މިރޭ އައި ލޮޅުމުގެ ސަބަބުން ރާއްޖެއަށް ނުރައްކަލެއް ކުރިމަތިވެދާނެކަމަށް ލަފާ ނުކުރެވޭކަމުގައި މެޓުން ބުނެފިއެވެ.
މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސާވިސް (މެޓް) އިން މިހެން ބުނެފައިވަނީ މި ލޮޅުމާއި ގުޅޭގޮތުން މެޓުން ކުރި ޕޯސްޓެއްގައެވެ.
އެ ޕޯސްޓްގައި ބުނެފައިވާގޮތުގައި މިރޭ ހދ. އަތޮޅުގެ ބައެއް ރަށްތަކުގެ ބިންގަނޑަށް ލޮޅުމެއް އައިކަމުގެ ރިޕޯޓުތައް އެ އިދާރާއަށް ލިބިފައިވެއެވެ.
"މިގޮތުން ބެލިބެލުމުން، ހދ. ހަނިމާދޫގައި ޤާއިމުކޮށްފައިވާ ބިންހެލުން ރެކޯޑުކުރާ މީޓަރަށް ރާއްޖޭގަޑިން މިރޭ 08:27ހާއިރު ލޮޅުމެއްގެ އަސަރުކޮށްފައިވާކަން ވަނީ ރެކޯޑު ކުރެވިފައި" މެޓުން ބުނެފައިވެއެވެ.
ލޮޅުމެއްގެ އިހްސާސްގެ ވާހަކަ މެޓުން ބުނެފައިވާއިރު އިންޑިއާގެ ސެންޓަރ ފޮރ ސިޒްމޯލޮޖީން ބުނެފައިވާގޮތުގައި އަރަބިކަނޑަށް މިރޭ ބިންހެލުމެއް އައިސްފައިވެއެވެ. އެ ބިންހެލުމަކީ ރިކްޓަރ މިންގަނޑުން 4.5ގެ ބިންހެލުމެއް ކަމަށާއި ބިންހެލުން އައި ސަރަހައްދަކީ ރާއްޖެއާއި 422 ކިލޯމީޓަރު ދުރު ސަރަހައްދެއްކަމުގައިވެސް ބުނެފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް