ކޮވިޑް އެލަވަންސް ފައިސާ ލިބުނު ރައްޔިތަކު މިގައުމަކުން ނުފެނުނު: މުސްޠަފާ

ކޮވިޑާއި ގުޅިގެން ކަމަށް ބުނެ ސަރުކާރުން ދޫކުރާ އެލަވަންސް ފައިސާ ލިބުނު ރައްޔިތަކު މިގައުމަކުން ނުފެނުނު ކަމަށް ތިމަރަފުށީ ދާއިރާގެ ކުރީގެ މެމްބަރު މުހައްމަދު މުސްޠަފާ ވިދާޅުވެއްޖެއެވެ. ކޯވިޑް-19 އާއ...

27 May 2021 | 16:28

ކޮވިޑާއި ގުޅިގެން ކަމަށް ބުނެ ސަރުކާރުން ދޫކުރާ އެލަވަންސް ފައިސާ ލިބުނު ރައްޔިތަކު މިގައުމަކުން ނުފެނުނު ކަމަށް ތިމަރަފުށީ ދާއިރާގެ ކުރީގެ މެމްބަރު މުހައްމަދު މުސްޠަފާ ވިދާޅުވެއްޖެއެވެ.

ކޯވިޑް-19 އާއި ގުޅިގެން ސަރުކާރުން ދަނީ އެކި އެލަވަންސްތައް ދެމުންނެވެ. އެގޮތުން ސިއްހީ ހިދުމަތްތެރިންނަށް ފްރޮންޓްލައިން އެލަވަންސާއި ވަޒިފާ ގެއްލުނު މީހުންނަށް ކުރިން ދިން އިންކަމް ސަޕޯޓު އެލަވަންސް ހިމެނެ އެވެ.

މުސްޠަފާ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ކޮވިޑް އެލަވަންސް އަށް300 މިލިއަން،400 މިލިއަން ދޫކޮށްފައިވާކަމަށް ސަރުކާރުން ގޮވަމުންދާ ކަމަށެވެ. އެކަމަކު، އެބުނާ ފައިސާއެއް ލިބުނު ރައްޔިތަކު މި ގައުމަކުން ނުފެނުނު ކަމަށެވެ.

އޭނާ ވިދާޅުވީ ކޮވިޑް އެލަވަންސް ދިނުމަކީ ފަލަމަޑި ވަޒީރު ކުރަމުން ދާ ވައްކަމެއް ކަމަށެވެ. އަދި ފައިސާ ދޭންޖެހޭ އުމުރުގެ މީހުން ކޯވިޑްގައި މަރުވެ ހުސްވަމުންދާ ކަމަށް ވިދާޅުވެފައިވެ އެވެ.

https://twitter.com/Thimarafushi/status/1397933193899085829

ކޮވިޑްއާ ގުޅިގެން ސަރުކާރުން ފްރަންޓްލައިން އެލަވަންސް ދެމުން ދިޔަ ނަމަވެސް، އެ އެލަވަންސް ނުލިބޭ ކަމަށް ރާއްޖޭގެ އެކި ކަންކޮޅުތަކުގެ ސިއްހީ ހިދުމަތްތެރިން ބުނަމުން ދެއެވެ.

އަދި ޕެންޑަމިން ފެށިގެން މިއަދާ ހަމައަށްވެސް ފްރަންޓްލައިންގެ އެލަވަންސް ނުލިބޭ ކަމުގެ ޝަކުވާ، ސިއްހީ ޚިދުމަތްތެރިންކުރެއެވެ.

ފިނޭންސް މިނިސްޓްރީން އެންމެ ފަހުން އާއްމުކޮށްފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު، މިދިޔަ މަހުގެ29 ގެ ނިޔަލަށް، ފްރަންޓްލައިންގެ މުވައްޒަފުންނަށް145 މިލިއަން ރުފިޔާގެ އެލަވަންސް ސަރުކާރުން ދޫކޮށްފައިވާ ކަމަށް ދައްކައެވެ.

އެގޮތުން އެމްއެންޑީއެފްގެ ފްރަންޓްލައިންގައި މަސައްކަތް ކުރައްވާ މުވައްޒަފުންނަށް48.5 މިލިއަން، އެންޑީއެމްއޭގެ މުވައްޒަފުންނަށް36 މިލިއަން އަދި ހެލްތް މިނިސްޓްރީގެ މުވައްޒަފުންނަށް33.9 މިލިއަންގެ އިތުރުން ފުލުހުންނަށް27.4 މިލިއަން ރުފިޔާ ދީފައިވާކަމަށް ފިނޭންސް މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކައެވެ.

ކޮވިޑް-19 އާ ގުޅިގެން ފްރަންޓްލައިންގައި މަސައްކަތްކުރައްވާ ފަރާތްތަކަށް އެލަވަންސް ދޭން ފަށާފައި ވަނީ މިދިޔަ އަހަރުގެ ޖުލައިމަހުގެ ތެރޭގައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް