ދެން އަންނާނީ ތޫފާން ގުލާބު، އެއަށްފަހު ތޫފާން ޝާހީން އާއި ތޫފާން ޖަވާދު

ދުނިޔޭގެ އެކި ކަންކޮޅުތަކުގައި އުފެދޭ ތޫފާންތަކަށް ހުންނަނީ ދުރާލާ ނަން ދީފައެވެ. ނަން ދެމުން ދާނީ އެ ސަރަހައްދެއްގައި ހިމެނޭ ގައުމުތަކުން ދުރާލާ ދީފައިވާ ނަން ލިސްޓުންނެވެ. އެންމެ ފަހުން ބޭނުންކުރި ލ...

27 May 2021 | 14:21

ދުނިޔޭގެ އެކި ކަންކޮޅުތަކުގައި އުފެދޭ ތޫފާންތަކަށް ހުންނަނީ ދުރާލާ ނަން ދީފައެވެ. ނަން ދެމުން ދާނީ އެ ސަރަހައްދެއްގައި ހިމެނޭ ގައުމުތަކުން ދުރާލާ ދީފައިވާ ނަން ލިސްޓުންނެވެ.

އެންމެ ފަހުން ބޭނުންކުރި ލިސްޓުގެ ނަންތައް ހަމަވެސް މިހާރު ބޭނުން ކުރަން ފަށާފައިވާ ލިސްޓުން ހަ ނަމެއް މިވަނީ ބޭނުން ކުރެވިފައެވެ. އެއީ މިދިޔަ އަހަރު އުފެދުނު ނިސާގަ ތޫފާނާއި، ގަޓީ ތޫފާނާއި ނިވާރް ތޫފާނާއި ބުރެވި ތޫފާނާއި މި އަހަރު އުފެދުނު ޓައުޓޭ ތޫފާނާއި ޔަސް ތޫފާނެވެ.

މި ލިސްޓުގެ ތަރުތީބަށް ބަލާނަމަ މި ސަރަހައްދުގައި އުފެދޭ ތޫފާނަކަށް ދެން ކިޔާނީ ތޫފާން ގުލާބެވެ. ގުލާބު މި ނަން ދީފައިވަނީ ޕާކިސްތާނުންނެވެ. އެއަށްފަހު ދެން އުފެދޭ ތޫފާނަކަށް ކިޔާނީ ތޫފާން ޝާހީން އެވެ. އެއީ ގަތަރުން ދީފައިވާ ނަމެކެވެ.

ތޫފާނުގެ ނަން ލިސްޓަށް ބަލާލާއިރު ދިވެހިންނަށް އެންމެ ބޮޑަށް އަޅައިގަންނާނެ ނަންތަކެއް ދީފައިވަނީ ސައޫދީ އަރަބިއްޔާއިންނެވެ. އެއީ ތޫފާން ޖަވާދު، ތޫފާން ގަޒީރު، ތޫފާން އާސިފް، ތޫފާން ފާއިދު، ތޫފާން ނަޚީލް، ތޫފާން ހަބޫބު އަދި ތޫފާން ވާބިލެވެ.

މި ލިސްޓަށް ރާއްޖެއިންވެސް 13 ނަމެއް ދީފައިވެއެވެ. އެއީ ތޫފާން ބުރެވި، ތޫފާން މިދިލި، ތޫފާން ކާނި، ތޫފާން އޮޑި، ތޫފާން ކެނައު، ތޫފާން އެންދެރި، ތޫފާން ރިޔައު، ތޫފާން ގުރުވަ، ތޫފާން ކުރަނގި، ތޫފާން ކުރެދި، ތޫފާން ހޯރަނގު، ތޫފާން ތުނޑި އަދި ތޫފާން ފާނައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް