ފ.ނިލަންދޫ ފަޅުގައި ދެރަށް ހިއްކައިގެން ޓުއަރިޒަމް މަސައްކަތް ފުޅާ ކޮށްދެއްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ ރިޔާސީ އިންތިޚާބަށް 3 މަހަށް ވެފައިވަނިކޮށް ނިލަންދެ އަތޮޅު އުތުރުބުރީގެ ހުރިހާ ރަށަކަށް ކުރައްވާ ރަސްމީ ދަތުރުފުޅެއްގައި ނިލަންދޫއަށް ވަޑައިގެން އެރަށުގެ ރައްޔިތުންނާއި ބައްދަލު ކުރައްވައި މިއަދު ދެއްކެވި ވާހަފުޅުގައެވެ.
ނިލަންދޫގެ ނަރުދަމާ ނިޒާމުގައި ހުރި މައްސަލަތައް ހައްލު ކޮށްދެއްވާނެކަމުގެ ޔަޤީންކަން ދެއްވަމުން ރައީސް ވަނީ އެރަށުގެ ފެނުގެ ނިޒާމް އަޕްގްރޭޑްކުރުންވެސް ކުރިއަށް ދާނެކަމަށް ވިވާޅުވެފައެވެ.
ހަމައެހެންމެ ނިލަންދޫގައި ހުންނަ އަތޮޅު ހޮސްޕިޓަލް ތަރައްޤީކުރުންވެސް ކުރިއަށް ގެންދަވާނެކަމުގެ ޔަޤީން ކަން ދެއްވާ ޒުވާނުންނަށް ވަޒީފާގެ ފުރުޞަތުތައް ފަހިކޮށްދިނުމަށްޓަކައި ނިލަންދޫގެ ފަޅުން ދެ ރަށް ހިއްކައި ޓޫރިޒަމަށް ހުޅުވާލައްވާނެކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ.
މިގޮތުން ޒުވާނުންނަށް އާއިލާއާއެކު ރަށުގައި އުޅުމުގެ ފުރުޞަތު ފަހިވެގެންދާނެ ކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ.
މީގެ އިތުރުން ނިލަންދޫގެ ތަރައްޤީއަށް ގިނަ ކަންތައްތަކެއް ކުރައްވަން ހުރިކަން ފާހަގަކުރައްވާ ރައްޔިތުންނަށް އޮތް އެންމެ ބޮޑު ދައްޗަކީ ބަނދަރުގެ ދަތިކަންކަމަށް ވިދާޅުވެ އެ ދަތިކަން ހައްލުކޮށްދެވުމަށް ރައްޔިތުން ބޭނުންވާގޮތަށް ބަނދަރު ހަދަން ކޮންޓްރެކްޓް ކޮށްފައިވާ ކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ.
ހަމައެހެންމެ ނިލަންދޫގައި ސަރަޙައްދީ ޕޮލިސް ސްޓޭޝަން ޤާއިމް ކުރައްވާނެ ކަމަށް ވިދާޅުވެ މި ދައުރު ނިމުމަކާއި ހަމައަށް އައިސްފައިވާއިރު ރައްޔިތުންނަށް އެމަނިކުފާނު ވެވަޑައިގެންނެވި ވަޢުދާއި އެއްގޮތަށް ގިނަ ކަންކަން ފުރިހަމަކޮށް ދެވިފައިވާ ކަމަށް ރައީސް ޞާލިހް ވަނީ ވިދާޅުވެފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް