އެންމެ މުހިންމު ވާހަކައަކަށް ރައީސަ އިބްރާހިމް މުހައްމަދު ޞާލިޙަށް ދެންނެވީ ހިޔާ މަޝްރޫޢުގެ ވާހަކަ ކަމަށް މާލެ ސިޓީގެ މޭޔަރ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
މުއިއްޒު މިހެން ވިދާޅުވީ، މިރޭ މާލެ ސިޓީކައުންސިލުން ބޭއްވި ޕްރެސް ކޮންފަރެންސް އެއްގައެވެ. އެގޮތުން ރައީސް އާ ބައްދަލުކޮށް ދެއްކެވި ވާހަކަފުޅުތައް މީޑިޔާއާ ހިއްސާކުރައްވަމުން މުއިއްޒު ވިދާޅުވީ، ހިޔާ ފްލެޓްގެ އަގަކީ ރައްޔިތުންނަށް ތަހައްމަލް ކުރެވޭނެ އަގަކަށް ނުވާނެ ކަމަށް ރައީސަށް ދެންނެވި ކަމަށެވެ.
"އަޅުގަނޑު ދެންނެވީ، ރައްޔިތުންނަށް ތަހައްމަލު ކުރެވޭނެ އަގަކަށް ނުވެޔޭ މަހަކު8500 ރުފިޔާ ދައްކަން ޖެހުން. އެއީ އެއްގޮތަކަށްވެސް ރައްޔިތުންނަށް އެފޯޑަބަލް އަގަކަށް ނުވާނެއޭ، ދެ ކޮޓަރީގެ ފްލެޓްއަކަށް. އަދި އަމުދުން އެތަންތަން ނިންމައިގެން ވަންނަން ޖެހޭ ހާލަތުގައި ހަވާލުވެގެން ދާއިރުގައި، ފިނިޝިންގެ ބައެއް މަސައްކަތް ކުރަންޖެހޭ ގޮތަށް މިއޮތީ." މުއިއްޒު ވިދާޅުވީ، މިކަންކަމަށް ރިޢާޔަތްކޮށް، ހިޔާ މަޝްރޫޢުގެ މިހާރު އަގަކީ ބޮޑު އަދަދެއްކަމަށް ރައީސަށް ދެންނެވި ކަމަށެވެ.
ހިޔާ ފްލެޓްގެ އަގު ބޮޑުވުމުގެ އިތުރުން، އަމިއްލަ ޚަރަދުގައި އެތަން ނިންމުމުގެ ބައެއް ކަންކަން ކުރަން ޖެހޭތީ، ފްލެޓްތަކަށް ވަނުމަށްޓަކައި ދެ ލައްކައެއްހާ ރުފިޔާ ޚަރަދުވާނެ ކަމަށް އަންދާޒާކުރެވޭ ކަމަށް ވެސް ރައީސަށް ދެންނެވި ކަމަށެވެ.
އެއީ އާއްމު ރައްޔިތެއްގެ އަތުން ކުރެވޭނެ ވަރަށްވުރެ ބޮޑު ޚަރަދެއްކަން ފާހަގަކުރަމުން މުއިއްޒު ވިދާޅުވީ، އާއްމު ރައްޔިތެއް އެ ޚަރަދު ކުރާނަމަ ޖެހޭނީ ކޮންމެވެސް މީހެއްގެ އަތުން ދަރައިގެން އެފައިސާ ހޯދަން ކަމަށެވެ.
" އެހެންކަމުން އަޅުގަނޑު އެދުނީ އެއްކަމަށް، ފްލެޓްގެ އަގުން، އެތަން ނިންމަން ދާ ޚަރަދު ފިނިޝިންގް ކޯސްޓްގެ އެވްރެޖް އަދަދެއް ނަމަވެސް އުނި ކުރެވިގެން ދިއުމަކީ ރައްޔިތުންނަށް ލިބުނު ލިޔަކަށް ވާނޭ" މުއިއްޒު ފާހަގަ ކުރެއްވިއެވެ.
އަދި މަހަކު ދައްކަން ހަަމަޖެހިފައިވާ8500 ރުފިޔާ އެއަށްވުރެ ކުޑަކޮށްދެއްވުމަށް ވިސްނާވަޑައިގެންނެވުމަށް ރައީސްގެ އަރިހުން އެދުނުކަމަށް މުއިއްޒު ވިދާޅުވިއެވެ.
އަދި އެއަށް ރައީސް ވަރަށް އުންމީދީ ޖަވާބެއް ދެއްވި ކަމަށާއި، މިހާރުގެ އަގު ބޮޑުކަން ރައީސްވެސް ގަބޫލުފުޅު ކުރައްވާކަން ހާމަކުރެއްވިކަމަށް މުއިއްޒުގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް