މައްކާ ރޫޓް އިނީޝިއޭޓިވްގައި ބައިވެރިވުމުގެ ފުރުޞަތު މިހާތަނަށް ލިބުނު 8 ޤައުމުގެ ތެރޭގައި ދިވެހިރާއްޖެ ހިމެނުމަކީ، ވަރަށް ބޮޑު އުފަލެއް، އަދި ޝަރަފެއްކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައެވެ.
ރާއްޖެއިން މި އަހަރު ޙައްޖަށް ދިޔަ ފުރަތަމަ 235 ޙައްޖުވެރީންނަށް ސަޢޫދީ ސަރުކާރުން ވަރަށް ހޫނު މަރްޙަބާއަކާ އެކު، ވަރަށް ފުރިހަމަ މެހެމާންދާރީއެއް އަދާކުރައްވާފައިވާކަމާއި ޙައްޖުވެރީން އެއާޕޯޓުގައި ގިނަވަގުތު މަޑު ކުރަން ނުޖެހި، ދަތުރު ފޮށި ތަންމަތި އަމިއްލައަށް އުފުލަން ނުޖެހި، ބޮޑެތި ލުއިތަކެއް ލިބިގެންދިޔަކަން ރައީސްގެ ޕޯސްޓްގައި ފާހަގަކުރައްވާފައިވެއެވެ.
"އިރާދަކުރެއްވިއްޔާ މި ފަހަރުގެ މުޅި ޙައްޖު ދަތުރުވެސް ދިވެހި ޙައްޖާޖީންނަށް މިފަދަ އެތައް ލުޔެއް ލިބި، ޚިދުމަތުގެ ފެންވަރުވެސް ރަނގަޅު ވާނެ، ދިވެހި ޙައްޖުވެރީންނަށް އެންމެ ލުއި، އެންމެ އިންތިޒާމު ރަނގަޅު ޙައްޖު މޫސުމަށް ވާނެ، އުންމީދަކީ ކުރިމަގުގައި މިއަށްވުރެވެސް ކަންކަން ފަހިވުން" ރައީސް ވިދާޅުވެފައިވެއެވެ.
ދިވެހި ޙައްޖުވެރީންނަށް ވަރަށް ބޮޑެތި ފަސޭހަތަކެއް މިއަހަރު ހޯދައިދެވޭތީ މާތްﷲގެ ޙަޟްރަތަށް ޙަމްދުކޮށް، އަދި ސަޢޫދީ ސަރުކާރަށް ޝުކުރު ދަންނަވާކަމުގައިވެސް ރައީސް ވިދާޅުވެފައިވެއެވެ.
މައްކާ ރޫޓް އިނީޝިއޭޓިވްއަކީ ހައްޖުވެރިން އެ ޤައުމެއްގެ އެއާޕޯޓުން ފުރާއިރު އިމިގްރޭޝަންގެ މަސައްކަތްވެސް ނިމި އަދި މައްކާ އެއާޕޯޓުގައިވެސް ގިނަ އިރު މަޑުކުރަން ނުޖެހި، ޙައްޖުވެރިންނަށް ގިނަ ފަސޭހަތަކެއް ލިބިގެންދާ އިނީޝިއޭޓިވްއެކެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް