ސިޔާސީ މަންފާއެއް ހާސިލުކުރަން، ޤާނޫނާ ޚިލާފަށް މީހުން ހައްޔަރު ނުކުރުމަށް އިދިކޮޅުން ގޮވާލައިފި

ސިޔާސީ މަންފާއެއް ޙާސިލް ކުރުމަށްޓަކައި އެއްވެސް އަސާސެއްނެތި ދިވެހި ރާއްޖޭގެ ޤާނޫނު އަސާސީއާއި ޤާނޫނާ ޚިލާފަށް މީހުން ހިފާ ހައްޔަރު ކުރުމަކީ އެއްވެސް ހާލެއްގައި ކޮށްގެންވާނެ ކަމެއް ނޫން ކަމަށް ޕްރޮގް...

27 Jun 2021 | 15:28

ސިޔާސީ މަންފާއެއް ޙާސިލް ކުރުމަށްޓަކައި އެއްވެސް އަސާސެއްނެތި ދިވެހި ރާއްޖޭގެ ޤާނޫނު އަސާސީއާއި ޤާނޫނާ ޚިލާފަށް މީހުން ހިފާ ހައްޔަރު ކުރުމަކީ އެއްވެސް ހާލެއްގައި ކޮށްގެންވާނެ ކަމެއް ނޫން ކަމަށް ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން ބުނެފިއެވެ.

ކުއްލިއަކަށް ގިނަ އަދަދެއްގެ މީހުން ހިފާ ހައްޔަރުކުރުމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، މުހައްމަދު ނަޝީދު ގޮވާލުމާ ގުޅުގެން އިދިކޮޅު ކޯލިޝަނުން ނެރުނު ނޫސް ބަޔާނެއްގައި ބުނެފައި ވަނީ، އެއްވެސް މީހަކު ހިފާހައްޔަރުކޮށްފައި ބެހެއްޓޭނެ ގޮތްތައް ޤާނޫނުއަސާސީގެ 49 ވަނަ މާއްދާގައްޔާއި ޖިނާޢީ އިޖުރާއަތުގެ ޤާނޫނުގެ 58 ވަނަ މާއްދާއާއި 59ވަނަ މާއްދާއާއި 60 ވަނަ މާއްދާގައި ވަރަށް ސާފުކޮށް ބަޔާންކުރެވިފައި ވާ ކަމަށެވެ.

އެހެންކަމުން ގިނަ ޢަދަދެއްގެ ބަޔަކު ހިފާ ހައްޔަރު ކުރަންޖެހޭކަމަށް އެމްޑީޕީގެ ރައީސް އަދި ކުރީގެ ރައިސް މުޙައްމަދު ނަޝީދު ވިދާޅުވެފައިވާތީ އެކަމާ އިދިކޮޅު ކޯލިޝަނުން ވަނީ ކަންބޮޑުވުން ފާޅުކޮށްްފައެވެ.

އިދިކޮޅުގެ ނޫސްބަޔާނުގައި އިތުރަށް ބުނެފައި ވަނީ، ޓެރަރިޒަމް ހުއްޓުވުމަށްޓަކައި ޤާނޫނީ އިމުގެ ތެރެއިން މަސައްކަތްކުރުމަކީ ކުރަންޖެހޭ ކަމެއްކަމަށް އެ ކޯލިޝަނުން އަބަދުވެސް ގަބޫލުކުރާ ކަމެއް ކަމަށާއި އެގޮތުން ޓެރަރިޒަމް ހުއްޓުވުމަށްޓަކައި ކުރީގެ ރައީސް ޢަބްދުﷲ ޔާމީންގެ ޒަޢާމަތުގައި ގިނަ މަސައްކަތްތަކެއް ކުރެވިފައިވާ ކަމަށް އިދިކޮޅުން ބުނެއެވެ.

އެހެންނަމަވެސް ޤާނޫނުއަސާސީއާ ޚިލާފަށް އެއްވެސް މީހަކު ހިފާ ހައްޔަރުކުރުމަކީ ކޮށްގެންވާނެ ކަމެއް ނޫން ކަމަށް ބުނެފައިވެއެވެ.

"އެއީ ޤާނޫނުއަސާސީގެ ރޫޙާއި ޑިމޮކްރެސީގެ ހަމަތަކާއި މުޅިން ޚިލާފުކަމެކެވެ. އެއްވެސް މީހަކު ހައްޔަރު ކުރަންވާނީ އެމީހެއްގެ މައްޗަށް ކުރެވޭ ތުހުމަތުތަކަށް ބާރުލިބޭ އިތުރު ހެކިތައް ހުރެގެންނެވެ. އަދި މީހަކު ހިފާ ހައްޔަރުކޮށްފައި ބެހެއްޓޭނީ މުޖްތަމަޢުގެ ސަލާމަތަށް ނުރައްކާވާ ޙާލަތެއް އޮވެގެންނެވެ" އެ ބަޔާނުގައި ވެއެވެ.

އެހެންކަމުން ކުށެއްނެތް މައުސޫމް މީހުން ސިޔާސީ މަޤްސަދެއް ޙާސިލްކުރުމަށްޓަކައި ހިފާ ހައްޔަރުކޮށް އަނިޔާވެރިކަން އިސްނުކުރުމަށް ސަރުކާރަށް ގޮވާލާލަމުން، އިދިކޮޅުން ވަނީ ޤާނޫނުއަސާސީއާއި ޤާނޫނުތަކުގައި ލިޔެވިފައިވާ ގޮތުގެ މަތިން ކަންކަން ކުރުމަށް ސަރުކާރަށް އިލްތިމާސްކޮށްފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް