ބޮލީވުޑްގެ މަޝްހޫރު ޑައިރެކްޓަރު އަދިތްޔަ ދަރް އާއި މަޝްހޫރު ބަތަލާ ޔާމީ ގޯތަމް ކައިވެންޏަށް ފަހު އެނބުރި މުމްބާއީއަށް ހިނގައްޖެ އެވެ.
އެ ދެމީހުނ ކައިވެނި ކޮށްފައިވަނީ އެއްވެސް މީހަކަށް ނޭނގި ހަމައެކަނި އާއިލާގެ ހާޒިރުގައި މިމަހުގެ ހަތަރު ވަނަ ދުވަހު އެވެ. ކައިވެނި ހަފްލާ އާއި އެ ހަފްލާ އައި ގުޅުން ހުރި ހަރަކާތްތަކާއި ރަސްމިއްޔާތުތައް އޮތީ ހިމާޗަލް ޕްރަދޭޝްގެ މަންދީގައި އެވެ.
ޔާމީ ނިސްބަތްވަނީ ހިމާޗަލް ޕްރަދޭޝްގެ ބިލަސްޕޫރަށެވެ. އަދިތްޔާ އަކީ ވެރިރަށް ނިއުދިއްލީއަށް އުފަން މީހެކެވެ.
ދެމަފިރިން އެކުގައި މުމްބާއީ އެއާޕޯޓުން ގެއަށް ދާ މަންޒަރު ޕަޕަރާޒީންނަށް ފެނިފައިވެ އެވެ.
މި ދެމީހުންގެ ކައިވެންޏަކީ މުޅި ބޮލީވުޑަށް ސިހުން ގެނުވި ކައިވެންޏެވެ. އެ ދެމީހުންގެ މެދުގައި ގުޅުމެއް އޮތް ކަމެއް އާއިލާ އާއި ވަރަށް ގާތް ރަހުމަތްތެރިންނަށް ނޫނީ ކުރިން އެނގިފައެއް ނުވެ އެވެ.
ދެމީހުން ކައިވެނި ކުރިކަން ހާމަ ކުރީ ޔާމީ އިންސްޓަގްރާމްގައި ކައިވެނީގެ ފޮޓޯ އާންމުކޮށް ކުރި ޕޯސްޓަކާއި އެކު އެވެ. އެ ފޮޓޯ އާންމުކޮށް، ޔާމީ ބުނެފައިވަނީ ކައިވެނީގެ އުފާވެރި ހަފްލާ ބާއްވާފައިވަނީ ވަރަށް ހާއްސަ ކުޑަކުޑަ ރަސްމިއްޔާތަކާއި އެކު ކަމަށާއި އެންމެންގެ ފަރާތުން ހެޔޮ ދުއާ އެދޭ ކަމަށެވެ.
އަދިތްޔަ އަކީ 2019 ވަނަ އަހަރު ރިލީޒް ކުރި ކާމިޔާބު ފިލްމު “އުރީ” އިން ވިދާލާފައިވާ މަޝްހޫރު ޑައިރެކްޓަރެކެވެ. އެ ފިލްމުގައި ލީޑް ރޯލުން ފެނިގެންދިޔައީ ޔާމީ އެވެ. އެންމެން ގަބޫލު ކުރާ ގޮތުގައި ދެމީހުންގެ ގުޅުން ފެށުނީ އެހިސާބުންނެވެ.
ފިލްމު ޑައިރެކްޓު ކުރުމުގެ އިތުރުން އަދިތްޔާ އަކީ ވާހަކަވެސް ލިޔާ މީހެކެވެ. މިހާރު އަދިތްޔާ ޑައިރެކްޓު ކުރަމުން އަންނަ ފިލްމަކީ “އިމޯރަލްް އަޝްވަތަމާ” އެވެ.
ޔާމީ އެންމެ އަވަހަށް ދެން ފެނިގެން ދާނީ ފިލްމު “ބޫތް ޕޮލިސް” އިންނެވެ. ޔާމީގެ ކާމިޔާބު ފިލްމުތަކުގެ ތެރޭގައި “ކާބިލް” އަދި “ވިކީ ޑޯނާ” ހިމެނެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް