ކަޝްމީރުގައި އަސްކަރީ މަރުކަޒަށް ދިން ފުރަތަމަ ޑްރޯން ހަމަލާތަކާއި އެކު އިންޑިއާ އަސްކަރިއްޔާ އެލާޓަށް

ޖަންމު ކަޝްމީރުގެ އިންޑިއާ ފަޅީގައި އިންޑިއާގެ ވައިގެ އަސްކަރީ މަރުކަޒަކަށް ޑްރޯން ބޭނުން ކޮށްގެން ދިން ވައިގެ ހަމަލާތަކާއި އެކު އެ ގައުމުގެ އަސްކަރިއްޔާ އެލާޓަށް އަތުވެއްޖެ އެވެ. މި ހަމަލާތައް ދީފައި...

27 Jun 2021 | 18:26

ޖަންމު ކަޝްމީރުގެ އިންޑިއާ ފަޅީގައި އިންޑިއާގެ ވައިގެ އަސްކަރީ މަރުކަޒަކަށް ޑްރޯން ބޭނުން ކޮށްގެން ދިން ވައިގެ ހަމަލާތަކާއި އެކު އެ ގައުމުގެ އަސްކަރިއްޔާ އެލާޓަށް އަތުވެއްޖެ އެވެ.

މި ހަމަލާތައް ދީފައިވަނީ ރޭ މެންދަމު އެވެ. ކުޑަ ދެ ޑްރޯން ބޭނުން ކޮށްގެން ހަމަލާ ދީފައިވަނީ އަސްކަރިއްޔާއިން ޖަންމު ފަޅީގައި ބޭނުން ކުރާ އަސްކަރީ އެއާޕޯޓަކަށެވެ.

އެއްވެސް ވަރަށް އުންމީދު ކޮށްފައި ނުވާ ގޮތަކަށް ދިން އެ ހަމަލާތަކުގައި މާ ބޮޑު އަނިޔާއެއް މީހަކަށް ނުލިބުނު ނަމަވެސް ދެ މީހަކު ޒަހަމްވި އެވެ. އަދި އިމާރާތަކަށް ގެއްލުންވެފައިވެ އެވެ.

ކަޝްމީރު ފުލުހުން ބުނީ ހަމަލާ އަސްކަރީ މަރުކަޒަށް އަމާޒުކޮށްފައިވަނީ 14 ކިލޯމީޓަރު ދުރުން ޕާކިސްތާނު ބޯޑަރާއި ދިމާލުން ކަމަށެވެ. އެކަމަކު މި ހަމަލާގައި ޕާކިސްތާނު އަތެއް ވާކަމަށް ގަބޫލު ކުރާ ކަމެއް މިހާތަނަށް އިންޑިއާއިން ހާމަކޮށްފައެއް ނުވެ އެވެ.

މި ހަމަލާގެ ފަހުން ކަޝްމީރުގެ އެހެން ސަރަހައްދަކުންވެސް ބޮމެއް ހަރުކޮށްފައި ހުއްޓަ ފެނިފައިވެ އެވެ.

އަސްކަރީ މަރުކަޒަށް ދިން މި ހަމަލާ އާއި އެކު އިންޑިއާގެ ހުރިހާ ސަރަހައްދެއްގެ އަސްކަރީ މަރުކަޒުތައް ވަނީ އެލާޓަށް ގެނެސްފައި އެވެ. ހާއްސަ ފިޔަވަޅުތަކެއް އެޅީ ޖަންމުގައި ދިން އެ ހަމަލާ އަކީ އިންޑިއާ އަސްކަރިއްޔާއަށް އަމާޒުކޮށް ޑްރޯން ބޭނުން ކޮށްގެން ދިން ފުރަތަމަ ހަމަލާއަށް ވާތީ ނުރައްކާތެރިކަން އޮތުމުންނެވެ.

އިންޑިއާގެ އަސްކަރިއްޔާގެ އިސް އޮފިޝަލަކު މީޑިއާގައި ބުނެފައިވަނީ ޑްރޯން ބޭނުން ކޮށްގެން ހަމަލާ ދޭން ފެށުމަކީ އޭގެ ނުރައްކާތެރިކަން ބޮޑު އަދި ހާއްސަކޮށް ޖަންމު ކަޝްމީރު ފަދަ ސަރަައްދެއްގައި އަސްކަރިއްޔާއަށް ނުރައްކާ ބޮޑު ކަމުގެ ނިޝާނެއް ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް