އަންނަ ބުރާސްފަތި ދުވަހުގެ ރޭ ބިއެމްއެލްގެ ކާޑު ސިސްޓަމް އަޕްގްރޭޑް ކުރަނީ

އަންނަ ބުރާސްފަތި ދުވަހުގެ ރޭ ބީއެމްއެލްގެ ކާޑް ސިސްޓަމް އަޕްގްރޭޑް ކުރުމުގެ މަސައްކަތް ކުރިއަށް ގެންދިޔުމަށް  އެ ބޭންކުން ނިންމައިފިއެވެ. މި ގޮތުން މި މަސައްކަތް ކުރުމަށް ހަމަޖެހިފައިވަނީ 3 ޖޫން 2021...

27 May 2021 | 17:48

އަންނަ ބުރާސްފަތި ދުވަހުގެ ރޭ ބީއެމްއެލްގެ ކާޑް ސިސްޓަމް އަޕްގްރޭޑް ކުރުމުގެ މަސައްކަތް ކުރިއަށް ގެންދިޔުމަށް  އެ ބޭންކުން ނިންމައިފިއެވެ.

މި ގޮތުން މި މަސައްކަތް ކުރުމަށް ހަމަޖެހިފައިވަނީ 3 ޖޫން 2021 ވާ ބުރާސްފަތި ދުވަހުގެ ރޭ 10:00 އިން ފެށިގެން 4 ޖޫން 2021 ވާ ހުކުރު ދުވަހުގެ ހެދުނު 9:00 އަށް ކަމުގައި ބީއެމްއެލްއިން ބުނެއެވެ.

"މިއީ ކަސްޓަމަރުންނަށް ދެމުންދާ ބޭންކިންގ ހިދުމަތުގެ ފެންވަރު ރަނގަޅުކުރުމަށް ބޭންކުން ކުރަމުންދާ މަސައްކަތުގެ ދަށުން ކުރިއަށް އޮތް ތާނގައި ހިދުމަތަށް ގެންނަން ބޭނުންވާ މުހންމު ބަދަލުތައް ގެނައުމުގެ ބޭނުމުގައި އާއި މި ސިނާއަތުގައި ކަނޑައެޅިފައިވާ މިންގަޑުތަކާ އެއްގޮތަށް ހަރުދަނާ ކަމާއެކު ހިދުމަތް ދިނުމުގެ ގޮތުން ބޭންކުން ކުރުމަށް ނިންމާފައިވާ މުހިންމު މަސައްކަތެއް" ބީއެމްއެލްއިން ބުނެފައިވެއެވެ.

މި މަސައްކަތް ކުރެވެމުންދާ ވަގުތުގައި ރާއްޖެއާއި ރާއްޖޭން ބޭރުގައި ލިބޭ ކާޑުގެ ހިދުމަތްތައް ހިމެނޭހެން އޭޓީއެމް، ޕީއޯއެސް، އެމްޕޮސް، މަރޗަންޓް ޕޯޓަލް، ޕޭމަންޓް ގޭޓްވޭގެ އިތުރުން މޮބައިލް ޕޭ ގެ ހިދުމަތް ވަގުތީ ގޮތުން މެދުކެނޑޭނެ ކަމަށާއި ނަމަވެސް މި ވަގުތުގައި އިންޓަރނެޓް ބޭންކިންގ އަދި މޮބައިލް ބޭންކިންގެ ހިދުމަތް ލިބޭނެ ކަމުގައިވެސް އެ ބޭންކުން ބުނެއެވެ.

އިތުރަށް ބުނެފައިވަނީ އަޕްގްރޭޑްގެ މަސައްކަތް ނިމުމުން ކުރިއެކޭ އެއްގޮތަށް ހިދުމަތްތައް ލިބޭނެ ކަމަށެވެ.

ބީއެމްއެލް އަކީ ރާއްޖޭގައި އެންމެ ފުޅާ ދާއިރާއެއްގައި ކާޑުގެ ހިދުމަތްތައް ދެމުންދާ ބޭންކެވެ. އަދި އެ ބޭންކުން އަންނަނީ 2004 ވަނަ އަހަރުން ފެށިގެން އިންޓަރނޭޝަނަލް ކާޑުތަކުގެ ހިދުމަތް ދެމުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް