ކުރީ ސަރުކާރުން އަހަރުގެ މެދުތެރެއަށް ދިރާސީ އަހަރު ފެށޭ ގޮތަށް ގެނައި ބަދަލުން، ދައުލަތުގެ މާލިޔަތަށް ބޮޑު ގެއްލުމެއް ލިބިފައިވާކަމަށް ތަޢުލީމީ ވަޒީރު ޑރ. އިސްމާއީލް ޝަފީޢު ވިދާޅުވެއްޖެއެވެ.
ކޮވިޑް އާއި ގުޅިގެން ދަރިވަރުން ސުކޫލަށް ހާޒިރުނުވެވި ދޮޅު އަހަރެއް ވީ ފަހުން ކުރިން ސަރުކާރުން ވަނީ މީލާދީ އަހަރު މެދު ތެރޭގައި ދިރާސީ އައު އަހަރުގެ ކިޔެވުން ފަށާގޮތަށް ބަދަލުކޮށްފައެވެ. މި ބަދަލުގެނެސް ފައި ވަނީ 2021 ވަނަ އަހަރު ތެރޭގައެވެ. މި ބަދަލާއި ގުޅިގެން އެ އަހަރުގެ ދިރާސީ އަހަރު ފެށީ އެ އަހަރުގެ އޮގަސްޓު މަހުގެ 10 ވަނަ ދުވަހުއެވެ.
ކުރީ ސަރުކާރުގެ މި ނިންމުމަށް ޚިޔާލު ހޯދި މީހުންގެ ތެރެއިން 70 އިންސައްތަ މީހުން އެކަމާ ދެކޮޅު ހެދި ކަމަށް ވުޒާރާއިން ކުރިން ވަނީ ވިދާޅުވެފައެވެ.
ކިޔެވުން އަހަރުގެ މެދުތެރެއަށް ބަދަލުކުރީ ރައްޔިތުންގެ ނުރުހުމުގައި ކަމަށް ވިދާޅުވެ އަހަރު ފަށާ އިރު ދިރާސީ އަހަރުގެ ކިޔެވުން ފަށާ ގޮތަށް ބަދަލުގެންނާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ މުޢިއްޒު ވަނީ ވައުދުވެވަޑައިގެންފައެވެ.
ރައީސްގެ މި ވައުދުފުޅުގެ މަތިން2026 ވަނަ އަހަރު، ދިރާސީ އަހަރުގެ ކިޔެވުން ފެށުމަށް ހަމަޖެހިފައިވަނީ ޖެނުއަރީގައި ކަމަށް ތައުލީމީ ވުޒާރާއިން ވަނީ ނިންމާފައެވެ.
ޕީއެސްއެމް ނިއުސްގެ ރާއްޖެ މިއަދު ޕްރޮގްރާމްގައި ވާހަކަދައްކަވަމުން ތައުލީމީ ވަޒީރު ޑރ އިސްމާޢިލް ޝަފީޢު ވިދާޅުވީ، ދިރާސީ އަހަރަކަށް ދައުލަތުން 3 ބިލިއަނެއްހާ ރުފިޔާ ބަޖެޓަށް ކަނޑައަޅާކަމަށެވެ. މިގޮތަށް ބަޖެޓް ކަނޑައަޅާއިރު، ދިރާސީ އަހަރުން 6 މަސް ދުވަސް ނަގާލުމުން އެ ބަޖެޓުން 1.5 ބިލިއަން ރުފިޔާގެ ގެއްލުން ލިބޭކަން ވަޒީރު ވަނީ ފާހަގަ ކުރައްވާފައެވެ.
މި އަހަރު ނެރެފައިވާ އެކަޑަމިކް ކަލަންޑާގައި ވާގޮތުގައި، މި އަހަރުގެ ކިޔެވުން މި މަހު26 ވަނަ ދުވަހު ފަށާފައިވާއިރު މި ދިރާސީ އަހަރުގެ ކިޔެވުން ނިމޭނީ 2025 ވަނަ އަހަރުގެ މާރޗް މަހުގެ 6 ވަނަ ދުވަހުއެވެ. އަދި 2025 ވަނަ އަހަރުގެ ދިރާސީ އަަހަރު ފެށޭނީ އޭޕްރިލްް 6 ވަނަ ދުވަހުއެވެ.
2026 ވަނަ އަހަރު ދިރާސީ އަހަރު ޖެނުއަރީގައި ފެށުމަށް 5 ޓާމެއްގެ މައްޗަށް ކުރިއަށް އޮތް އަހަރުތައް ބަދަލުކޮށްގެންކަން ވަޒީރު ވަނީ ފާހަގަ ކުރައްވާފައެވެ.އަދި މި ބަދަލު ގެންނާނީ ކެންބަރިޖުން ކިޔަވައިދިނުމަށް ކަނޑައަޅާފައިވާ ގަޑިތަކުގެ އުސޫލާ ހިލާފު ނުވާގޮތަށް، ކަމާ ބެހޭ ފަރާތްތަކުން ލަފާ ހޯދާއިގެން ކަމަށް ވަޒީރު ވަނީ ވިދާޅުވެފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް