އދ. މާމިގިލީގައި ކޯވިޑް ފެތުރެމުންދާތާ ދެ މަސްވާން ކައިރިވެފައިވާއިރު ހާލަތަށް ބަދަލެއް ނާންނަ ކަމަށް އެ ރަށު ކައުންސިލާއި ސިއްހީ މަރުކަޒުން ހާމަކޮށްފި އެވެ.
މާމިގިލީ ފްލޫ ކްލިނިކަށް ޑޮކްޓަރަށް ދެއްކި މީހަކު ކޯވިޑަށް ޕޮސިޓިވްވެ އެ ރަށް މޮނިޓަރިންގެ ހާލަތަށް ގެނައީ މިދިޔަ މަހުގެ ހަތަރު ވަނަ ދުވަހު އެވެ. އޭގެ ފަހުން މިހާތަނަށް އެ ރަށުން ކޯވިޑް-19 އަށް 470 މީހުން ޕޮސިޓިވްވެފައިވެ އެވެ.
މާމިގިލީ ސިއްހީ މަރުކަޒުގެ އެންމެ ފަހުގެ ތަފާސް ހިސާބު ދައްކަގޮތުން އެންމެ ފަހުން މިދިޔަ އަންގާރަ ދުވަހު އެކަނިވެސް އެ ރަށުން 44 މީހުން ކޯވިޑް-19 އަށް ޕޮސިޓިވެފައިވެ އެވެ. އަދި މިވަގުތު އެކްޓިވް ކޭސްތަކުގެ ގޮތުގައި އެ ރަށުގައި ޕޮސިޓިވް 237 މީހުން އެބަތިއްބެވެ.
ކޯވިޑަށް ޓެސްޓު ކުރި މީހުންގެ ތެރެއިން 93 މީހެއްގެ ނަތީޖާ ކަށަވަރު ނުވެވެސް އަބަތިއްބެވެ. މީގެ އިތުރުން ކޯވިޑަށް ޕޮސިޓިވްވެފައިވާ މީހުންގެ ތެރެއިން ފަސް މީހަކަށް އެ ރަށު ސިއްހީ މަރުކަޒުގައި އެޑްމިޓްކޮށްގެން ފަރުވާ ދެމުން ދާއިރު ފަސް މީހަކު ވަނީ އިތުރު ފަރުވާ ދިނުމަށް މާލެއަށް ގެނެސްފައި އެވެ.
މަރުކަޒުގެ ތަފާސް ހިސާބު ދައްކާގޮތުން އެ ރަށުން ކޯވިޑް ޖެހުނު މީހަކު ވަނީ މަރުވެފަ އެވެ. ބެލެވޭ ގޮތުގައި އެމީހާ އަކީ މާލެ ފަރުވާއަށް ބަދަލު ކުރި ފަހުން މަރުވި މީހެކެވެ.
މާމިގިލީގައި ކޯވިޑް ކޮންޓްރޯލް ކުރަން ކާފިއު ހިންގި ނަމަވެސް ބަލި ކޮންޓްރޯލެއް ނުވެ އެވެ. މާމިގިއްޔާއި އެކު އެންމެ ހަލުވި ކަމާއި އެކު ކޯވިޑް ފެތުރު ރަށްތައް ކަމަށްވާ ކ. މާފުއްޓާއި އއ. މަތިވެރީގައި ކޯވިޑް ފެތުރުން ވަނީ ވަރަށް ބޮޑަށް ކޮންޓްރޯލްވެފައި އެވެ.
މިކަމާއި ގުޅިގެން އެ ރަށު ކައުންސިލާއި ރައްޔިތުން ވަނީ ކޯވިޑް ކޮންޓްރޯލް ކުރުމަށް އިތުރު ފިޔަވަޅުތައް އަޅައި ދިނުމަށް އެޗްއީއޯސީގައި އެދިފަ އެވެ. މިކަމާއި ގުޅިގެން ރައީސް އޮފީހުގެ ތަރުޖަމާނު މުހައްމަދު މަބްރޫކް މިދިޔަ ހަފްތާގައި ބޭއވްި ނޫސްވެރިންގެ ބައްދަލުވުމުގައި ވިދާޅުވެފައިވަނީ މާމިގިލީގެ ހާލަތާއި ގުޅޭގޮތުން މަޝްވަރާ ކުރަމުންދާ ކަމަށާއި ރައްޔިތުންގެ ހުރި ކަންބޮޑުވުންތައް އެނގިވަޑައިގެންނަވާ ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް