ބަންގާޅުކަނޑުގައި އުފެދި މިހާރު ބަންގްލަދޭޝް އާއި އިންޑިއާގެ ވެސްޓް ބެންގޯލަށް އަރާފައިވާ ތޫފާން ރެމަލްގައި މިހާތަނަށް އަށް މީހަކު މަރުވެފައިވާކަމަށް މީޑިއާ ރިޕޯޓުތައް ބުނެފިއެވެ.
އެގޮތުން އެންމެ ފަހުގެ އަޕްޑޭޓްތަކަށް ބަލައިލާއިރު ބަންގްލަދޭޝްގެ މީޑިއާތަކުން ރިޕޯޓުކޮށްފައިވާގޮތުގައި މި ތޫފާނުގައި އެ ޤައުމުން ހަތް މީހަކު މަރުވެފައިވާކަން މިހާތަނަށް ކަށަވަރު ކުރެވިފައިވެއެވެ.
އިންޑިއާގެ ނޫސްތަކަށް ބަލައިލާއިރު އިންޑިއާގެ ކޮލްކައްތާއިން އެކަކު މަރުވެފައިވާކަމަށް އިންޑިއާ މީޑިއާއިން ރިޕޯޓުކުރެއެވެ.
ތޫފާނުގެ އަސަރު އެންމެ ބޮޑަށް ކުރަނީ އަދި މިހާރު ތޫފާން ހުރީ ބަންގުލަދޭޝްގެ މަތީގައިކަމުގައިވާއިރު އެންމެ ބޮޑު އަސަރެއް ކޮށްފައިވަނީ މުވާސަލާތީ ޚިދުމަތަށެވެ. އެގޮތުން ފޯނު ޓަވަރުތައް ވެއްޓި އިތުރު ގެއްލުންތައް ލިބި މިހާރު 15 މިލިޔަނެއްހާ ރައްޔިތުން ތިބީ މުވާސަލާތީ ޚިދުމަތުން މަޚްރޫމުވެފައިކަމުގައި ބަންގުލަދޭޝް މީޑިއާތަކުން ރިޕޯޓުކުރެއެވެ.
ގަދަ ވަޔާއި ވިއްސާރައިގެ ސަބަބުން ބަންގްލަދޭޝް އާއި އިންޑިއާގެ ބައެއް ސަރަހައްދުތަކުގައި އިމާރާތްތަކަށާއި އިންފްރާސްޓްރަކްޗާތަކަށް ބޮޑެތި ގެއްލުންތަކެއް ލިބެމުން އަންނައިރު ތޫފާން ރެމަލްގެ ގިންތި، ބާރުގަދަ ތޫފާނަކުން ތޫފާނަކަށް ބަދަލުވެފައިވާކަމަށް އިންޑިއާގެ މެޓުން ބުނެއެވެ. އެހެންނަމަވެސް ގަޑިއަކު 80 މޭލާއި ގާތްކުރާ ބާރުމިނެއްގައި ވައިޖެހެމުން އަންނައިރު އަދި ބޯ ވިއްސާރައާއެކުވެ މޫސުން އިންތިހާއަށް ގޯސްވެފައިވުމުން އަދިވެސް ލިބޭ ގެއްލުން ބޮޑުވެދާނެކަމަށް ބަލައި ސަލާމަތީ ފިޔަވަޅުތައް އަންނަނީ އިތުރަށް ވަރުގަދަ ކުރަމުންނެވެ. އަދި ހާލުގައި ޖެހޭ ފަރާތްތަކަށް އެހީވުމުގައިވެސް ޓީމުތައް އަންނަނީ ހަރަކާތްތެރިވަމުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް