީ އިއްޔެއިން ފެށިގެން އަންނަ ސެޕްޓެމްބަރު މަހުގެ 26 ވަނަ ދުވަހުގެ ނިޔަލަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް