ދިވެހި މީޑިއާގެ ހަމަތަކާ އަޚްލާޤީ މިންގަނޑާ އެއްގޮތަށް ޚަބަރާއި މައުލޫމާތު ފޯރުކޮށްދިނުމަށް އެމްއެމްސީން އިލްތިމާސްކޮށްފި

ދިވެހި މީޑިއާގެ ހަމަތަކާ އަޚްލާޤީ މިންގަނޑާ އެއްގޮތަށް ޚަބަރާއި މައުލޫމާތު ފޯރުކޮށްދިނުމަށް މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ) އިން އިލްތިމާސްކޮށްފިއެވެ. އެ ކައުންސިލުން ނެރުނު ނޫސް ބަޔާނެއްގައ...

27 Jun 2022 | 06:03

ދިވެހި މީޑިއާގެ ހަމަތަކާ އަޚްލާޤީ މިންގަނޑާ އެއްގޮތަށް ޚަބަރާއި މައުލޫމާތު ފޯރުކޮށްދިނުމަށް މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ) އިން އިލްތިމާސްކޮށްފިއެވެ.

އެ ކައުންސިލުން ނެރުނު ނޫސް ބަޔާނެއްގައި ބުނެފައިވަނީ ޚިޔާލުފާޅުކުރުމުގެ މިނިވަންކަން ކޮންމެ މީހަކަށްމެ ޤާނޫނު އަސާސީން ލިބިދީފައިވީހިނދު، އެ މިނިވަންކަމުގެ ޙައްޤަކީ ވަކި ޒިންމާތަކަކާއި މަސްއޫލިއްޔަތުތަކަކާއެކު ބޭނުންކުރަންޖެހޭނެ ޙައްޤެއްކަމުގައި ވެސް ދިވެހިރާއްޖޭގެ ޤާނޫނުއަސާސީ ގައި ބަޔާންކޮށްފައިވާ ކަމަށެވެ.

އެހެންކަމުން، ނޫސްވެރިންނާއި މީޑިއާތަކުން އެ ޙައްޤު ބޭނުންކުރުމުގައި މޯލްޑިވްސް މީޑިއާ ކައުންސިލުގެ ޤާނޫނާއި ގަވާއިދަށާއި އަދި ދިވެހި މީޑިއާގެ ހަމަތަކާ އަޚްލާޤީ މިންގަނޑާ އެއްގޮތަށް ޚަބަރާއި މައުލޫމާތު ފޯރުކޮށްދިނުމަށް ޚާއްސަ ސަމާލުކަމެއް ދިނުމަށް، އެންމެހައި ނޫސްވެރިންނާއި މީޑިއާތަކަށް އެ ކައުންސިލުން ވަނީ އިލްތިމާސްކޮށްފައެވެ.

ޚާއްސަ ގޮތެއްގައި، އާންމު ފަރުދުންގެ އަބުރަށް ނުވަތަ ހައްޤަކަށް އުނިކަމެއް އަތުވެދާނެފަދަ މައުލޫމާތަކަށްވާ ނަމަ، އެ މައުލޫމާތެއްގެ ސައްޙަކަން ކަށަވަރުކުރުމަށްފަހު ނޫނީ އެ މައުލޫމާތެއް ފެތުރުމަކީ އެ ކައުންސިލުގެ ޤާނޫނާއި ދިވެހި މީޑިއާގެ އާންމު ހަމަތަކާ ވެސް ޚިލާފުކަމެއް ކަމަށާއި ޚަބަރު ފެތުރުމުގައި އެކަމެއްގައި ޝާމިލުވާ ހުރިހާ ފަރާތްތަކެއްގެ ވެސް ބަސް ހިމަނައިގެން ޚަބަރާއި މައުލޫމާތު ޝާއިޢުކުރުމަށް އެ ކައުންސިލުގެ ގަވާއިދުން މީޑިއާތަކަށް ލާޒިމުކުރާ ކަމަށް ވެސް ބަޔާނުގައި ވަނީ ބުނެފައެވެ.

އެހެންކަމުން، ދިވެހި މީޑިއާގެ ހަމަތަކާ އަޚްލާޤީ މިންގަނޑުގައި މީޑިއާގެ ވަސީލަތްތަކުގައި ޝާއިޢުކުރާ ޚަބަރާއި މަޢުލޫމާތަކީ ޞައްޙަ ތެދު މަޢުލޫމާތުކަން ކަށަވަރުކުރަން ކުރެވެންހުރި ހުރިހާ މަސައްކަތެއްކުރުމަށް ނޫސްވެރިންނަށާއި މީޑިއާތަކަށް އިލްތިމާސްކޮށްދީ، އަދި އިސްލާމްދީނާއި ޚިލާފު ޚަބަރާއި މައުލޫމާތާއި، މުޖުތަމަޢުގެ އާންމު އަޚުލާޤީ މިންގަނޑާ ޚިލާފު މައުލޫމާތާ ޚަބަރު ނުފެތުރުމަށާއި އަދި ސައްޙަ މަސްދަރުތަކުން ހޯދާ މައުލޫމާތާއި ޚަބަރު ނޫނީ ނުފެތުރުމަށް ވެސް މީޑިއާ ކައުންސިލުން ވަނީ ހަނދާންކޮށްދީފައެވެ.

"މީގެ އިތުރުން، މަޢުލޫމާތު ހޯދުމާއި ޚިޔާލު ފާޅުކުރުމާއި ފާޑުކިއުމުގެ ތެރޭގައި، ނުފޫޒުން އެއްކިބާވެ، ނޫސްވެރިކަމާއި މީޑިއާގެ މިނިވަންކަން އަބަދުމެ ހިމާޔަތްކޮށް ދެމެހެއްޓުމަކީ މި ކައުންސިލުން ނުހަނު ބާރުއަޅާކަމެކެވެ. ހަމަ އެހެންމެ، ލިބޭ މައުލޫމާތުތައް ކަށަވަރުކުރުމަށް ޓަކައި މީޑިއާތަކުން ދައުލަތުގެ އެކިއެކި މުއައްސަސާތަކުން މައުލޫމާތެއް ހޯދުމަށް އެދޭ ހާލަތުތަކުގައި، ވީއެންމެއަވަހަކަށް އެކަމާ ގުޅޭ މަޢުލޫމާތު މީޑިއާތަކަށް ފޯރުކޮށްދިނުމަށް ވެސް މި ކައުންސިލުން އިލްތިމާސް ކުރަމެވެ." އެމްއެމްސީގެ ނޫސް ބަޔާނުގައި ބުނެފައިވެއެވެ.

އެމްއެމްސީން ބުނީ ހުރިހާކަމަކަށް ޚާއްސަ ސަމާލުކަމެއް ދިނުމަށާއި ޒިންމާދާރުކަމާއެކު ޚަބަރާއި މައުލޫމާތު ފެތުރުމަށް އެންމެހައި މީޑިއާތަކަށް އިލްތިމާސްކުރާ ކަމަށެވެ.

ނޫސްވެރިކަމުގެ މިނިވަންކަމުގެ އިމުގެ ތެރޭގައި ޕްރޮފެޝަލް މީޑިއާގެ ވެއްޓެއް ރާއްޖޭގައި ޤާއިމުކުރުމަށް އެ ކައުންސިލުން ކުރަމުންދާ މަސައްކަތުގެ ތެރެއިން، މިހާރު އަމަލުކުރަމުން އަންނަ ދިވެހި މީޑިއާގެ ހަމަތަކާއި އަޚުލާޤީ މިންގަނޑު އަލުން މުރާޖާކޮށް ފައިނަލްކުރުމުގެ މަރުހަލާގައި އޮތްކަން ވެސް މީޑިއާ ކައުންސިލުން ވަނީ ފާހަގަކޮށްފައެވެ.

https://twitter.com/mmc_mv/status/1541287105652936704

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް