ގޯޅިތަކާއި މަގުތަކުގައި ޑައިން-އިންގެ ހިދުމަތް، ފުލުހުންނަކަށް ނުހުއްޓުވޭ!

ކާފިއު ހިންގާ ވަގުތު ވެރިރަށް މާލޭގެ ގޯޅިގަނޑުތަކުގައްޔާއި މަގުތަކުގައި އުސޫލުތަކާއި ގަވާއިދާ ޚީލާފަށް ޑައިން-އިން ޚިދުމަތް ދެމުންދާއިރު އެކަން ނުހުއްޓުވޭކަން ފާހަގަ ކުރެވެ އެވެ. "ދުވަސް"ގެ ނޫސްވެރިން...

27 Jun 2021 | 06:46

ކާފިއު ހިންގާ ވަގުތު ވެރިރަށް މާލޭގެ ގޯޅިގަނޑުތަކުގައްޔާއި މަގުތަކުގައި އުސޫލުތަކާއި ގަވާއިދާ ޚީލާފަށް ޑައިން-އިން ޚިދުމަތް ދެމުންދާއިރު އެކަން ނުހުއްޓުވޭކަން ފާހަގަ ކުރެވެ އެވެ.

"ދުވަސް"ގެ ނޫސްވެރިންނަށް ފާހަގަކުރެވިފައިވާ ގޮތުގައި، ކޯވިޑް-19 ހުއްޓުވުމަށް އުސޫލުތައް ތަންފީޒުކުރަން ފެށުމުން، ބައެއް ކެފޭ/ރެސްޓޯރެންޓްތަކުން ދަނީ، މަގުތަކާއި ގޯޅިތަކުގައި މީހުން ބައިތިއްބައިގެން މި ޚިދުމަތް ދެމުންނެވެ. މި ގޮތުން ފާހަގަކުރެވުން އެއްތަނަކީ ނިކަގަސް މަގުގައި ހުންނަ "އެމް-7" ކުރިމަތީގައި ހުރި ގޯޅިގަނޑެވެ. އެތަނުގައި މޭޒާއި ގޮނޑި ބަހައްޓައިގެން ކެފޭ/ރެސްޓޯރެންޓްތަކުން ދަނީ ފުޅާ ދާއިރާއެއްގައި ޚިދުމަތް ދެމުންނެވެ.

ކާފިއު ވަގުތު ނޫނަސް ވަކި ހުއްދައެއް ނަގައިގެން ނޫނީ ބޭރަށް ނުނިކުމެވޭ ގޮތަށް އޮތް ނަމަވެސް، ގިނަ ބަޔަކު އެ ތަނަށް ގޮސް ޚިދުމަތް ހޯދައެވެ.

ކާފިއު ގަޑިއަކީ އިރުއޮއްސި 6:00 އިން ފެށިގެން ފަތިހު 4:00 އަށެވެ. މިއާއެކު ހެނދުނު 8:00 އިން ފެށިގެން އިރުއޮއްސި 6:00 އާ ހަމައަށް ވިޔަފާރިކުރުމަށް ފުރުސަތު ލިބެއެވެ. ފުލުހުންގެ ހުއްދައާއެކު ފިހާރަތަކުން ވިޔަފާރިކުރުމާއި ކެފޭ ރެސްޓޯރެންޓުތަކުން ޓޭކްއަވޭ ނެގުމުގެ ފުރުސަތު ލިބެއެވެ.

އެކަމަކު އެއްވެސް ތަނެއްގައި ޑައިން-އިންގެ ޚިދުމަތް ދިނުމަކީ މަަނާ ކަމެކެވެ.

އުސޫލުތަކާއި ގަވާއިދާ ޙިލާފަށް މި ޚިދުމަތް މި ގޮތަށް ދެމުންދާތާ އެތައް ދުވަހެއް ވެފައި ވާއިރު ފުލުހުންނަށް މި ފަދަ ފަރަތާތްތައް ނުހުއްޓުވޭކަން ވެސް ވަނީ ފާހަގަކުރެވިފައެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި މިފަދަ މައްސަލަތަކުގެ ރިޕޯޓު ފުލުހުންނަށް ހުށަހަޅައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް