ރަނގަޅަށް ކުނި ބަންދު ނުކޮށް ހުންނާތީ ވެމްކޯ މުވައްޒަފުންނަށް ޒަޚަމްތަކެއް

ރަނގަޅަށް ކުނި ބަންދު ނުކޮށް ހުންނާތީ ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން ލިމިޓެޑް (ވެމްކޯ) މުވައްޒަފުންނަށް ބޮޑެތި ޒަޚަމްތަކެއް ލިބެމުންދާކަމަށް އެ ކުންފުނިން ބުނެއެވެ. އެގޮތުން ރޭ23:00 ގައި މާލެ ސިޓީގެ ގ...

27 May 2021 | 14:46

ރަނގަޅަށް ކުނި ބަންދު ނުކޮށް ހުންނާތީ ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން ލިމިޓެޑް (ވެމްކޯ) މުވައްޒަފުންނަށް ބޮޑެތި ޒަޚަމްތަކެއް ލިބެމުންދާކަމަށް އެ ކުންފުނިން ބުނެއެވެ.

އެގޮތުން ރޭ23:00 ގައި މާލެ ސިޓީގެ ގެއަކުން ނެރެފައިވާ ޑަސްބިނެއްގައި އޮތް ކުނި ކޮތަޅެއް ނެގުމުގައި ހަރަކާތްތެރިވި ވެމްކޯގެ މުވައްޒަފެއްކެ އަތަށް ތޫނު އެއްޗެއް ހެރި، އަތުގެ ނާރުތަކަށް ވަރަށްބޮޑަށް ގެއްލުންވެފައި ވެއެވެ.

އަދި މިއަދުވެސް ފުރަމާލެ ސަރަހައްދުގައި މަސައްކަތްކުރާ ވެމްކޯގެ މުވައްޒަފުންނަށް މިފަދަ ތިން ހާދިސާއެއް ކުރިމަތިވެފައި ވާކަމަށް ވެމްކޯއިން މައުލޫމާތުދެއެެވެ. އެކަމުގެ ސަބަބުން ވެމްކޯގެ ބައެއް މުވައްޒަފުންނަށް އެކިވަރުގެ ހާނީއްއަކާއި އަނިޔާ ވެފައިވެއެވެ.

ކުނި ނެގުމުގައި ހަރަކާތްތެރިވާ ވެށިފާރަވެރިންނަކީ ވެމްކޯގެ ބެލުމުގެ ދަށުގައި ވާ ބައެއް ކަމުން، އެ ފަރާތްތަކަށް މިފަދަ އަނިޔާތަކާ ކުރިމަތިލާން ޖެހެމުންދާތީ ވެމްކޯއިން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.

އެގޮތުން ވެމްކޯއިން ބުނެފައިވަނީ، ކޮވިޑްގެ މި ނުރައްކާތެރި ދަނޑިވަޅުގައި، ވެށިފާރަވެރިންގެ ރައްކާތެރިކަން ކަށަވަރުކޮށްދިނުމަށްޓްކައި، ރައްކާތެރި އަންގި، މާސްކް އާއި އެނޫންވެސް އާލާތްތައް ބަރާބަރަށް ފޯރުކޮށްދެމުން ދާކަމަށެވެ.

ވެމްކޯއިން ފާހަގަކުރާ ގޮތުގައި، އެ ކުންފުނިން އާއްމުކޮށްފައިވާ ކުނި ބަންދު ކުރުމުގެ މިންގަނޑަށް ބެލުމެއް ނެތި ގިނަ އަދަދެއްގެ ކަސްޓަމަރުން ކުނި ނެރެއެވެ. އަދި މީގެ ސަބަބުން ވެމްކޯގެ ވެށިފާރަވެރިންނަށް އެކިކަހަލަ ހާނީއްކައާއި އަނިޔާ އަބަދުމެ ލިބެމުން ދާ ކަމަށެވެ.

އެހެންކަމުން، ބިއްލޫރި، ދަގަނޑު އަދި އެހެނިހެން ތޫނު އެއްޗެހި ރަނގަޅަށް ބަންދުނުކޮށް ނެރުމަކީ ވެމްކޯގެ މުވައްޒަފުންނަށް ބޮޑެތި އަނިޔާތަކެއް ލިބޭނެ ކަމެއްކަމަށް ވުުމުން، މިދަފަ ހާދިސާތައް ތަކުރާރު ވިޔަ ނުދިނުމަށްޓަކައި ކުނި ނެރޭއިރު މިހާރަށްވުރެ ބޮޑަށް ސަމާލުވުމަށް ވެމްކޯއިން ވަނީ އިލްތިމާސްކޮށްފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް