ކުޑަކުއްޖަކާ ގުޅޭ ބަދުއަޚްލާގީ މައްސަލައެއްގައި 10 އަހަރުގެ ހުކުމެއް ތަންފީޒުކުރަމުންދިޔަ ޤައިދީއަކު ނިޔާވެއްޖެއެވެ.
މޯލްޑިވްސް ކަރެކްޝަނަލް ސާވިސް އިން މިއަދު ބުނެފައިވާގޮތުގައި ހުކުމް ތަންފީޒު ކުރަމުންދަނިކޮށް ހުޅުމާލޭ ޖަލުގައި މިއަދު ދުނިޔެ ދޫކޮށްފައިވަނީ ތ. ތިމަރަފުށީ މިނިވަން އައްސޭރި، އުމުރުން 83 އަހަރުގެ އާދަމް ޢަލި މަނިކު އެވެ.
"އާދަމް ޢަލި މަނިކު ނުހޭލައިގެން، އެ ގޮޅީގައި ތިބި އެހެން ޤައިދީން ޑިއުޓީ އޮފިސަރުންނަށް އެންގުމުން، މެޑިކަލް ސެންޓަރަށް ގެންދިޔައިރުވެސް ހަރަކާތް ނުކުރާތީ، އޭނާ ވަނީ 12:00 ހާއިރު އެމަޖެންސީ ޙާލަތުގައި ހުޅުމާލޭ ހޮސްޕިޓަލަށް ގެންގޮސް ފަރުވާ ދޭން ފަށާފައި، ފަރުވާ ދިނުމަށްފަހުވެސް ހަރަކާތެއް ނެތުމުން، ފުރާނަ ނެތްކަމަށް ކަނޑައަޅާފައިވަނީ މެންދުރު 12:30 ހާއިރު" ކަރެކްޝަންސް އިން ބުނެފައިވެއެވެ.
ކަރެކްޝަންސް އިން ބުނެފައިވާގޮތުގައި ޢަލި މަނިކުއަކީ ހަކުރު ބަލި، ކިޑްނީ އަދި ކުޑަކަމުދާ ނިޒާމިގެ ބަލި، ކޮލެސްޓްރޯލް، ހައިޕަރޓެންޝަން އަދި ލޮލުގެ ބަލި ފަދަ ގިނަ ބަލިތަކަށް ބޭސްކުރަމުން އައި މީހެކެވެ.
މިކަން ކަރެކްޝަންސް އިން ވަގުތުން އޭނާގެ ޢާއިލާއަށާއި އިންސްޕެކްޓަރ އޮފް ކަރެކްޝަނަލް ސަރވިސްއަށާއި މޯލްޑިވްސް ޕޮލިސް ސަރވިސްއަށާއި ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސްއަށާއި ނެޝަނަލް އިންޓެގްރިޓީ ކޮމިޝަން އަށް އަންގާފައިވާނެކަމުގައިވެސް ކަރެކްޝަންސް އިން ބުނެފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް